އެގޭގައި އުޅެނީ 3 މައިންނެވެ. މަންމައާއި މަންމަގެ ދަރިފުޅާއި ދަރިފުޅުގެ އަނބިމީހާ އާއި 3 މައިންނެވެ. މަންމަ ދޭތެރެއަކުން ދަރިފުޅުގެގާތަށް ގޮސް ފައިސާއަށް އެދެއެވެ. އެދޭއިރަށް ފައިސާދެއެވެ. މިކަން ވެފައި އޮންނަނީ އަނބިމިހާއަށް ވަރަށް ބޮޑު ކަމަކަށެވެ.
ޖަވާބުގައި ފިރިމީހާ ބުނެއެވެ. "ކަލާ ބޭނުންވާ ކަންކަންވެސް އެބަކޮށްދެމެއް ނޫންހެއްޔެވެ؟ ކަލާގެ މަންމަ ބޭނުންވާ ކަންކަންވެސް އެބަކޮށްދެމެއް ނޫން ހެއްޔެވެ؟ އެހެންވީއިރު މައްސަލައަކީ ކޮބައިހެއްޔެވެ؟"
ދުވަސްކޮޅެއް ފަހެވެ. ޒުވާނާ ކުރަމުން އައި މަސައްކަތުގައި ގެއްލުންތަކެއް ލިބުމުން ފައިސާކޮޅެއް ހޯދަންޖެހުނީއެވެ. އަނބިމީހާގެ ޢާއިލާއަކީވެސް ތަނަވަސް ޢާއިލާއަކަށް ވުމުން ފުރަތަމަ އެހީތެރިކަމަށް އެދުނީ އަނބިމިހާގެ ކިބައިންނެވެ. ކުޑަ ދުވަސްކޮޅަކަށް ދަރަންޏަށް ފައިސާކޮޅެއް ހޯދައިދިނުމަށެވެ.
އަނބިމީހާ އޭނާގެ ޢާއިލާއާއި ވާހަކަދައްކާފައި ގޮސް ބުންޏެވެ. "ފައިސާ ލިބިދާނެއެވެ. ނަމަވެސް އިންޓަރެސްޓް ދައްކަން ޖެހޭނެއެވެ." ފިރިހެން ކުއްޖާއަށް ބުނެވުނެވެ. "ފައިސާ ހޯދައިދޭށެވެ. އިންޓަރެސްޓާއިއެކު އަދާކުރާނަމެވެ."
އެއަޑުތައް އަހަން ހުރެފައި މަންމަ އައިސް ބުންޏެވެ. "މިއޮތީ ކޭޝްކާޑެވެ. ދަރިފުޅު ތިއަހޯދާވަރަށްވުރެ މާގިނައިންވެސް އެކައުންޓުގައި ފައިސާ ހުންނާނެއެވެ. ނަގައިގެން ބޭނުންކުރާށެވެ! އިންޓަރެސްޓެއްވެސް ބޭނުމެއް ނޫނެވެ. ތިއެކައުންޓުގައި ގިނަވާނީ ދަރިފުޅު މަންމައަށް ދިން ފައިސާއެވެ. ދަރިފުޅުގެ އަތުން ފައިސާ ހޯދަނީ ކޮންމެހެން މަންމައަށް ބޭނުންވެގެނެއް ނޫނެވެ. ދަރިފުޅު ޚަރަދުކުރަމުން ދިއަގޮތުން މިފަދަ ދުވަހެއް އަތުވެދާނެކަމަށް ވިސްނައި އެކަމުން ދަރިފުޅު ސަލާމަތްކުރާށެވެ!"
މަންމަ އެބުނީ ކީކޭކަން ދަރިފުޅަށް ވިސްނުނެވެ. މަންމަ އެބުނީ އަނބިމީހާގެ ޢާއިލާގައި ތަނަވަސްކަން ހުރިއިރުވެސް އޭނާގެ އަތުން ގިނަ ޢަދަދަކަށް ފައިސާ އަތުލަމުން ގެންދިއަވާހަކައެވެ. އެހައި ދަހިވެތިކަން ބޮޑުބައެއްގެ އަތުން ދަތިޙާލެއްގައި ޖެހުނަސް އެމީހުންނަށް ފައިދާނުވާނެ ގޮތަކަށް އެހީތެރިކަން ނުލިބޭނެކަން ނުވިސްނައި ޚަރަދުކުރި ވާހަކައެވެ.
ކޮންމެއަކަސް މަންމައެދިން އަގުހުރި ނަޞޭޙަތް ދަރިފުޅު ބަލައިގަތެވެ. ވިސްނައިގެން ކަންކަން ކުރަން ފެށިއެވެ. ނަތީޖާއަކަށްވީ އަނބިމީހާ ވަރިވެގެންދިއުމެވެ. ދެވަނަ ކައިވެންޏެއް ކުރަންޖެހުމެވެ. އެކަމުގެ ސަބަބުން ދިރިއުޅުން ދިއައީ ބާރު ދުވެލީގައި ކުރިއަރައިގެންނެވެ.
މިއީ އަހުރެން ބެލި ވީޑިއޯއެއްގައި ކަންތައްވީ ގޮތުގެ ވާހަކައެވެ. މިއީ ވިސްނައިފި ކޮންމެ މީހަކަށް ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެވެ. ހެޔޮލަފާ މައިންނަށް ހެޔޮކޮށް ހިތާނަމަ އެކަމުގެ ފައިދާ އެތައް ގޮތަކުން ލިބިގެންދާނެކަން އެނގޭ ވާހަކަކޮޅެކެވެ.
- މަންމައެއް، މިއަދުނޫހުގެ ކިޔުންތެރިއެއް