އިންސާނުންނަކީ އަބަދުވެސް ތަފާތު ކަންކަން ދިމާވަމުންދާނެ ބައެކެވެ. ބައެއް ކަންކަމުގައި އަމިއްލައަށް ގޮތް ނިންމަން އުނދަގޫވެއެވެ. އެހާލަތުގައި އަމަލުކުރަންވީ ގޮތްވެސް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ.
އެގޮތުން ފުރަތަމަކަމަކަށް އޮތީ މަޝްވަރާކުރަންވީ 1 ތިމާއަށް އެންމެ އިތުބާރު ހިފޭ ތަޤްވާވެރި ހެޔޮލަފާ މީހުން، 2 ތިބާއަށް އަޅާލައި ހެޔޮކޮށް ހިތާ މީހުން 3 އެކަމުގެ ތަޖުރިބާހުރި މީހުންނާއިއެވެ. އެކަން ކުރުމަށްފަހު ﷲ ތަޢާލާއަށް ދުޢާކުރާށެވެ! އސްތިޚާރާ ނަމާދުކުރާށެވެ!
ދެ ޙާލަތެއް މެދުވެރިވެއެވެ. އެއްކަމަކީ ތިބާ ޙާޞިލުކުރަން ބޭނުންވާ ކަމެއް ޙާޞިލު ނުކުރެވުމެވެ. ދެވަނަ ޙާލަތަކީ ތިބާ ދެމިހުންނަން ބޭނުންނުވާ ކަމެއްގައި ދެމިހުންނަން ޖެހުމެވެ. މިދެޙާލަތުގައި ވެސް އޮތީ ﷲ ތަޢާލާއަށް ވަކީލްކުރުމެވެ. އެހެނީ 2 ޙާލަތުވެސް މިންވަރުކުރައްވަވަނީ ހަމަ ﷲ ތަޢާލާއެވެ. އަހަރެމެން އެދޭގޮތަށްވުރެ އަހަރެމެންނަށް ފައިދާ ބޮޑުވާނެ ގޮތްވެސް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
މިސާލަކަށް ކައިވެނިކުރަން ބޭނުންވުމުން ކައިވެނި ނުކުރެވި ލަސްވެދާނެއެވެ. އަދި ދެމަފިރިން ދުރުވާން ބޭނުންވި ނަމަވެސް ދުރުނުވެވި ލަސްވެދާނެއެވެ. މިފަދަ އެއްވެސް ޙާލަތެއްގައި އަވަސްއަރައިގެން ތެޅިފޮޅި ނުގަންނާށެވެ! އެކަންތައް އެގޮތަށް ލަސްވުމުގައި ޙިކުމަތެއް އޮންނާނެއެވެ. އެމީހަކަށް ކުރާނެ ފައިދާއެއް އޮންނާނެއެވެ.
އަހުރެމެންނަށް އެކަންކަމަށް ކަންބޮޑުވެގެން އުޅެވެނީ އެކަމުން ކުރާނެ ފައިދާ ނުއެނގޭތީއެވެ. ވީމާ ކޮންމެ ކަމެއްގައިވެސް އޮތީ އެކަމަކަށް އެދިގެން ތިމާކުރަންޖެހޭ ކަންކަން ކުރުމަށްފަހު ﷲ ތަޢާލާއަށް ވަކީލުކުރުމެވެ. ފުރިހަމަ ގޮތުގައި ވަކީލްކުރެވޭނަމަ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން