ޝަރީޢަތާ އެއްގޮތަށް ރުޤްޔާކުރާ މީހުން ދެނެގަންނާނީ ކިހިނަކުންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 12މ 9ސ
ޝަރީޢަތާ އެއްގޮތަށް ރުޤްޔާކުރާ މީހުން ދެނެގަންނާނީ ކިހިނަކުންތޯ؟

ރުޤްޔާކޮށްދޭ މީހުންގެ ތެރޭގައި ވަރަށް ތަފާތު މީހުންވެސް އެބައުޅެއެވެ. ޚާއްޞަކޮށް އަންހެނުން ސަމާލުކަންދޭންޖެހޭ މީހުންވެސް އެބައުޅެއެވެ. އެހެންވީމާ އަޅުގަނޑުގެ ސުވާލަކީ ޝަރީޢަތާ އެއްގޮތަށް ރުޤްޔާކުރާ މީހުން ދެނެގަންނާނީ ކިހިނަކުންތޯއެވެ؟ 

ތިރީގައި އެވަނީ ޝަރީޢަތާ އެއްގޮތަށް ރުޤްޔާކުރާ މީހުން ދެނެގަނެވޭނެ ބައެއް ގޮތްތަކެވެ. 

ކޮންމެ ކަމެއްވެސް ރަނގަޅު ގޮތުގައި ކުރާ ބައަކާއި ރަނގަޅު ޏޫން ގޮތަށް ކުރާ ބައަކު އަބަދުވެސް އުޅޭނެއެވެ. ރުޤްޔާ ކުރުމުގައިވެސް މިފަދަ މައްސލަތައް ދިމާވާތީ ކިޔުންތެރިން ކުރައްވާ ސުވާލުތަކަށް ޖަވާބެއްގެ ގޮތުން ތިރީގައިވާ ލިޔުން ހުށަހަޅައިލަމެވެ.  

ޝަރުޢީ ރުޤްޔާގެ ނަމުގައި ޝަރީޢަތާއި ޚިލާފު ގޮތްގޮތަށް ރުޤްޔާކުރާ މީހުންގެ މައްސަލަތައް ފެންމަތިވަމުންދާއިރު ޝަރީޢަތާއި ޚިލާފަށް ރުޤްޔާކުރާ މީހުން ކުރާ ކަންކަން އެނގުމަކީ އެފަދަ މީހުންގެ ކިބައިން ސަލާމަތްވުމަށް އޮތް މަގެވެ.  

ތިރީގައި އެވަނީ މިކަމާއި ގުޅިގެން އަލްއަޚް އަބޫ ފުޟައިލު މުއުތަމިން އަޙްމަދު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.    

)މިލިޔުމުގައި ހިމެނިފައިވާނީ އައްޝައިޚް ވަޙީދު ޢަބްދުއްސަލާމް ބާލީ ލިޔުއްވާފައިވާ وقاية الإنسان من الجن والشيطان އާއި الصارم البتار في التصدي للسحرة الأشرار، މިދެފޮތުން ފާހަގަ ކޮށްލެވޭ މިފަދަ މީހުންގެ ސިފަތަކެވެ.( 

ކުރީ ޒަމާނުގައި ދިވެހިންގެ ތެރޭގައި ފަންޑިތަވެރިކަން ވަރަށް ބޮޑަށް އޮތެވެ. އަދި ފަންޑިތަވެރިކަމުގެ ތެރެއިން ކޮށްއުޅުން ޢަމަލުތަކުގެ ތެރޭގައި ޝިރުކާއި ހުރާފީ އެތައްކަމެއް އެކުލެވުނެވެ. އޭރު ދިވެހިންނަށް “ރުޤްޔާ” އަކީ ކޮންއެއްޗެއް ކަމެއްވެސް ނޭނގެއެވެ. ނަމަވެސް ދިވެހިންގެ ތެރޭގައި ދީނީ ހޭލުންތެރިކަން އިތުވެގެން ދިއުމާއެކު، ޝަރީޢަތާ އެއްގޮތަށް ކުރެވޭ ރުޤްޔާ ޢާންމުވެގެން ދިޔައެވެ. އަދި ދިވެހިންގެ ތެރެއިންް ގިނަބަޔަކު ފަންޑިތައާއިމެދު ދެކެމުން އައިގޮތް ބަދަލުވިއެވެ. އަދި އެކަމުގެ ތެރޭގައި ދީނާއި ޚިލާފު އެތައްކަމެއް ވާކަން ޤަބޫލުކުރެވެން ފެށިއެވެ.

ހަމައެއާއެކު މިއަދު މިވަނީ ދިވެހިންގެ ތެރޭގައި ރުޤްޔާ ޢާންމުވެފައެވެ. ރާޤީންތައް އިތުރުވެފައެވެ. ކުރިން ދެންނެވުނު ފަދައިން ފަންޑިތައާއިމެދު މީސްތަކުން ދެކެމުން އައިގޮތް ބަދަލުވުމުން، ކުރިން ފަންޑިތައިގެ ނަމުގައި މިކަންތައްތައް ކުރަމުން އައިމީހުން “ރުޤްޔާ” ގެނަމަށް އެކަންތައް ބަދަލުކޮށްފިއެވެ. މިހާރު މިބައިމީހުން ފަންޑިތައޭ ކިޔައި ނޫޅެއެވެ. ނަތީޖާއަށް ވެގެންދިޔައީ މީސްތަކުންނަށް މިކަންތައްތަށް އޮޅިގެންދިޔުމެވެ، ޝަރީޢަތާއި އެއްގޮތަށް ރުޤްޔާ ކުރާމީހުންނާއި ޝަރީޢަތާ ޚިލާފަށް ރުޤްޔާކުރާ މީހުން ވަކިކުރަން ނޭނގުމެވެ.

އަދި މިއަދު މިވަނީ މީސްތަކުންގެ ތެރޭގައި އެއްވެސް ޢިލްމެއް ޚިބުރެއްނެތި މިކަން ކުރާމީހުން ގިނަވެފައެވެ. އެހެންކަމުން ޝަރީޢަތާ ޚިލާފަށް ރުޤްޔާގެ ނަމުގައި ފަރުވާކުރާ މީހުން ދެނެގަންނާނެ ބައެއް ކަންކަން މިލިޔުމުގައި ލިސްޓުކޮށްލާނަމެވެ. ލިޔުމުގައި ހިމެނިގެން ދާނީ އައްޝައިޚް ވަޙީދު ޢަބްދުއްސަލާމް ބާލީ ލިޔުއްވާފައިވާ وقاية الإنسان من الجن والشيطان އާއި الصارم البتار في التصدي للسحرة الأشرار، މިދެފޮތުން ފާހަގަ ކޮށްލެވޭ މިފަދަ މީހުންގެ ސިފަތަކެވެ.

1.    އެފަދަމީހުން ބަލިމީހާއަށް ބުނެފާނެއެވެ. ތިމަންނާގެ ލޮލަށް ވަރަށް ރަނގަޅަށް ބަލަހައްޓައިގެން އިންނާށެވެ.

2.    އަދި ހަމަ މިފަދައިން ބަލިވެފައިވާ އަންހެނަކަށް އޭނާގެ ލޮލަށް ބަލަހައްޓައިގެން އިންނަށް ބުނެފާނެއެވެ. އަދި އޭނާ އެއަންހެނާގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ. ފަހެ ބަޔާންވެ އެނގިގެންވާ ގޮތުގައި އަންހެނުންނަށް ބެލުމަކީ ޙަރާމްކަމެކެވެ. ﷲގެ ވަޙީ ބަސްފުޅުގައި ވެއެވެ. قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ . ﴿النور: ٣٠﴾ މާނައީ: “މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ!”

3.    އެފަދަމީހުން ބަލިމީހާއަށް ބުނެފާނެއެވެ. ކަލޭގެ ދެ އަތްތިލަ ދަމާލާށެވެ. ދެން އޭނާ ޖިންނިއާ މުޚާޠަބުކުރެއެވެ. އަދި ބުނެއެވެ. “ޖިންނި މޮޔަވުމުގެ ކަމެއްނަމަ އޭނާގެ އަތް ލައްޕާށެވެ! އަދި ސިޙުރުގެ ކަމެއްނަމަ އޭނާގެ އަތް ހުޅުވާށެވެ!”

ބަޔާންވެ އެނގޭ ގޮތުގައި ފަރުވާކުރުމުގެ ތެރޭގައި ޖިންނި ޝައިތާނުން ޖެއްސުންކޮށް އުޅޭނެއެވެ. ޙަޤީޤަތާ ޚިލާފަށްވެސް އޭނާ ބަލިމީހާ ލައްވާ ޢަމަލުކޮށްފާނެއެވެ. ފަހެ ޖިންނި ޝަޠާނުންނަކީ ބަޔާވެގެންވާ ޢަދުއްވުންކަން އެނގޭއިރު ޖިންނީގެ ޢަމަލަށް ބަރޯސާވާނީ ކިހިނަކުންހެއްޔެވެ؟!!

4.    . އެފަދަމީހުން ބަލިމީހާއަށް ބުނެފާނެއެވެ. ކޮޅަށް ތެދުވާށެވެ. ދެން އޭނާ ޖިންނިއާ މުޚާޠަބުކުރެއެވެ. އަދި ބުނެއެވެ. “ޖިންނި މޮޔަވުމުގެ ކަމެއްނަމަ ކުރިޔަށް ޖެހޭށެވެ! އަދި ސިޙުރުގެ ކަމެއްނަމަ ފަހަތަށް ޖެހޭށެވެ.!”

5.    ބަލިމީހާގެ ޙާޒިރުގައި ކިޔެވުމުގެ ބަދަލުގައި ބަލިމީހާގެ ފޮޓޮއަށް ކިޔެވުން.

6.    އެފަދަމީހުން ބަލިމީހާ ކައިރީގައި ކިޔަވަމުންގޮސް، ކިޔެވުމުގެ މެދުތެރެއިން ބުނެފާނެއެވެ. ލޯމަރާށެވެ. ދެން ކަލެއަށް ފެންނަ މަންޒަރުތައް އަހަރެންނަށް ކިޔާދޭށެވެ. މިސާލަކަށް އޭނާއަށް މީހަކު އަނދަނިކޮށް ފެނިދާނެއެވެ. ދެން އޭނާ ބުނެފާނެއެވެ. ޖިންނި އަނދާގެން އެދިޔައީއެވެ.

މިފަދަ ހުރިހައި ކަމަކީ ފަރުވާ ކުރުމުގެ ތެރެއިން، ފަރުވާ ކުރާަ މީހާއަށް ޝައިޠާނާ ޖެއްސުން ކުރުމަށްޓަކައި ދައްކާ ޚިޔާލުތަކެކެވެ.

7.    ހަތަރެސްކަން ގޮޅި ކުރަހާ އޭގެތެރޭގައި އަކުރު ނުގުޅޭގޮތަށް އެއްޗެހި ލިޔުން. އެއީ ޢަރަބި ބަހުން ލިޔާއިރު އެވެސް އަކުރެއް އަނެއް އަކުރާ ނުގުޅުވާ ލިޔުުމެވެ. އެ އަކުރުތަކަކީ އެއްވެސް މާނައެއް ދޭހަވާ އެއްޗެއް ނޫނެވެ.

މިއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެހެނީ މިއީ ޢިލްމުވެރިން ރުޤްޔާ ހުއްދަކުރައްވާއިރު ކުރައްވާފައިވާ ޝަރުތުތަކާއި ޚިލާފު ކަމެކެވެ. އެ ޝަރުތުތަަކަކީ،

ރުޤްޔާ ވަންޖެހޭނީ ޤުރުއާނުން ނުވަތަ ޙަދީޘުން ނުވަތަ ޛިކުރުތަކުން ހެދޭ ރުޤްޔާއަކަށެވެ.

ރުޤްޔާ ވަންޖެހޭނީ ޢަރަބި ބަހުން ނުވަތަ މީސްތަކުންނަށް އޭގެ މާނަ ފަހުންވާ ގޮތަށް ހަދާ ރުޤްޔާއަކަށެވެ.

ރުޤްޔާ އަކީ އޭގެޛާތުގައި އޭގައި އަޘަރުތަކެއް ވާއެއްޗެއްކަމަށް އިޢުތިޤާދު ކޮށްގެން ނުވާނެއެވެ.

އަދި އެރުޤްޔާއެއްގައި އެއްވެސް ޝިރުކުގެ ޢަމަލެއް އެކުލެވިގެން ނުވާނެއެވެ.

8.    ބަލިމީހާގެ ބައެއް ގުނަވަންތަކުގައި ޤުރުއާން ލިޔުން. މިއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. މިއީ ޤުރުއާނަށް އިހާނެތިކޮށް ހިތުމެވެ.

9.    ސޫރަތްތަށް ފެށޭއިރު ހުންނަ އަކުރުތަނަށް (މިޘާލަކަށް ن- ق- عسق- حم….) ބަލިމީހާގެ ނިއްކުރީގައި ލިޔުން. ނުވަތަ އިނގިލިތަކުގެ ކޮޅުގައި ލިޔުން. މިއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. މިއީ ޤުރުއާނަށް އިހާނެތިކޮށް ހިތުމެވެ.

10.   ގޭގެތެރެއަށް ނުބައިވަސްދުވާ ބަޚޫރު އެޅުވުން. (ބަޚޫރު ނޫނަސް ނުބައިވަސް ދުވާޒާތުގެ އެއްޗެހި ދިރިއުޅޭ ގޭގެ ތެރެއަށް އެޅުވުން) މިފަދަ ނުބައި ވަސްވަހަކީ މަލާއިކަތް ބޭކަލުންނަށް އޭގެސަބަބުން އުނދަގޫ ވާ އެއްޗެއްސެވެ. މިކަން ބުޚާރީއާއި މުސްލިމުގައި ރިވާވެފައިވާ ޙާދީޘަކުން ޘާބިތުވެފައިވެއެވެ.

މިހުރިހާ ކަމަކީވެސް ޖިންނިން ރުއްސުމަށްޓަކައި ކުރާ ކަންކަމެވެ. ޝައިޠާނުންތައް އެއިން ވަސްދަމާ އަރާމުކޮށް އުޅޭނެއެވެ. މީގެ ސަބަބުން ގޭތެރޭގައި ޖިންނި ޝައިޠާނުންތަށް އިތުރުވެގެން ދާނެއެވެ.

11.   ލޮނަށް ކިޔަވާ، އޭތި ގޭގެތެރެއަށް ބުރުވުން. މިއީ ބިދުޢައެކެވެ. އެކަމަށް އެއްވެސް ދަލީލެއް ނެތެވެ. އަދި ކިއެއްހެއްޔެވެ! ފަހަރެއްގައި މިއީ ޝައިޠާނާ ރުހޭކަމަކަށް ވެދާނެއެވެ.

12.   އަލިފާނުން ފަރުވާކުރުން. އެގޮތުން ފަރުވާ ކުރާމީހާ ބަލިމީހާގެ މޫނާދިމައަށް އަލިފާން ދިއްކޮށްފާނެއެވެ. ފަހެ މިފަދައިން އަލިފާން ބޭނުންކޮށްގެން މިކަންތައްތައް ކުރުން ހުއްދަވެގެން ނުވެއެވެ. ބުޚާރީގައި ރިވާވެގެންވާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްބަސްފުޅެއްގެ މާނައިގައި ވެއެވެ. “ﷲތަޢާލާއަށް މެނުވީ އަލިފާނުން ޢަޛާބު ދިނުމެއް ނުވެއެވެ.”

13.   ތެލަށް ނުވަތަ ގޮމަކަސްތޫރިއަށް ކިޔެވުމަށްފަހު، ފޫޅާއި ކަކުލާ ދެމެދުގައި އުނގުޅުމަށް އަމުރުކުރުން. މިއީ ގޯހެކެވެ. ޤުރުއާން ކިޔެވެފައި ވާއެއްޗެއް ޚާއްސަކޮށް އެތަންތާ ހޭކުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.

14.   ގެ އިސްމުފުޅު ނުވަތަ ޤުރުއާނުގެ އާޔަތްތަކެއް ކަރުދާސް ގަނޑެއްގައި ނުވަތަ ފޮތިގަނޑެއްގައި ލިޔުމަށްފަހު އޭތި އަންދާލާ އަދައިގެންދާ ދުމުން ބަލިމީހާލައްވާ ވަސްގަނުވުން. އެމީހުން ދައުވާކުރާގޮތުގައި އެކަން އެހެން ކުރަނީ ޖިންނި އަންދާލުމަށްޓަކައެވެ. (މިގޮތަށް އަނދާއިރު ބައެއްމީހުން އެތަކެތި ތެޔޮލާ ފޯކޮށް އުޅެއެވެ.)

މިއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެހެނީ އެނދުމުގެ ނިޔަތުގައި ޤުރުއާން ލިޔުމަކީ ޤުރުއާނަށް އިހާނާތްކޮށްހިތުމެވެ. އޭ ފަރުވާ ކުރާމީހާއެވެ. ތިބާ ﷲއަށް ބިރިވެތިވާށެވެ!

15.   ބައެއް ފަރުވާ ކުރާ މީހުން އެމީހުންނާއެކު ފަރުވާ ކުރުމުގައި އެހީތެރިވުމަށްޓަކައި މަލާއިކަތްބޭކަލުން ފައިވާވަޑާގަންނަވާކަމަށް ދައުވާ ކުރެއެވެ. މިއީ ބާޠިލު ވާހަކައެކެވެ. ފަހެ އެބައިމީހުންނަކީ އެބައިމީހުންގެމައްޗަށް މަލާއިކަތްބޭކަލުން ފައިބައި ވަޑައިގަންނަވާ ރަސޫލުން ހެއްޔެވެ؟!!!!

16.   ބައެއް ފަރުވާކުރާ މީހުން ޖިންނީންގެ އެހީތެރިކަން ހޯދައެވެ. މިއީ ހުއްދަ ކަމެއް ނޫނެވެ. އެއީ އެ ޖިންނި މުސްލިމެއްކަމުގެ ދަޢުވާ ކުރިކަމުގައިވިއަސް މެއެވެ. ﷲތަޢާލާގެ ވަޙީ ބަސްފުޅުގައިވެއެވެ.وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا ﴿الجن: ٦﴾މާނައީ: ” އަދި އިންސީންގެ ތެރެއިން ފިރިހެންބަޔަކު، ޖިންނީންގެ ތެރެއިން ފިރިހެންބަޔެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވޫއެވެ. ފަހެ (އެކަމުގެ ސަބަބުން) އެއުރެންނަށް (އެބަހީ: ޖިންނީންނަށް) އެއުރެން (އެބަހީ: އިންސީން) ކާފަރުކަމާއި ބޮޑާކަން އިތުރުކުރޫއެވެ.”

17.   މުގު ނުވަތަ މިނޫންވެސް ކާތަކެއްޗަށް ކިޔެވުން. މިއީ ބިދުޢައެކެވެ.

18.   ދެމަފިރިކަމުގެ ގުޅުން ހިނގުމަށް ހުރަސްއެޅުމަށްޓަކައި ހަދައިފައިވާ ސިހުރު ފިލުވާލުމަށްޓަކައި ކުކުޅު ބިހުގައި ލިޔެ ފިރިމީހާ ނުވަތަ އަނބި މީހާއަށް ކާނދިނުން.

19.   ޖިންނި މެރުމުގެ ނަމުގައި، ފެނަށް ނުވަޔަ ގުލްކޯޒް އަށް ކިޔަވައި، ނާރުތަކުގެ ތެރެއަށް އެއެއްޗެހި އިންޖެޝަންގެ ގޮތުގައި ޖެހުން.

20.   ޢަރަބި ބަހުގެ ނޫނު (ن) އެކޮޅުކޮޅުން ނިއްކުރީގައި ލިޔުން.

21.   މަޙުރަމެއް ނެތި އަންހެން ބަލިމީހާގެ ގާތުގައިހުރެ ކިޔެވުން.

22.   ކިޔެވުމުގެ މެދުތެރެއިން ނުވަތަ ފެށުމުގައިވެސް އަންހެން ބަލިމީހާގެ ގައިގައި އަތްލުން. ހިލޭ އަންހެނުން ގައިގައި އަތްލާ ބީހި ހެދުމަކީ ޝަރީޢަތުގައި ޙަރާމްކަމެކެވެ.

23.   ބަލިމީހާއަށް ބައެއް ކާތަކެތި ނުކެއުމަށް އަމުރުކުރުން. އެމީހުން ދަޢުވާކުރާ ގޮތުގައި މިގޮތަށް ޢަމަލުކުރުމުން ޝައިޠާނާ ބަލިކަށިވެއެވެ.

24.   ބަލިމީހާގެ ނަމާއި އޭނާގެ މަންމަގެ ނަން އަހާ ސުވާލުކުރުން

25.   ބަލިމީހާގެ ކައިރިން އޭނާގެ މާއްދީ އަޘަރެއް ގެނެސްދިނުމަށް ބުނުން. (މިޘާލަކަށް، ހެދުމެއް ނުވަތަ އިސްތައްޓެއް ނުވަތަ ފުނާ ކަހަލަ ތަކެތި)

26.   ވަކި ސިފައެއްގެ ހައިވާނެއް ގެނައުމަށް ބުނުން. މިސާލަކަށް ކަޅުކުލައިގެ ބުޅަލެއް ނުވަޔަ ކުކުޅެއް ގެންނަން ބުނެފާނެއެވެ. މިތަކެތި ހޯދައި އުޅެނީ ﷲ ނޫން ފަރާތްތަކުގެ ނަމުގައި ކަތިލުމަށެވެ. ނުވަތަ ﷲގެ ޛިކުރުނުކޮށް އެތަކެތި ކަތިލުމަށްޓަކައެވެ. ފަހަރެއްގައި އޭތި ކަތިލައި ބަލިމީހާއަށް ތަދުވާ ތަނެއްގައި އޭގެ ލޭހާކައިފާނެއެވެ. ނުވަތަ އެ އެއްޗެއް ހުސް ބިމަކަށް އެއްލާލަން ބުނެފާނެއެވެ.

27.   ތަރިތަކުގެ ނަންތައް ލިޔެއުޅުން

28.   ޤުރުއާނުގެ އާޔަތްތަށް ކިޔަވާ ހިނދު އަޑު ހަރުކޮށް ކިޔަވާފައި ދެން ސިއްރުން މީހުންނަށް ނުވިސްނޭގޮތަށް އެއްޗެހި ތަކެއް ކިޔުން. މިފަދައިން ކަންތަށް ކުރަނީ، ބަލިމީހުންނަށް އޮޅުވާލުމަށްޓަކައެވެ.

29.   ބަލިމީހުންނަށް ގައިގައި އެޅުމަށްޓަކައި ތަވީދު ދިނުން. އެމީހުން މިފަދަ ތަކެއްޗަށް ޙިޖާބު ކިޔާއުޅެއެވެ.

30.   މީސްތަކުންނާއި ދުރުގައި، އިރުގެ އަލިކަން ނުވަންނަ، ބަންދުވެފައި ހުންނަށް އަނދިރި ތަނެއްގައި ވަކި މުއްދަތެއްގައި އުޅުމަށް ބަލިމީހާއަށް އެންގުން.

31.   ބައެއްފަހަރު ބަލިމީހާއަށް ވަކި މުއްދަތެއްގައި ފެނުގައި ނުޖެހި އުޅުމަށް އަންގާފާނެއެވެ. ގިނަފަރު ބުނެ އުޅޭނީ ސާޅީސް ދުވަސްވާންދެން އެގޮތަށް ޢަމަލު ކުރުމަށެވެ. އަދި ބައެއްފަހަރު ބަލި މީހާގެ ކަރުގައި ސަލީބެއްވެސް އަޅުވާފާނެއެވެ. އެކަމުން ދަލީލުކޮށްދެނީ ސިޙުރުވެރިޔާއަށް ޚިދުމަތްކޮށްދޭ ޖިންނި އަކީ ނަޞާރާ އެއްކަމެވެ. ނުވަތަ އެ ޖިންނި އަކީ ނަސާރާއިންގެ ޢަދާވަތް ތެރިއެއް ނަމަ ޞަލީބަށް އަރާ ހަލާކުކުރުމަށްވެސް ބުނެފާނެއެވެ.

32.   ކިޔަވަމުން ދާހިނދު އެތަނަށް ޙާޒިރުވެ ތިބި މީހުންނަށް ނުފެންނަ މީހަކާ ވާހަކަދެއްކުން. އަދި އެމީހެއްގެ ކިބައިން އެހީތެރިކަމާއި މަދަދަށް އެދުން.

އަދިވެސް މިނޫންވެސް އެތައް ކަމެއްމެއް މިފަދަ މީހުން ކޮށް އުޅެތެވެ. އެގޮތުން ހުސްބިންތަކަށް ނުވަތަ ކަނޑުމައްޗަށް ބަލިމީހާ ގެންގޮސް ކިޔެވުމާއި، ޖިންނީންގެ ސޫރަ ކުރަހާ އެތަކެތި އެންދުމާއި ލަކުޑިގަނޑަކަށް ވަޅިޖެހުމާއި އަދި މިނޫންވެސް އެތައް ކަންތައްތަކެއް ކޮށްއުޅެތެވެ. އަދި މިހާރަކަށް އައިސް ޖިންނިންނާ ފޯނުން މުޚާތަބުކޮށް އުޅޭ ކަމުގެ ދަޢުވާވެސް ކޮށްއުޅެތެވެ.

ނަމަވެސް ހިތާމައަކީ، މީސްތަކުން މިފަދަ ކަންތައްކުރާ މީހުންގެ ކައިރިއަށް  ބޮޑު ޚަރަދުކޮށްފައި ދަތުރުކޮށްފައި އަންނަކަމެވެ. އަދި އެމީހަކީއެއީ މުސްލިމުންގެ ނަމާދުގެ ޖަމާޢަތުން ދުވަހަކު ނުފެންނަ މީހެއްކަމުގައި ވީނަމަވެސް، އެއީ މާ ކަރާމާތްތެރި ޤުރުއާނުން ފަރުވާކުރާ މީހެއްކަމުގައި ދެކެގެންތިބެ އެމީހުންގެކައިރިއަށް ދާކަމެވެ. الله مستعان.

___________________________________

މިލިޔުމުގައި ހިމެނިފައިވާނީ އައްޝައިޚް ވަޙީދު ޢަބްދުއްސަލާމް ބާލީ ލިޔުއްވާފައިވާ وقاية الإنسان من الجن والشيطان އާއި الصارم البتار في التصدي للسحرة الأشرار، މިދެފޮތުން ފާހަގަ ކޮށްލެވޭ މިފަދަ މީހުންގެ ސިފަތަކެވެ.

ފަހުގެ ލިޔުންތައް

 

މިއަދު އޮންލައިން