ބުރަ އުފުލައިގެން ހެޔޮ ޢަމަލުތައް ކުރިނަމަވެސް ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ބުރަ އުފުލައިގެން ހެޔޮ ޢަމަލުތައް ކުރިނަމަވެސް ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ މީހުން-

އެތައް ބުރައެއް އުފުލައިގެން ދުނިޔޭގައި ވަރަށް ގިނަ ހެޔޮ އަމަލުތައް ކުރުމުގެ ސަބަބުން ޤިޔާމަތް ދުވަހު ބޮޑެތި ފަރުބަދަތައް ވަރުގެ ގިނަ ހެޔޮކަންތައްތައް ހިފައިގެން ގޮސް ފޭލްވާނެ ބައަކު ތިބޭނެއެވެ. އެމީހުން ކުރި ނަމާދުތަކާއި ކިޔެވި ކީރިތި ޤްރުއާނާއި ކުރި ޞަދަޤާތާއި ކުރި އެހެނިހެން އަޅުކަންތައް ގިނަކަމުން ބޮޑެތި ފަރުބަދަތައް ވަރުގެ ބޮޑެތި ފުނިތައް އެމީހުންނާއިއެކުގައި ވާނެއެވެ. ނަމަވެސް ހިސާބު ބެއްލެވުމުގެ ވަގުތުގައި އެ ފުނިވަރުތައް އަޅިތަކެއް ފަދައިން ވަޔަށް ބުރަބުރައިގެންދާނެއެވެ. އެއިން އެއްވެސް ފައިދާއެއް ނުކުރާނެއެވެ.

ކީއްވެގެން ހެއްޔެވެ؟ އެމީހުން އަޅުކަންކުރީ މީސްތަކުންގެ ލޯތަކަށް ދައްކައި މީސްތަކުންގެ ތަޢްރީފް ހޯދަން ކަމުގައިވާތީއެވެ. އެހެންކަމުން އެކުރި ހުރިހައި އަމަލެއް ހިމެނިގެންދާނީ ދެއްކުންތެރިކަމުގެ އަމަލުތަކުގެ ގޮތުގައިކަމަށްވާތީއެވެ. ދެއްކުންތެރި ކަމުގެ ގޮތުގައި ކުރާ އެއްވެސް ހެޔޮ އަމަލެއް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ.

އެފަދަ މީހުން އެކަންކަން ކުރަން ދުނިޔޭގައި ތަކްލީފްވެސް އުފުލިއެވެ. އަތުން ޚަރަދުވެސް ކުރިއެވެ. ވަގުތުތައްވެސް ހޭދަކުރިއެވެ. މަސައްކަތްތަކެއްވެސް ކުރިއެވެ. ނަމަވެސް މިހުރިހައި ކަންކަމާއިއެކުވެސް އެމީހުންގެ އަމަލުތައް ވަޔަށް ބުރައިގެން އެދަނީ ދެއްކުންތެރިކަން އެމީހާގެ ހިތުގައި އޮތީތީއެވެ.

ވީމާ ދެއްކުންތެރިކަމާއި ކައިރިވެސް ނުވާށެވެ! ދެއްކުންތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ހިތުގައި ނުބާއްވާށެވެ! އަހަރެމެން ކުރާ ކޮންމެ ކަމެއް ކުރަންވީ ﷲ ތައާލާއަށް ދެއްކުމަށެވެ. އަހަރެމެން ކުރާ ކޮންމެ ކަމެއް ކުރަންވީ ހެޔޮ އަމަލުގެ ފޮތުގައި މަލާއިކަތުން ލިޔުއްވެވުން އެދިގެންނެވެ. ވީމާ ދެއްކުންތެރިކަމުގެ ވިސްނުން ހިތަށް ނުވެސް ގެންނާށެވެ! ހިތަށް އައިނަމަވެސް އަވަހަށް އަސްތަޣްފިރުﷲ ކިޔައި ތައުބާވާށެވެ! ފާފަ ފުއްސަވައިދެއްވެވުމަށް އެދޭށެވެ! އެފަދަ ކަމެއް ހިތަށް އެރީތީވެސް ރޮއި ހިތާމަކުރާށެވެ! ނޫންނަމަ ތިމާ ހިމެނިގެންދާނީ ގެއްލެނިވެ ނަރައަށް ދާން ޖެހޭނެ މީހުންގެ ތެރެއިން ކަމުގައި ވެދާނެތީ ބިރުވެތިވާށެވެ!

ބައެއް ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި އެމީހެއްގެ ކިބައިގައި ފުދުންތެރިކަން ހުރިނަމަ ކިތަންމެ އަގުބޮޑު ފޭރާމެއް ލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ތިމާގެ ތަނަވަސްކަން އަންގައިދީގެން މީސްތަކުންގެ ސަމާލުކަން ހޯދުމަށްޓަކައި އަގުބޮޑު ރިވެތި ފޭރާން ލުމަކީވެސް ދެއްކުންތެރި ކަމުގެ ޢަމަލެކެވެ. ވީމާ އެއީ ތިމާ އެކަމުގެ ސަބަބުން ފާފަވެރިވާނެ ކަމެކެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނައި ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން