މިރޭ މިވާހަ މިކިޔައިދެނީ ކުޑަކޮށް ތަފާތު ހިސާބަކުން ފަށައިގެންނެވެ. ވީމާ ފުރަތަމަވެސް ކޮށްލާނީ ސުވާލެކެވެ! ކައިވެނި ރޫޅުން އިންތިހާއަށް މަދު ރޫޅުނަސް އަނިޔާ ލިބުނު މީހާއަށް އެއްވެސް ގެއްލުމެއް ނުލިބި ރަޙްމަތަކަށްވާނެ ކައިވެންޏެއްގެވާހަކަ އަޑުއަހަމުހެއްޔެވެ؟
ކައިވެނި ރޫޅުން ގިނަވަމުންދާ ކަމުގެ ވާހަކަ އެންމެންވެސް ދައްކައެވެ. ކަންބޮޑުވުން ވެސް ފައުޅުކުރެއެވެ. އަހަރެންގެ އޮތީ ހަމަ އެންމެ ސުވާލެކެވެ. ﷲ ތަޢާލާއަށްޓަކައި ލޯބިން ކުރެވުނު ކައިވެންޏެއް ރޫޅިގެން އުޅޭ ކަމުގެ ވާހަކަތައް އަޑުއެހިން ހެއްޔެވެ؟ އިވިފައިވާނަމަ އެކަން ވާނީ ހަމަ ހާހަކުން އެންމެ އެކަކަށެވެ.
ކައިވެނިތައް ރޫޅެމުން މިދަނީ ކައިވެނިކުރާ ސަބަބަކީ ދުނިޔަވީ ސަބަބުތައް ކަމުގައި ހަދާތީއެވެ. ގައިގެ ކުލައަށާއި ބުރުސޫރައަށާއި މުއްސަނދިކަމަށާއި ޢާއިލީ ނިޞްބަތް ފަދަ ކަންކަމަށް ބަލައިގެން ކައިވެނިތައް ކުރާތީއެވެ.
ކައިވެނި ދަމަހައްޓަން ބޭނުން ނަމަ އަދި ކައިވެނީގެ ފޮނިމީރުކަން ލިބެން ބޭނުންނަމަ ކުރެވޭ ކައިވެނިތަކަކީ ހަމައެކަނި ދުނިޔޭގެ އެދުންތައް ހާޞިލުކުރަން ކުރެވޭ ކައިވެނި ކަމުގައި ނުހަދާށެވެ. ދުނިޔަވީ ސަބަބުތަކަށްޓަކައި ކައިވެނި ކުރުމުގެ ބަދަލުގައި ﷲ ތަޢާލާ އަށް ލޯބިން ކުރާ ކައިވެނިތަކަކަށް ހަދާށެވެ. އެކަން ކުރެވޭނީ ބޭރުފުށުގެ ސިފަތަކަށް ބެލުމުގެ ބަދަލުމުގައި ތަޤްވާވެރިކަމަށް ބަލައިގެން ކައިވެނި ކުރުމުންނެވެ.
ވިސްނާށެވެ. މުއްސަނދިކަން ގެއްލޭނެއެވެ. ބުރުސޫރަ އާއި ސިފަތައްވެސް ގެއްލޭނެއެވެ. ހަށިގަނޑުގެ ރީތިކަންވެސް ގެއްލޭނެއެވެ. ނަމަވެސް ތަޤްވާވެރިކަމަކީ އެމީހަކު ދަމަހައްޓަން ބޭނުންހައި ދުވަހަކު ދެމެހެއްޓޭނެ ކަމެކެވެ. އެމީހަކު ދޫކޮށްލުމުން ނޫނީ ގެއްލިގެން ނުދާނެއެވެ.
ކައިވެންޏަކީ ހަޔާތުގެ އެންމެ މުހިންމު އަސާސްއެވެ. ވީމާ ކައިވެނިކުރުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ ތަޤްވާވެރިކަމަށެވެ. ކައިވެނީގެ ބައިވެރިޔާއަކީ ތަޤްވާވެރިއަކު ކަމުގައި ނުވެއްޖެ ނަމަ ކުރިމަތިވާނެ މައްސަލަތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިންވެސް އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އަހަރެން ފާހަގަކުރާނީ ދަރިން ތަރުބިއްޔަތުކުރުމެވެ. އެހެނީ މައިމީހާއަކީ ތަޤްވާވެރިއަކު ކަމުގައި ނުވެއްޖެ ނަމަ މުސްލިމް ވަންތަ ކުދިންގެ ގޮތުގައި ދަރިން ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. އިސްލާމް ދީނަށް ލޯބިކުރާ ގޮތުގައި ދަރިން ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. ހަމައެފަދައިން ބައްޕައަކީ ތަޤްވާވެރިއެއް ކަމުގައިވެ އިސްލާމް ދީނުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމަށް އެއްބާރުލުން ދީ ބާރު ނުއަޅާނަމަ ވެސް ދަރިން ތަރުބިއްޔަތުކުރަން މައްސަލަތައް ކުރިމަތިވާނެއެވެ.
ކައިވެނިކުރާއިރު ތަޤްވާވެރި އަންބަކު އިޚްތިޔާރުކުރުމަށް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ފިރިހެންމީހާއެވެ. ސަބަބަކީ ލިބޭ ދަރިން އިސްލާމީ ވަންތަކަމުގައި ތަރުބިއްޔަތު ނުކުރެވިއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ފިރިމީހާއަށް ކަމުގައިވާތީއެވެ. ޢާއިލާގެ އެންމެ އިސްވެރިއަކީ ފިރިމީހާ ކަމުގައިވާތީއެވެ.
ވީމާ ކައިވެނި ކުރުމުގެ ކުރިން މިކަންކަމަށް ފުރިހަމައަށް ވިސްނައިލުން އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ކައިވެނީގެ ސަބަބުން ދުނިޔޭގައި ލިބިގެންދާ އުފަލަކީ ޢާޚިރަތް ދުވަހު ތިމާ ފޭލްވެގެން ހިނގައިދާނެ ސަބަބެއް ކަމަށްވެދާނެ ކަމާއިމެދު ބިރުވެތިވާށެވެ! އެފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ ލިބޭނެ ދެރަ ދުނިޔޭގައި ލިބުނު އުފަލަށްވުރެ މާ ހިތިވެގެން ހިނގައިދާނެ ކަމަށް ބިރުވެތިވާށެވެ!
އަހަރެންމާއި ހަމައަށ މިހައިތަނަށް އައިސްފައިވާ މައްސަލަތަކަށްބަލާއިރު ﷲ ތަޢާލާއަށްޓަކައި އެކަކު އަނެކަކަށް ލޯބިންކުރާ ކައިވެނި ރޫޅީފައިވަނީ އިންތިހާއަށް މަދުންނެވެ. އަދި ކަމެއް ދިމާވާ ގޮތަކުން ރޫޅުނު ނަމަވެސް އަނިޔާ ލިބުނު މީހާއަށް އަބަދުވެސް ހުރީ މާ އުފާވެރި ގޮތްތައް މެދުވެރިކުރައްވަވައިފައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން