ވަރިކުރުމަކީ އެންމެ ފަހުން ކުރަން އޮންނަ ކަންތައް ނަމަވެސް ބައެއް ފަހަރު، ބައެއް މީހުން އެކަންހަދަނީ އެންމެ ފުރަތަމަ ކުރާ ކަންތަކަށެވެ. އެއްވެސް ޙާލެއްގައި މިއީ ދީނުގައި އެކަންކުރަން އޮތް ގޮތެއް ނޫނެވެ. ދީނުގައި ހުއްދައީ އެކުގައި އުޅެވޭނެ ގޮތެއް ނެތިއްޖެނަމަ ދެމީހުން ވަކިވުމެވެ. ހިތުގައި ޖެއްސުވުމާއި އަނިޔާވެރިވުން ހުއްދައެއް ނޫނެވެ.
ދެން އެހެން ގޮތެއް ނެތިގެން ވަރިކުރި ނަމަވެސް އަދި ވަރިވި ނަމަވެސް އޯގާތެރިކަން އިސްކުރާށެވެ! އަނބިމީހާ ބޭނުންވުމުން ވަރިވަނީއެވެ! ފިރިމީހާ ބޭނުންވުމުން ވަރިކުރަނީއެވެ! ކުރެވެނީ އެއްކަމެކެވެ. ނުކުންނަނީ އެއް ނަތީޖާއެކެވެ. ދެމަފިރިން ވަކިވުމެވެ! ދުރުހިލޭ ދެމީހުންނަށްވުމެވެ.
ވީމާ އެކުގައި ދިރިއުޅެވޭނެ ގޮތެއް ނެތިގެން ދެމަފިރި ކަމުގެ ގުޅުން ކަނޑައިލި ނަމަވެސް އެކަކު އަނެކަކަށް ރުޅިވެރިކަމާއި ހަސަދަވެރިކަން ނުބާއްވާށެވެ! ވަރިކުރުމަށްފަހު ޙަޔާތުގެ ދެން އޮތްބައި ނުވަތަ ދެންކުރާ ކައިވެނި ކާމިޔާބު ކުރެވޭނީވެސް ﷲ ތައާލާ ރުހިވޮޑިގަންނަވާ ގޮތުގައި އަމަލުކުރުމުންނެވެ.
ދެމީހެއްގެ ގުޅުން ދުރުކުރަން އިސްލާމް ދީނުގައި ހުއްދަ މިންވަރަށް ދުރުކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް އެކަން އެގޮތަށް ކުރަން ޖެހޭނީ ދެން އެހެން ގޮތެއް ނެތިއްޖެ ނަމައެވެ. އިސްލާމް ދީނުގެ ހަމަތަކުގެ މަތީން ވަރިކުރުންވެސް ހުއްދައެވެ. ޚާއްޞަކޮށް ވަރިކުރަން ޖެހޭނީ ވަރި ނުކޮށް މައްސަލަ ހައްލުކުރެވޭނެ އިތުރު އެއްވެސް ގޮތެއް ނުފެނިއްޖެ ނަމައެވެ.
އަބަދުވެސް ބުނާފަދައިން ކޮންމެ ދެމީހެއްގެ މެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. އަނބިން، ފިރިން، ދަރިން މައިން ބަފައިންގެ މެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. އަހަރެމެންނަށް އޮތީ މައްސަލަތައް ޙައްލު ކުރުމެވެ. ކައިވެނީގެ ގުޅުން ދަމަހައްޓަން މަސައްކަތްކުރުމެވެ. އާއިލީ ގުޅުން ދަމަހައްޓަން މަސައްކަތްކުރުމެވެ.
ނިސާ ސޫރަތުގެ 128 ވަނަ ޢާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ "ޞުލްޙަ ވުން ހެޔޮކަން ބޮޑެވެ." މިފަދައިންނެވެ. މައްސަލަ ޖެހުނީ ދެ މީހެއްގެ މެދުގައި ނަމަވެސް އަދި ދެމަފިރިންގެ މެދުގައި ނަމަވެސް މައްސަލައެއް ޖެހިއްޖެ ނަމަ ﷲ ތަޢާލާ ލޯބިފުޅުވެވޮޑިގަންނަވަނީ ދެމީހުން ޞުލްޙަވުމަށެވެ. އަރާރުންވެ ހަމަނުޖެހުން ހިންގުމަކަށް ނޫނެވެ. ފިތުނަ ފަސާދަ އުފެއްދުމަކަށް ނޫނެވެ. ދެމަފިރިންނަމަ މައްސަލައެއް ކުރިމަތިވާއިރަށް އަވަހަށް ވަރިވުމަކަށްވެސް ނޫނެވެ. މައްސަލަ ޙައްލުކޮށް ގުލުން ބަދަހިކުރުމަށެވެ.
ޞުލްޙަވުމުގެ މަތިވެރިކަން ﷲ ތަޢާލާގެ ޙަޟްރަތުގައި މިހައި ބޮޑުވެގެން މިދަނީ އެކަމަކީ ދަތި އުނދަގޫކަމަކަށްވާތީއެވެ. ތިމާއަށް ކުރަން ދަތި އުނދަގޫ ކަމެއް ނަމަވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމަށްޓަކައި ދަތި އުނދަގޫ ކަންކަން ކުރުމުން ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް އެތައް ގުނައަކަށް އިތުރު ކުރައްވަވައެވެ. އެއީ އެކަލާނގެ ރުހިވޮޑިގަންނަވާ މަގުން ޢަމަލުކުރީތީއެވެ!
--މުފްތީ މެންކުގެ ދަރުސަކުން