މައްސަލަޖެހުމުން އަނބިމީހާގެ ކުށްދައްކަން މަސައްކަތްކުރުމުގެ ކުރިއަށް ފިރިން ވިސްނާލަންޖެހޭނެ 3 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
މައްސަލަޖެހުމުން އަނބިމީހާގެ ކުށްދައްކަން މަސައްކަތްކުރުމުގެ ކުރިއަށް ފިރިން ވިސްނާލަންޖެހޭނެ 3 ކަމެއް!

ދެމަފިރިންގެ މެދުގައި ޖެހޭ އެއްވެސް މައްސަލައަކީ އެކަކު އަނެކަކު ކުށްވެރިކޮށްގެން ޙައްލުކުރެވޭނެ ކަންކަމެއް ނޫނެވެ. ޙައްލުކުރެވޭނީ މައްސަލަޖެހެން މެދުވެރިވާ ސަބަބުތައް ނައްތާލައިގެންނެވެ. އެހެންކަމަށްވާއިރު ނިކަން މިކަންކަމަށް ވިސްނައިލަމާހެއްޔެވެ؟

ދިރާސާތަކުން އެނގޭ ގޮތުގައި ފިރިންނަށް ކުރެވޭ އެންމެ ބޮޑު 3 ކުށަކީ:

1 ތައްޔާރުނުވެ ހުރެ ކައިވެނިކުރުން

2 އަނބިން ދިފާޢުކޮށްދޭންޖެހޭ ޙާލަތްތަކުގައި ދިފާޢުކުރަން ފަސްޖެހުން

3 އަނބިންނަށް ފޯރުކޮށްދޭންޖެހޭ ފުރިހަމަ ރައްކައުތެރިކަން ފޯރުކޮށް ނުދިނުން

މީގެ ތެރެއިން "އަނބިން ދިފާޢުކޮށްދޭންޖެހޭ ޙާލަތްތަކުގައި ދިފާޢުކުރަން ފަސްޖެހުން" ކަމަށް ބަލަނީ ގިނަ ބައަކާއިއެކު ދިރިއުޅޭއިރު އަނބިމީހާ ކުށެއް ނުކުރަނީސް އެހެން މީހުން އަޅުވާ ތުހުމަތުތަކުން ދިފާޢޫކުރަން އަނބިމީހާގެ ޙައްޤުގައި މަސައްކަތް ނުކުރުމަށެވެ.

ގިނަ ފިރިން ދެކެނީ އަނބިމީހާގެ ދިފާޢުގައި ވާހަކަ ދެއްކުމަށްވުރެ މަޞްލަޙަތު ރަނގަޅުވާނީ އަނގައިން ނުބުނުމުން ކަމަށެވެ. އެގޮތަށް އެކަން ކުރުމުން އަނބިމީހާ ލިބޭނެ މާޔޫސްކަމާއިމެދު ވިސްނާ ފިރިން މަދެވެ.

ކޮންމެ ކަމެއްގައިވެސް ބަލަންޖެހޭނީ އިންޞާފަށެވެ. މަޞްލަޙަތު އެންމެ ފުރިހަމަގޮތުގައި ރައްކައުތެރިކުރެވޭނީ އިންޞާފަށް ލޯބިކޮށް ޙައްޤުބަސް ބުނަންޖެހޭ ޙާލަތްތަކުގައި ޙައްޤު ބަސް ބުނުމުންނެވެ.

" އަނބިންނަށް ފޯރުކޮށްދޭންޖެހޭ ފުރިހަމަ ރައްކައުތެރިކަން ފޯރުކޮށް ނުދިނުން" މިއީ ޢާއިލާތަކުގައި ތަފާތު ގޮތްގޮތަށް މެދުވެރިވާ މައްސަލައެކެވެ. ބައެއް ފިރިންނަށް އެކަން މާނަކުރެވެނީ އަނބިމީހާއަށް ފާރަލުމާއި ތަޅުލައިގެން ގެންގުޅުން ކަމަށެވެ.

ފާރަލާންޖެހޭނަމަ ފާރަވެސްލާށެވެ! ތަޅުލާންޖެހޭނަމަ ތަޅުވެސްލާށެވެ! ނަމަވެސް އަހަރެންގެ ނަޒަރުގައި ކުރަން އެންމެ މުހިންމު ކަމަކީ ކަންކަމުގައި އެހެން މީހުންގެ އެހީތެރިކަން ހޯދަން އަނބިމީހާއަށް ނުޖެއްސުމެވެ.

މިސާލަކަށް ގޭގެ ކަންކަން ކުރަންވުމުން އެމަސައްކަތްކުރާ ފިރިހެނުންނަށް ގުޅަން އަނބިމީހާއަށް ޖައްސައިގެން ނުވާނެއެވެ. ގުޅަންޖެހޭ މީހަކަށް ގުޅައި އެކަން ޙައްލުކުރަންޖެހޭނީ ފިރިމީހާއެވެ. އަނބިމީހާ ގޮވައިގެން ބާޒާރަށްދާނަމަ ރައްޓެހިންނާއިއެކު ދާކަށް ނުޖެހޭނެއެވެ. ރައްޓެހި އަންހެނުންނާއިއެކު ގޮސްއުޅޭއިރު ރައްޓެހި އަންހުންގެ ރައްޓެހި ފިރިންނާއި ބައްދަލުވާނެއެވެ. ގިނަގިނައިން އެކަން މެދުވެރިވާން ފަށައިފިނަމަ ނުބައި ގުޅުންތައް އުފެދުމުގެ ފުރުޞަތު ބޮޑުވާނެއެވެ.

ވީމާ "އަނބިންނަށް ފޯރުކޮށްދޭންޖެހޭ ފުރިހަމަ ރައްކައުތެރިކަން" ފޯރުކޮށް ނުދިނުމުގައި އެންމެ މުހިންމު އެއްކަމަކީ އަނބިމީހާއަށް ހިލޭ ފިރިހެނުންނާއި ކަންކަމުގައި ގުޅަން ނުޖެހި، އެހީތެރިކަން ހޯދަން ގުޅަން ނުޖެހޭނެ ގޮތަށް އަނބިމީހާއަށް އަދާކޮށްދޭންޖެހޭ ޒިންމާތައް ފިރިމީހާ އަމިއްލައަށް އަދާކޮށްދިނުމެވެ.

ދެން ބުނަން އޮންނާނީ ކިތަންމެ ބޮޑަށް ސަމާލުކަންދިން ނަމަވެސް ގޯސްކޮށް އުޅެން ބޭނުންވާ އަންތބަކު ގޯސްކޮށް އުޅޭނެ ކަމަށެވެ. އެއީ މުޅިން ތަފާތު މައްސަލައެކެވެ. ފިރިމީހާގެ ވާޖިބުތައް އަދާކޮށްދެމުން ދަނިކޮށް އަނބިމީހާ އަމިއްލައަށް ގޯސްކޮށް ކަމެއް ކުރުމުން އެކަމުގެ ޒިންމާ އުފުލަން ފިރިމީހާއަކަށް ނުޖެހޭނެއެވެ. އެކަމަކީ ފިރިމީހާގެ އިހްމާލުން މެދުވެރިވި ކަމަކަށްވެސް ނުވާނެއެވެ.

ކައިވެނި އުފާވެރިކަންމަތީގައި ދެމިއޮންނާނީ ދެމަފިރިންވެސް އެމީހެއްގެ ވާޖިބު ފުރިހަމައަށް އަދާކުރިވަރަކުންނެވެ.

 

މިއަދު އޮންލައިން