ނަމާދުކުރުމުން އެމީހަކަށް ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟ ސުވާލަށް ހަަމައެކަނި މިޖަވާބުންވެސް ފުދޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ނަމާދުކުރުމުން އެމީހަކަށް ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟ ސުވާލަށް ހަަމައެކަނި މިޖަވާބުންވެސް ފުދޭނެ! އިން ޝާ ﷲ

އެއްވެސް ކަމަކާއިހެދި އުފެދޭ ސުވާލުތައް ނުކޮށް ތިބެގެން ނުވާނެއެވެ. އެކަމަކާއި ގުޅިގެން ހިތުގައި ޝައްކެއް އުފެދޭނަމަ އެކަން ފިލުވައި ލެވޭނީ ސުވާލުކޮށްގެންނެވެ. ޚާއްޞަކޮށް ދީނުގެ ކަންކަމުގައި ރަނގަޅު ގޮތަކަށްވާނީ ޝައްކު އުފެދޭ ކަންކަމުގައި ވީހައި އަވަހަކަށް އެކަމެއްގެ ޙަޤީޤަތް އޮޅުންފިލުވުމެވެ.

އެނގޭހެއްޔެވެ؟ ނަމާދުކުރުމުން ތިމާއަށް ކުރަނީ ކޮން ފައިދާއެއް ކަމާއިމެދުވެސް ބައެއް މީހުން އެބަ ސުވާލުކުރެއެވެ.

ނަމާދުކުރުމުން 2 ގޮތަކުން ފައިދާކުރެއެވެ. ފުރަތަމަ ފައިދާއަކީ ޞިއްޙީ ގޮތުން ލިބޭ ފައިދާތަކެވެ. މުސްލިމް ނޫން ޑޮކްޓަރުންވެސް އެގެންދަނީ އެކަންކަން ބަޔާންކުރަމުންނެވެ. ވީމާ އެކަމުގެ ވާހަކަ ބާއްވާފައި މިބަލައިލަނީ ދެވަނަ ފައިދާއަށެވެ.

ދެވަނަ ފައިދާއަކީ ރޫޙާނީ ފައިދާއެވެ. އެއީ ނަމާދުކުރާ މީހަށް ދެއްވަވާ ހިތްހަމަޖެހުމެވެ. ފުރިހަމަ ގޮތުގައި ނަމާދު ޤާއިމުކުރާ މީހަކު އަބަދުވެސް ހުންނާނީ ހިތްހަމަޖެހިގެންނެވެ. އޭނާއަށް ދެރަގޮތެއް މެދުވެރިވިނަމަވެސް ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. ﷲ ތަޢާލާއަށް ވަކީލްކޮށް ކެތްތެރިވުމުގެ ކުޅަދާނަކަން އޭނާއަށް ދެއްވަވާނެތެވެ. އަދި އެ ޙާލަތުގައި ކެތްތެރިވެގެން އޭނާ ހުންނާނީ ހިތްހަމަޖެހުމާއިއެކުގައެވެ.

ދެން އޮތީ އެންމެ ބޮޑު ފައިދާއެވެ! އެއީ ސުވަރުގެ ލިބުމެވެ. ޤިޔާމަތް ދުވަހު ކޮންމެ މީހެއްގެވެސް އެންމެ ފުރަތަމައަށް ހިސާބު ބައްލަވާނީ ނަމާދާއިމެދުގައިކަން އެނގެން އެބައޮތެވެ. އަދި އެހެން ޢަމަލުތަކުގެ ހިސާބު ބައްލަވާނީވެސް އެއިގެ ފަހުންކަމާއި ކިތަންމެ ގިނައިން އެހެން ޢަމަލުތައް ކޮށްފައިވީނަމަވެސް އެކަމުން އެއްވެސް ފައިދާއެއް ކުރާނީވެސް ނަމާދު ޤާއިމުކުރެވިފައިވާނަމަކަން އެނގެން އެބަ އޮތެވެ.

ހަމަ އެއާއިއެކު އެއް ނަމާދުން އަނެއް ނަމާދާއި ދެމެދުގައި ކުރެވޭ ކުދި ފާފަތައް ފުއްސަވައިދެއްވަވާކަމާއި ނަމާދުކުރުމަސްޓަކައި ވުޟޫކުރާއިރު ފާފަތައް ފުހެވިގެންދާކަން އެއީ ވެސް ހަމަ ނަމާދުކުރުމުން ކުރާ ފައިދާއެވެ.

ވީމާ ނަމާދުކުރުމުން ކުރާނެ ފައިދާ އާއިމެދު ވާހަކަ ދެއްކުމަކީ ކިތަންމެ ގިނައިން ދެއްކި ނަމަވެސް ދައްކައި ކޮޅުންލާން އޮތް ކަމެއް ނޫނެވެ. ވިސްނައި ފިކުރުކުރާ މީހަކަށް މިވަރުންވެސް ފުދޭނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން