އަނބިމީހާދެކެ ލޯބިވާންވީ ކިހާވަރަކަށްކަން ރަސޫލް ޞޢޥ ގެ ބަސްފުޅުތަކާ ޢަމަލުފުޅުތަކުން-

ކިޔުމަށް ހޭދަވާނީ 4މ 52ސ
އަނބިމީހާދެކެ ލޯބިވާންވީ ކިހާވަރަކަށްކަން ރަސޫލް ޞޢޥ ގެ ބަސްފުޅުތަކާ ޢަމަލުފުޅުތަކުން-

ޢާއިޝަތު ރަފާޙް ޢަލީ

 

· ރަސޫލުالله ގެ ލޯބީގެ ބަސްފުޅު 

ރަސޫލުالله ޞައްލަﷲ ޢަލައިވަސައްލަމަ އެކަލޭގެފާނުގެ އަނބިކަނބަލުންދެކެ ލޯބިފުޅުވާކަން  ހާމަކުރައްވަވަން ވަރަށް ލޯބިކުރެއްވެވި ކަމަށާއި މުޅި ކައިވެނިފުޅުގެ ތެރޭގައި ވެސް މެދުނުކެނޑި އެކަން ކުރައްވަމުން ގެންދެވި ކަމަށްވެއެވެ.  

ޢާއިޝަތުގެފާނުގެ މޫނުފުޅުގެ ބައެއް ސިފަފުޅުތައް ރަތްކުލައިގެ ކުލައަކަށް ވުމުން އެކަލޭގެފާނަށް އެކަން ވަރަށް ކަމުދިޔައެވެ. އަދި އެކަމަށް ތަޢުރީފު ކުރައްވަވާ ރިވެތި ނަމުން ހުމައިރާ (ރަތްކުލަ) ގޮވާލައްވައެވެ.  

އަދިކީއްހެއްޔެވެ؟ އެކަލޭގެފާނު، އައިޝަތުގެފާނު ފެންފޮދު ހިއްޕަވާފައި ހުންނަ ތަށިކޮޅުގެ ހަމަ އެތަނުގައި އަނގަފުޅު ޖައްސަވައި ފެންފޮދު ހިތްޕަވައެވެ. ޢާއިޝަތުގެފާނު ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ސިފަކުރައްވާފައިވެއެވެ. 

މާނައީ: ތިމަންކަމަނާ މައްސަރު ކަންތައް ދިމާވެ ހުންނަވައިގެން ތަށިން ފެންފޮދެއް ހިއްޕެވީމެވެ. ދެން އެ ތަށި ރަސޫލާގެ އަރިހަށް ފޯރުކޮށްލީމެވެ. ދެން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައލަމް ތިމަންކަމަނާގެ ތުންފަތް ޖައްސަވައިގެން ހުންނެވި ތަނުގައި އޭކަލޭގެފާނުގެ ތުންފަތް ޖައްސަވައިގެން އެއިން ފެންފޮދު ހިއްޕެވިއެވެ. އަދި ތިމަންކަމަނާ ކޮންމެވެސް ވަރަކަށް މަސް ބާކީ ހުރި ކަށިގަނޑެއް ފަރީއްކުޅިއްވީމެވެ. އަދި އެކަށިގަނޑު ދެން ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހަށް ފޯރުކޮށްލީމެވެ. ދެން ތިމަންކަމަނާ ފަރިއްކުޅުއްވި ތަނުގައި އޭކަލޭގެފާނު ފަރީއްކުޅުއްވެވިއެވެ. " 

ރަސޫލުالله އަބަދުވެސް އައިޝަތުގެފާނަށް އެކަލޭގެފާނުގެ ފުން ލޯތްބާއި ޔަގީންކަން ދެއްވެވުމަށް  އިތުރު ގޮތްތައް ހޯއްދަވައެވެ. ފިރިމީހާއާއި އަނބިމީހާގެ މެދުގައި ލޯބި ތަރުބިއްޔަތުކޮށް، މާ ފޮޅެމުން ގެންދަންޖެހޭކަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަ ދެއްކެވިއެވެ.  

މީގެ އިތުރުން ކައިވެންޏެއް ރަނގަޅު ކުރުމަށް ފިރިމީހާއާއި އަނބިމީހާގެ މެދުގައި އެއްބާރުލުމާއި، ދިރިއުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރުން ވަރަށް މުހިންމެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވެސް ވަނީ އަޅުގަނޑުމެންނަށް އެކަން ދައްކަވައިދެއްވައިފައެވެ.  

ނަބިއްޔާ މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމަ ގޭތެރޭގެ މަސައްކަތްފުޅުތައް ހަމަޖެއްސެވުމަށް ބަރޯސާވެވަޑައިގަތީ ހަމައެކަނި އައިޝަތުގެފާނަކަށް ނޫނެވެ. އަޅުގަނޑުމެންނަށް ސީރާއިން އެނގޭ ގޮތުގައި މުޙައްމަދު ރަސޫލާ އޭނާގެ ހެދުން ފަހާ ފަދަ ކަންތައްތައް އަމިއްލަފުޅަށް  ގޭތެރޭ މަސައްކަތްފުޅުތައް ކުރައްވައެވެ. ގޭތެރޭގެ މަސައްކަތްފުޅުތަކުގައި އެކަލޭގެފާނު ހިއްސާ އަދާކުރެއްވިއެވެ. އަދި ކަންކަމުގައި އަމުރުކުރައްވަވާ ހައްދަވާ ފިރިކަލެއް  ނޫނެވެ. 

ޢާއިޝާ ރަޟިޔަ ﷲ ވިދާޅުވެފައިވެއެވެ.

مَا كَانَ النَّبِيُّ صلى الله عليه وسلم يَصْنَعُ فِي بَيْتِهِ قَالَتْ كَانَ يَكُونُ فِي مِهْنَةِ أَهْلِهِ ـ تَعْنِي خِدْمَةَ أَهْلِهِ ـ فَإِذَا حَضَرَتِ الصَّلاَةُ خَرَجَ إِلَى الصَّلاَةِ 

ރަސޫލާ އެކަލޭގެފާނުގެ ގޭގައި ކުރައްވަނީ ކޮންކަމެއްހެއްޔެވެ؟ އެކަމަނާ ޖަވާބުދެއްވިއެވެ. އާއިލާއަށް ޚިދުމަތް ކުރެއްވެވުމުގައި އަވަދިނެތި އުޅުއްވަވަމުން ނަމާދު ވަގުތު ޖެހުމުން އެކަމަށް އަވަސްވެވަޑަގަންނަވައެވެ.  

އެހެންކަމުން މިޒަމާނުގެ ޢާއިލާތަކަށް އަދި ދެމަފިރިންނަށް މި ޙާދިޘާތަކުން ވަރަށް ގިނަ ކަންކަން ދަސްވެގެންދެއެވެ. ގޭތެރޭގެ މަސައްކަތަކީ ހަމައެކަނި އަނބިމީހާ ކުރަން ހުންނަ މަސައްކަތްތަކެެއް ނޫންކަމެވެ. ފިރިމީހާވެސް އެކަމުގައި ބައިވެރިވާންވާނެ ކަމެވެ. ފިރިމީހާއާއި އަނބިމީހާގެ މެދުގައި ވެވޭ އެއްބަސްވުންތަކެއްގެ މަތިން ގޭތެރޭގެ ވާޖިބުތައް ބަހާލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ރަސޫލުالله ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުތަކުން އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި އަންހެނުންނަކީ އަބަދު ބަދިގޭގައި ތިބެންޖެހޭ ބައެއް ނޫނެވެ. ކޮންމެ ދެމަފިރިއެއްގެ ދިރިއުޅުން ބިނާކޮށް ގުޅުން ރަނގަޅު ކުރުމުގައި ބޭނުންތައް ދެނެގަތުމާއި މުއާމަލާތް ކުރުން މުހިންމެވެ.  

ލޯތްބާއި ރަޙްމަތާއި ހަމަޖެހުމުގެ މައްޗަށް ބިނާކޮށް ކައިވެންޏެއް ބިނާކުރުމުގައި ރަސޫލުالله ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަނޑުމެންނަށް ވަނީ ނަމޫނާ ސިފަފުޅުތަކެއް ފޯރުކޮށްދެއްވައިފައެވެ. މިސާލުތަކެއް ދައްކަވައިދެއްވައިފައެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އައިޝަތުގެފާނު ދެކެވާ ލޯތްބަކީ ބާރުގަދަ ލޯތްބެއް ކަމަށާއި ރަސޫލުالله ދެކެ އޭނާގެ ލޯތްބަކީ ފުން ލޯތްބެކެވެ. 

ރަސޫލާގެ ޙަދީޘެއްގެ މާނައިގައިވެއެވެ.

"ތިޔަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ އޭނާގެ އާއިލާއާ މެދު އެންމެ ރަނގަޅަށް ކަންތައް ކުރާ މީހާއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅަށް ޢާއިލާއާއި މެދު ކަންތައް ކުރައްވަނީ ތިމަންކަލޭގެފާނެވެ." 

ރަސޫލުﷲގެ ލޯބި ލިބިވަޑައިގަންނަވާނެ މީހުންގެ ތެރޭގައި ﷲ އަޅުގަނޑުމެން ލަހައްޓަވާށިއެވެ. އަދި އަޅުގަނޑުމެންގެ އަނބިންނާއި ފިރިންނާ މެދު އިންތިހާއަށް ލޯތްބާއި އިޙްތިރާމާއެކު ކަންތައް ކުރުމުގައި އެކަލޭގެފާނުގެ ފިޔަވަޅުމަތީގައި ތިއްބަވާ ބޭފުޅުންގެ ތެރޭގައި ތިއްބަވާށިއެވެ. އަދި އަޅުގަނޑުމެންގެ ހިތުގެ ވެރިރަސްކަލާނގެއަށް ތަބާވުމުގައި ތެދުވެރިވާ މީހުންގެ ތެރޭގައި އަޅުގަނޑުމެން ލައްވާށިއެވެ.

 

 

 

މިއަދު އޮންލައިން