ﷲ އަށް ހިތްދޭންޖެހޭ ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު ސަބަބު-: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ﷲ އަށް ހިތްދޭންޖެހޭ ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު ސަބަބު-: ބިލާލް އައްސަދު

ކިތަންމެ ގާތް މީހެއްގެ ގާތުގައި ނަމަވެސް ދެފަހަރަކު ކަމަކަށް އެދިއްޖެނަމަ ފޫހިވެއެވެ. ޙާލުބަލަން ނުގުޅާތަނުގައި ގުޅީމާ ފޯނު ނެގުންވެސް ހުއްޓާލައެވެ. ހިތާމައަކީ ގިނަ ފަހަރު އަމިއްލަ ޢާއިލާގެ މީހެއްގެ ގާތުގައިވެސް ކަްނކަމު އެދޭނަމަ އެމީހަކުދެކެ ފޫހިވާ ކަމެވެ.  

ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން މުޅިން ތަފާތެވެ.  

ނިކަން ވިސްނައިލަބަލާށެވެ! ﷲ ތަޢާލާ އެމީހަކު ދެކެ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އެއްކަމަކީ ކަންކަމަށް ބޭނުންވެގެން ގިނަގިނައިން އެކަލާނގެ ޙަޟްރަތުގައި ދެންނެވުމަށެވެ. ކަންކަމަށް އެދިގެން ގިނައިން ދަންނަވާ ވަރަކަށް އެމީހަކަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރު އިތުރުވެގެންދެއެވެ. އަދި އެމީހާ އެދޭ ކަންކަން ހިންމަވައި ދެއްވަވަތެވެ. ނުވަތަ އެއަށްވުރެ މާރަނގަޅު ގޮތްތައްވެސް މިންވަރުކުރައްވަވަތެވެ. 

މީސްތަކުންނޭވެ! ކޮންމެ ކަމަކަށް ބޭނުންވިޔަސް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމަށް ﷲ ތަޢާލާ އަންގަވާފައިއެވަނީ އެއްވެސް ޙާލެއްގައި މީސްތަކުންގެ ނިކަމެތިކަން އަންގަވައި ދެއްވެވުމަކަށް ނޫނެވެ. ﷲ ތަޢާލާ މީސްތަކުންގެ ދެކެ ލޯބިވެވޮޑިގަންނަވާ މިންވަރު އަންގަވައި ދެއްވެވުމަށެވެ.  

އެކަމުން އަހުރެމެން ލިބިގަންނަން ޖެހޭ އެންމެ މުހިންމު ފިލާވަޅަކީ އަހުރެމެން އެންމެ ބޮޑަށް ލޯބިވާންވީ ﷲ ތަޢާލާގެ ޙަޟްރަތަށް ކަމެވެ. އަހުރެމެން ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމްނަތެރިވާންޖެހޭނެ ކަމެވެ. އަދި ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ގެއްލިގެން ހިނގައިދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމެވެ.  

އެގޮތުގައި ޘާބިތުވެ ހުރެއްޖެ މީހަކަށް ﷲ ތަޢާލާ ދުނިޔޭގައިވެސް އުފާވެރިކަން ދެއްވަވައި އަދި އާޚިރަތް ދުވަހު ދެއްވަވާ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- ބިލާލް އައްސަދުގެ ދަރުސަކުން  

މިއަދު އޮންލައިން