ހަޤީޤަތުގައި ހަރުކަށި ފިކުރު އޮޅިގެން އުޅެނީ މަޑުމައިތިރި ފިކުރަކީ ކޮބާކަން ނޭނގޭތީ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ހަޤީޤަތުގައި ހަރުކަށި ފިކުރު އޮޅިގެން އުޅެނީ މަޑުމައިތިރި ފިކުރަކީ ކޮބާކަން ނޭނގޭތީ!: މުފްތީ މެންކް

ހަރުކަށި ފިކުރަކީ ކޮބައިކަން އޮޅިގެން އުޅެނީ މަޑުމައިތިރި ފިކުރަކީ ކޮބައިކަން ނުއެނގޭ މީހުންނަށެވެ. އެހެންވެ އެންމެ ފުރަތަމަ މިބުނަނީ މަޑުމައިތިރި ފިކުރަކީ ކޮބައިކަމެވެ. މަޑުމައިތިރި ފިކުރަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންތެރިވުމެވެ. ޢަމަލުކުރުމެވެ.

އެކަމަކު މީހަކު ﷲ ތަޢާލާއަށް ފުރިހަަމ ގޮތުގައި ކިޔަމަންތެރިވެ އިސްލާމް ދީނަށް ޢަމަލުކޮށް އިސްލާމް ދީނުގައި ޘާބިތުވެ ހުންނަން މަސައްކަތްކުރާނަމަ އެއީ ހަރުކަށި ފިކުރުގެ މީހަކު ކަމަށް ބުނެ ލޭބަލްކުރެއެވެ. އެއީ އިސްލާމް ދީނުގައި ހަރުކަށި ފިކުރަކީ ކޮބައިކަން އެބައަކަށް ނުއެނގޭތީއެވެ.

ދަސްކުރާށެވެ! ހަޤީޤަތުގައި ހަރުކަށި ފިކުރަކީ ﷲ ތައާލާގެ އަމުރުފުޅުތަކަށް ގޮންޖެހުމެވެ. 5 ނަމާދު ބަރާބަރަށް އަދާ ނުކުރުމެވެ. ހެދުން ލުމުގައި ނިވާވާން އަނގަވާފައިވާ މިންވަރަށް ނިވާ ނުކޮށް އުޅުމެވެ. ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އަމަލުތައް ކުރުމެވެ. އެކަމެއް ކުރުމަށް އަންގަވާފައިވާ ކަންކަން ނުކުރުމެވެ.

ހަރުކަށި ފިކުރު މާނަކުރުމުގައި އެއް ބައަކު މާނަކުރަނީ އެއީ އިސްލާމް ދީނަށް އަމަލުކުރުން ކަމަށެވެ. މީހަކު ޤަވާއިދުން މިސްކިތަށް ދާން ފަށައިފިނަމަ އެއީ ހަރުކަށިފިކުރުގެ މީހެއް ކަމަށެވެ. މުސްލިމުން ހެދުންލައި ނިވާވާން އޮނަން ގޮތަށް ނިވާވެއްޖެ ނަމަ އެއީ ހަރުކަށި ފިކުރުގެ މީހެއްގެ ގޮތުގައެވެ. ޖުމުލަ ގޮތެއްގައި ބުނާނަމަ ﷲ ތައާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަން ގެންފިނަމަ އެއީ ހަރުކަށިފިކުރުގެ މީހެއްގެ ގޮތުގައެވެ.

ފުރަތަމަ މިގޮތަށް ޤަބޫލުކުރުމަކީ ހަރުކަށި ފިކުރެވެ. އެހެނީ އިންސާނުން ދުނިޔެއަށް ފޮނުއްވެވީ ﷲ ތަޢާލާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. ﷲ ތަޢާލާއަށް އަޅުކަން ކުރުމަށެވެ. ﷲ ތައާލާ އަނގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުމަށެވެ.

ޓެރަރިޒަމްގެ އަމަލުތަކަށް ތާއީދުކުރުމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމާއި އެއްވެސް އިންސާނަކަށް އަނިޔާވެރިވުމަކީ ހަރުކަށި ފިކުރުގެ އަމަލުތަކެވެ. ޖިހާދު ކުރުމުގެ ނަމުގައި އިސްލާމް ދީނުގައި ހުއްދަ ނުކުރާ ހަނގުރާމަތައް ކުރުމަކީ އަދި އެފަދަ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ހަރުކަށިފިކުރެވެ.

އެހެނީ އެއިން އެއްވެސް ކަމަކީ ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ކަންކަން ކަމުގައި ނުވާތީއެވެ. މިފަދަ އެއްވެސް ޢަމަލެއް ކުރުން އިސްލާމް ދީނުގައި ހުއްދަ ނުވާއިރު އެފަދަ އަމަލުތައް އިސްލާމް ދީނުގެ ނަމުގައި ކުރެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ!

ވީމާ ކޮންމެ މުސްލިމަކުވެސް ވިސްނަންވީ މި ބަޔާން ކުރި ފަދަ ހަރުކަށި ފިކުރުތަކާއި ވީހައިވެސް ދުރުގައި ހުރުމަށެވެ. އެފަދަ އެއްވެސް އަމަލަކަށް ތާއީދުވެސް ނުކުރުމަށާއި އެފަދަ އެއްވެސް އަމަލަކާއި ކައިރިވެސް ނުވުމަށެވެ.

މުސްލިމުން އެއްބައަކު އަނެއް ބައަކާއި ހަނގުރާމަކޮށް ތަޅާފޮޅައި މީސްތަކުން މަރަމުން ގެންދާނަމަ އެ އަމަލުކުރެވެނީ ޖާހިލިއްޔަ ޒަމާނަށެވެ. ޤަބީލާތައް މަތިވެރިވާން ޤަތުލު ޢާންމުތައް ހިންގި ދުވަސްވަރަށެވެ. ރަސޫލް (ﷺ) ވަނީ އެ ޒަމާން ނިމުމަކަށް ގެންނަވައިފައެވެ. އެހާލަތުން މީސްތަކުން ސަލާމަތް ކުރައްވަވައިފައެވެ. ވީމާ މުސްލިމުންނަށް އޮތީ ﷲ ތައާލާ ދެއްވެވި ނަޞްރަށް އަމަލުކުރުންމަތީގައި ދެމިތިބުމެވެ. ނަރަކައިގެ ތުންފަތްމަތީގައި ތިއްބައި ސަލާމަތްކޮށްދެއްވެވިކަން މައްޗަށް ޝުކުރުވެރިވުމެވެ.

މުސްލިމުންގެ ދަރަޖަ ދުނިޔޭގައިވެސް މަތިވެރިވާނީ ﷲ ތައާލާގެ އަމުރުފުޅުތަކަށް އަމަލުކުރިވަރަކުންނެވެ. ﷲ ތައާލާއަށް ކިޔަމަންތެރިކަން އަދާކުރި މިންވަރަކުންނެވެ. އޯގާތެރިކަން އިސްކުރި މިންވަރަކުންނެވެ. އެންމެހައި މީސްތަކުންނަކީވެސް ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންކަން ދަނެ އިސްލާމް ދީނުގައިވާ ގޮތަށް މީސްތަކުންނާއިމެދު އަމަލުކުރި މިންވަރަކުންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން