ކައިވެންޏަށްފަހު ދެމީހުން އެކުގައި ދިރިއުޅެން ފެށުމުން ކައިވެނީގެ ކުރިން ދެމީހުންގެ މެދުގައި ކުރިން އޮތް ލޯބި ނުއޮންނަ މައްސަލައަކީ ވަރަށް ގިނަ އިން ކުރިމަތިވާ މައްސަލައެކެވެ. މިކަންކަން މިގޮތަށް މެދުވެރިވާ ސަބަބާއިމެދު ވިސްނައިލަނީ މަދު މީހެކެވެ. ގިނަ ބައަކަށް ވިސްނަން ނުވެސް އެނގެއެވެ. އެހެންކަމުން އަހުރެންނަށް ލިބިފައިވާ މަޢުލޫމާތުގެ އެހީގައި ބަހެއް ބުނެލާނަމެވެ.
ވަރަށް ގިނަ ބައަކު ބުނެއެވެ. "އަހަރެމެންގެ ކައިވެނި ކުރެވުނުފަހުން ހަމަޖެހުމެއް ނުލިބެއެވެ. އަބަދުވެސް ޖެހެނީ ދެބަސްވެ ޒުވާބުކުރާށެވެ! ފިރިމީހާ ނުވަތަ އަނބިމީހާ ހިލޭ ފިރިހެނުންނާއި އަންހެނުންނާއި ގުޅުން ހިންގަނީއެވެ. މިއީ އުންމީދުކުރި ގޮތެއް ނޫނެވެ. ބައިވެރިޔާއަކީ މިހާރު މުޅިން ތަފާތު މީހެކެވެ."
ގިނަ ފަހަރަށް މިކަން މިގޮތަށް ކަންތައްތައްވުމަށް މެދުވެރިވާ ސަބަބަކީ ކައިވެނީގެ ކުރިން ޝައިޠޯނާ ބޭނުންވާގޮތަށް އުޅެވިފައި އޮތުމެވެ. ފާޙީޝް ޢަމަލުތައް ކުރެވިފައިވުމެވެ. އެގޮތަށް އުޅެފައި ދެމީހުންގެ ގުޅުން ޙަލާލްކުރުމުން ޝައިޠޯނާގެ ރުޅި އިންތިހާއަށްދަވަނީއެވެ. އަނބުރާ ޝައިޠޯނާގެ ބާރުގެދަށަށް ގެންނަން މަސައްކަތްފަށަނީއެވެ!
ނަތީޖާއަކަށްވަނީ އުފެއްދުނުހައި ފިތުނައެއް އުފެއްދުމެވެ. އެކަކު ލައްވައި ނޫނީ ދެމީހުން ލައްވައިވެސް ޝައިޠޯނާ ބުނެގެން ކުރިންކޮށްއުޅުނު ފަދަ ފާހިޝް އަމަލުތައް ކުރުވަނީއެވެ. އެކަމުގެ ސަބަބުން ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހި ހަމަނުޖެހުމަށް ބަދަލުވަނީއެވެ. ހިތުން ލޯބި ކެނޑިގެންދަނީއެވެ.
ﷲ ތައާލާ ދެމަފިރިންގެ ހިތުގައި އެކަކު އަނެކަކަށް ލޯބިލައްވަވަތެވެ. އެކެއްގެ ކިބައިން އަނެކާއަށް އަރާމުލިބުން މިންވަރުކުރައްވަވަތެވެ. ނަމަވެސް މިނިޢުމަތް ލިބިގެންދާނީ ސާފުޠޯހިރުކަންމަތީގައި ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ޢަމަލުކުރުމުންނެވެ. ކައިވެންޏަށްފަހު ބަހައްޓަން ހުއްދަވެގެންވާ ގުޅުންތައް ކައިވެނީގެކުރިން ނުބެހެއްޓުމުންނެވެ.
އިސްލާމް ދީނުގެ ހުރިހާ އަޅުކަމަކަށް ބެލިނަމަވެސް ކުރަން އެންމެ ފަސޭހަ އަޅުކަމަކީ ކައިވެނިކުރުމެވެ. ކައިވެނިކުރުމަކީ އެހައި ފަސޭހަކަމެއްކަމުގައި ލައްވަވާފައި އެވަނީ މިބަޔާންކުރި ސަބަބަށްޓަކައެވެ. އަވަހަށް ދެމީހުން ކައިވެނިކުރަން މަގުފަހިވުމަށްޓަކައެވެ. ކައިވެނި ނުކުރެވި ތިބެން ޖެހުމުން ކުރެވިދާނެ ފާފަތަކުން ސަލާމަތްވުމަށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުލާއި ޖިންސީ ގުނަވަން ޙިމާޔަތްކޮށްފި މީހަކު ސުވަރުގެ ވައްދަވާނެކަމުގެ ޔަޤީންކަން ރަސޫލް ﷺ ގެ ދޫފުޅު މެދުވެރިކުރައްވަވައި ﷲ ތަޢާލާ ދެއްވަވާފައި އެވަނީ އެކަމުގެ މުހންމުކަން ބޮޑުކަމުންނެވެ. ވީމާ ސުވަރުގެ ވަނުމަށް އުންމީދުކުރާ މީހާ، އޭނާގެ ޖިންސީގުނަވަނަށް ފުރިހަމައަށް ރައްކައުތެރިވާންޖެހޭނެއެވެ. ކައިވެނީގެ އުފާވެރިކަން ޙާޞިލުކުރެވި ބާއްޖަވެރި ދިރިއުޅުމެއް ލިބޭނީ އެއިރުންނެވެ.
--މުފްތީ މެންކުގެ ދަރުސަކުން