ހިތްއަލިކޮށްދެއްވެވުން އެދިގެންނާއި ދޫފަސޭހަކޮށްދެއްވެވުން އެދި އަދި ކަންތައްތައް ފަސޭހަކޮށްދެއްވެވުން އެދިގެން ކުރެވިދާނެ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ހިތްއަލިކޮށްދެއްވެވުން އެދިގެންނާއި ދޫފަސޭހަކޮށްދެއްވެވުން އެދި އަދި ކަންތައްތައް ފަސޭހަކޮށްދެއްވެވުން އެދިގެން ކުރެވިދާނެ ދުޢާއެއް!

ޠޯޙާ ސޫރަތުގެ 25 އިން 28 އަށް މާތް ﷲ ވަޙީ ކުރައްވައެވެ.

" قَالَ رَبِّ اشْرَحْ لِي صَدْرِي ﴿٢٥﴾وَيَسِّرْ لِي أَمْرِي ﴿٢٦﴾وَاحْلُلْ عُقْدَةً مِّن لِّسَانِي ﴿٢٧﴾يَفْقَهُوا قَوْلِي ﴿٢٨﴾" 

މާނައަކީ: "އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ!  އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ!  އަދި މިއަޅާގެ ދުލުގެ ގޮށް މޮއްސަވައިލައްވާނދޭވެ! (އެބަހީ: ދުލުގައިހުރި ދަތިގޮތް ފިލުއްވައިދެއްވައި، ދޫފަސޭހަކޮށްދެއްވާނދޭވެ!) އެއީ ތިމަންކަލޭގެފާނުގެ ބަސް އެއުރެންނަށް ވިސްނި، އެނގުމަށްޓަކައެވެ". 

މިއީ މޫސާ ޢަލައިހިއްސަލާމް ރަސޫލުކަމައިގެން ފޮނުއްވުމުން އެކަލޭގެފާނު ކުރެއްވި ދުޢާތަކެއްގެ އެއްބަޔެވެ. މިދުޢާ ތައް ހިތް އަލި ކޮށްދެއްވުން އެދި ކިޔުން ރަގަޅެވެ. އަދި މިނޫންވެސް ދުޢާ އެމީހެއްގެ އަމިއްލަ ބަހުން ހިތްއަލިކޮށްދެއްވުން އެދި ކުރެވިދާނެއެވެ.  

ކުރީގެ ބަހެއްގައި ހިތްއަލި ކޮށްދެއްވުން އެދި ކުރާނެ ވަކި ދުޢާ އެއް ސުންނަތުގައި ވާރިދުވެފައި ނެތޭ ބުނެފައިވާ ބަހުގެ މާނަ އަކީ ޠޯހާ ސޫރަތުގައި މިވާ އާޔަތްތައް ހިތް އަލިކޮށް ދެއްވުން އެދި ކިޔާށޭ ކިޔާ ދަލީލެއް އައިސްފައި ނެތުމެވެ. އެހެންކަމުން މިދުޢާ އަކީ މިވެނި ކަމެއްގެ ދުޢާ އޭ ނުބުނެވެނީއެވެ. 

ދުޢާ ކުރުމުގައި ޢަރަބި ބަހުން ކުރުން ލާޒިމެއް ނޫނެވެ. ދިވެހި ބަހުން ކުރި ނަމަވެސް އެންމެ ރަގަޅެވެ. ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. ވީމާ، ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތް ކުރެއްވުމަށާއި، ހިތްއަލިކޮށްދެއްވުން އެދި، އަދި އެނޫންވެސް ތިމާ ބޭނުންވާ ކަންތަކަށް އެދި ދުޢާ ކުރަންވީއެވެ. والله أعلم 

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން