ހިތްބިރުގަނޭތަ؟ ނިކަން މިކަންކަން ކޮށްބަލަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ހިތްބިރުގަނޭތަ؟ ނިކަން މިކަންކަން ކޮށްބަލަ!: މުފްތީ މެންކް

އަޅުގަނޑަކީ 23 އަހަރުގެ އަންހެން ކުއްޖަކީމެވެ. ކުޑައިރުންސުރެ އެކި ގޮތްގޮތުން ކުރިމަތިވެފައިވާ ކަންކަމުގެ ސަބަބުން މިހާރުވެސް ވަރަށް ފަސޭހައިން ހިތްބިރުގަނެއެވެ. ވަރަށް ކުދިކުދި ކަންކަމާއިހުރެވެސް ހިތްބިރު ގަނެއެވެ. މިކަމުން ސަލާމަތްވާން ކުރެވިދާނެ ކަމެއް ބުނެދެވިދާނެތަ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ

އެއީ ކުރަންޖެހޭ ކަމެއް ނޫން ނަމަވެސް ގިނަ ބައަކު ހިތްބިރުގަނެއެވެ. ގިނަބައަކަށް އެކަންކުރިމަތިވަނީ ޒުވާން ޢުމުރުގައެވެ. ކުޑައިރުވެސް ކުރިމަތިވެއެވެ. ޚާއްޞަކޮށް އިރުއޮއްސި އަނދިރިވުމުން ހިތްބިރުގަތުން އިތުރުވެއެވެ. އަނދިރިކަން ވެރިވުމުން ކިރިޔާ އަޑެއް އިވިލި ނަމަވެސް ބިރުގަތުން އިތުރުވެއެވެ.

އެންމެންނަށްވެސް، ވަކިން ޚާއްޞަކޮށް މިފަދަ މީހުންނަށް ބުނެލަން އޮތީ ފުރަތަމަ ކަމަކަށް ރައްކައުތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރާށެވެ! ގެއިން ބޭރަށް ނުކުންނަނަމަ ޛިކުރުތައް ކިޔާށެވެ! އަދި ދެއިރު އާޔަތުލް ކުރިސި އާއި އިޚްލާޞް، އަލްފަލަޤް، އައްނާސް ސޫރަތް 3 ފަހަރުކިޔަވަމުން ގެންދާށެވެ! އެކަންކަން ކޮށްގެން ހުންނަ މީހާއަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ!

ހަމައެކަނި ޛިކްރުކުރުމަކުން ނުފުދޭނެއެވެ. މާނައަކީ ފަރުޟު ނަމާދުތަކަށާއި ސުންނަތް ނަމާދުތަކަށް ރައްކައުތެރިވާންވާނެއެވެ. ކުރާ އެހެން ޢަމަލުތަކުގެ ފައިދާކުރާނީ ފަރުޟާއި ސުންނަތް އަދާކުރުމުންނެވެ. ވަކިން ޚާއްޞަކޮށް ފާޙިޝް ޢަމަލުތައް ކުރުމާއި ދުރުހެލިވާށެވެ!

މިބުނި ގޮތުގައި ސާބިތުވެ ހުންނަ މީހާގެ ހިތަށް ބިރުވެރިކަމެއް ވަދެއްޖެނަމަ ތިމާ މިހުރީ ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބިގެންކަން ހިތަށް އަރުވާށެވެ! އަދި އެފަދަ ވަގުތުގައިވެސް ހެޔޮ އެއްޗެތިކިޔަވާށެވެ! ﷲ ތަޢާލާގެ ރައްކައުތެރިކަމަށް އެދޭށެވެ! ހިތްބިރުގަތުމުން ސަލާމަތްކުރައްވަވާނެތެވެ! އިން ޝާ ﷲ

ޔަޤީންކުރާށެވެ! އެމީހަކަށް ﷲ ތަޢާލާގެ ރައްކައުތެރިކަން މިންވަރުކުރައްވަވާފައިވާ އެއްވެސް މީހަކަށް ދެރައެއް ނުވަތަ ގެއްލުމެއް ދެވޭނެ ހަމައެކަކުވެސް ނުހުންނާނެކަން ޔަޤީންކުރާށެވެ! ވީމާ ފުރަތަމަ ކަމެއްގެ ގޮތުންވެސް ފަތިސްނަމާދުން ދުވަސްފަށަން އާދަކުރާށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން