ސުވަރުގޭގައި ދަރަޖަތަކެއްވާކަން އެބައެނގެއެވެ. ގަދައަޅައި މަސައްކަތްކޮށްފި މީހަކަށް އެންމެ މަތީދަރަޖަތަކަށް ވާޞިލްވެވި އެމަތިވެރި ނިޢުމަތް ލިބެން އެބައޮތްކަންވެސް އެބަ އެނގެއެވެ. ވީމާ ކަންނެތްވެތިބެގެން އެދަރަޖަ ނުލިބޭނެކަން ޤަބޫލުކުރާށެވެ.
މީސްތަކުންނޭވެ! މިއަހަރުގެ ރަމަޟާން މަހުވެސް އަހަރެމެންގެ ތެރެއިން ވަރަށް ގިނަބައަކު ވަރަށް ގިނަ ނަމާދުތައްކޮށް ވަރަށް ބުރަކޮށް އަޅުކަންކޮށްފީމުއެވެ. ދަމުނަމާދުވެސް ކޮށްފީމުއެވެ. ގިނަބައަކު މިވަނީ ޙަމްދު ލިބިގެންވާ މަޤާމަށް ދިއުމަށް ދަތުރުފަށައިފައެވެ. ރަމަޟާން މަސް ނިމުމުން އެދަތުރު ހުއްޓައިނުލާށެވެ! ރަމަޟާން މަހު ފެށި ދަތުރު ކާމިޔާބުކަމާއިއެކު ނިންމަން ގަދައަޅައި މަސައްކަތްކުރާށެވެ!
ކޮންމެ މުސްލިމަކީވެސް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ލިބެން ބޭނުންވާނެ މީހެކެވެ. ނަމަވެސް މައްސަލައަކީ އެމަޤާމަށް ދިއުމަށް ކުރަން އަންގަވާފައިވާ މަސައްކަތުގައި ފަހަތަށް ޖެހެވޭކަމެވެ. ކަންނެތްވެވޭ ކަމެވެ.
"އަދި (ފަރުޟު ނަމާދުތަކުގެ އިތުރަށް) ކަލޭގެފާނަށް ޚާއްޞަ ނަމާދެއްގެ ގޮތުގައި، ރޭގަނޑުގެ ބައެއްގައި އެ ޤުރްއާން ކިޔަވައި ވިދާޅުވެ، ތަހައްޖުދު ނަމާދުކުރައްވާށެވެ! އެކަމުން (ޤުރްއާން ކިޔަވައި ތަހައްޖުދު ނަމާދުކުރުމުން) ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަމްދު ލިބިގެންވާ މަޤާމަކަށް ކަލޭގެފާނު ފޮނުއްވައިފާހުއްޓެވެ!" (އަލްއިސްރާ: 79)
މީސްތަކުންނޭވެ! އަހަރެމެން ބޭކާރު ގޮތުގައި ހޭލައި އުޅެ، ދަމުނަމާދަށް ނުހޭލައި ކަންނެތްވެ ނިދާފައި ތިބެގެން އެ މަތިވެރި މަޤާމަށް ނުދެވޭނެކަން މިއާޔަތުން މިދަނީ އެނގިގެންނެވެ. ޤުރްއާން އުނގެނޭށެވެ. ނަމާދުގައި ކިޔަވާށެވެ! ނަމާދަށްފަހުގައިވެސް ކިޔަވާށެވެ! ކާމިޔާބީ ގުޅިފައިވަނީ އަހަރެމެންކުރާ ނަމާދާއިއެވެ. ނަމާދުތަކަށް ރައްކައުތެރިވާށެވެ! ޚާއްޞަކޮށް ފަތިސް ނަމާދަށް ރައްކައުތެރިވާށެވެ!
"އިރުމެދުން ފިލުމުން ރޭގަނޑުގެ އަނދިރިކަމާއި ހަމައަށް ކަލޭގެފާނު ނަމާދު ޤާއިމްކުރައްވާށެވެ! (އެބަހީ މެންދުރުނަމާދާއި ޢަޞްރުނަމާދާއި މަޣްރިބްނަމާދާއި ޢިޝާނަމާދު ޤާއިމްކުރައްވަވާށެވެ!) އަދި ފަތިސް ނަމާދު ކުރައްވަވާށެވެ! ހަމަކަށަވަރުން ފަތިސްނަމާދަކީ (ރޭގަނޑުގެ މަލާއިކަތުންނާއި ދުވާލުގެ މަލާއިކަތުންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ." (އަލްއިސްރާ: 78)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން