ﷲ ތަޢާލާގެ މުޢްޖިޒާތްތަކުގެ ތެރެއިން ކޮންމެ މީހަކަށްވެސް އެންމެ ފަސޭހައިން ފެންނާނެ މުޢްޖިޒާތްތައް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ﷲ ތަޢާލާގެ މުޢްޖިޒާތްތަކުގެ ތެރެއިން ކޮންމެ މީހަކަށްވެސް އެންމެ ފަސޭހައިން ފެންނާނެ މުޢްޖިޒާތްތައް-!

އިންސާނުން މިވަނީ ޢިލްމީ ގޮތުން ދުވަހަކުވެސް ކުރިއަރައިގެން ނުދާ މިންވަރަށް ކުރިއަރައިގެން ގޮސްފައެވެ. އެއީ ޢިލްމް އުނގެނި ކަންކަން ދެނެގަތުމުގެ ކުޅަދާނަކަން ދުވަހެއް ދުވަހަކަށް އިތުރުކޮށްދެއްވަވަމުން ގެންދާތީއެވެ. ޢިލްމް އަހުރެމެންނަށް ލިބޭނީ ﷲ ތަޢާލާ ދެއްވެވި ވަރަކަށެވެ. ވީމާ އަބަދުވެސް ނުއެނގޭ ކަންތައްތަކެއް ހުންނާނެއެވެ. ހިތުގައި އުފެދޭ ސުވާލުތައްވެސް ހުންނާނެއެވެ.

ތިމާ ކަމެއް ކުރަން ބޭނުން ނުވުމުން އިތުރު ބަހަނާތައް ދެއްކުމަކީ ގިނަބައެއްގެ ކިބައިގައި ހުންނަ ސިފައެކެވެ. އެގޮތުން ވަރަށް ގިނަ ބައަކު އުޅެނީ އެމީހުންގެ ލޮލަށް ﷲ ތަޢާލާގެ މުޢްޖިޒާތެއް ނުދައްކަވައިގެންނެވެ. ހިތާމައަކީ މުޢްޖިޒާތް ފެނި، ބައްދަލުވެ، އެއިގެ ބޭނުންހިފޭއިރު ވެސް އެމީހުންނަށް ނުއެނގޭކަމެވެ.

ބައެއް މީހުން އެމީހުންނަށް ﷲ ތަޢާލާ މުޢްޖިޒާތް ނުދައްކަވާ ކަމަށް ބުނެ ވާހަކަދައްކައެވެ. އެއީ އެމީހުންނަށް ވިސްނޭ ގޮތެވެ. ބުއްދީގެ އަހުލުވެރިންނަށް ނުވަތަ ކަންކަމަށް ވިސްނައި ފިކުރުކުރާ ބައަކަށް ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކީ މުޢްޖިޒާތެވެ. އެއިގެ ތެރެއިން އެންމެ ފުރިހަމަ އެއް މުޢްޖިޒާތަކީ ތިމާއެވެ! އިންސާނާއެވެ. އިންސާނާގެ ހަށިގަނޑު އުފައްދަވާފައިވާ ގޮތެވެ.

ކުޅަދުންވަންތަކުގެ އެންމެ ބޮޑު އެއް ހެއްކަކީ ﷲ ތަޢާލާ އިންސާނާއަށް ދެއްވަވާ ނިޢްމަތްތަކެވެ. އެއްވެސް ނިޢްމަތެއް އެކަލާނގެ އަނބުރައި ގެންދަވައިފިނަމަ ނުވަތަ ނުދެއްވަވާނަމަ ނުލިބޭނެއެވެ. މިސާލަކަށް ފެނުމުން، އަޑު އިވުމުން މަޙްރޫމް ކުރައްވަވައިފިނަމަ އެއިން ނިޢްމަތެއް ލިބިގަނެވޭނެ އެއްވެސް ގޮތެއް ނެތެވެ.

މިސާލަކަށް އަޑުއިވުމުން މަޙްރޫމް ކުރައްވަވައިފި މީހަކަށް އަޑު އިއްވޭނެ ގޮތެއް ނެތެވެ. ފެނުމުން މަޙްރޫމްކުރައްވަވައިފި މީހެއްގެ ލޮލަށް ފެންނާނެ އެއްވެސް ގޮތެއް ނެތެވެ. އެފަދަ ލެންސެއް އަދި އަިނެއްވެސް މިހައިތަނަށް އުފެއްދިފައެއް ނުވެއެވެ. ނުވެސް އުފެއްދޭނެއެވެ.

މިސާލަކަށް ދުލަށް ބަލައިލާށެވެ! ދޯ އޮތް ނަމަވެސް ވާހަކަ ދެއްކޭނީ ﷲ ތަޢާލާ އިރާދަ ކުރެއްވެވި އަލަކަށެވެ. އަދި ދުލުގައި އެއްޗެތި ޖެއްސި ނަމަވެސް އެންމެ ކުޑަމިނުން ރަހަ އެނގޭނީވެސް އެކަމުގެ ހިއްޞު ދެއްވަވާފައިވާނަމައެވެ.

ދެން އޮތީ ފުރާނައެވެ. ﷲ ތަޢާލާ އެމީހެއްގެ ފުރާނަ ގެންދަވައިފި މީހަކަށް އަލުން ދިރުން ދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ޑޮކްޓަރުންނާއި ޢިލްމުވެރިން އެކުވި ނަމަވެސް ދރުން ނުދެވޭނެއެވެ. ﷲ ތަޢާލާ އެމީހެއްގެ ފުރާނަ ގެންދަވާފައިވާ ހަމައެކަކަށްވެސް އެނބުރި ދުނިޔެއަށް އާދެވިފައިނުވާކަން އެކަމުގެ ދަލީލަކަށް ފުދި އިތުރުވާނެއެވެ.

ވީމާ މިކަންކަމަށް އެކަނި ވިސްނައިލި ނަމަވެސް ތިމާއަށް މުޢްޖިޒާތެއް ނުދައްކަވައިގެން އެކަމުގެ ވާހަކަ ދެއްކޭކަށް ނެތެވެ. މުޢްޖިޒާތްތައް މިހިރީ ބަލައިލި ކޮންމެ ކަމަކުން ފެންނާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން