މުފްތީ މެންކުގެ ބަސްފުޅަށް ފެށުމުގެ ކުރިން ދަންނަވާލަން އޮތީ މިމައްސަލައަކީ ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް އޮތް މައްސަލައެކެވެ. ހޭލުންތެރިކަން އިތުރުކުރަންޖެހިފައިވާ މައްސަލައެކެވެ. މިހާރުވެސް ކުރިމަތިވާ މައްސަލަތަކާއި ގުޅިގެން ކިޔުންތެރިން ސުވާލުކުރައްވާ މައްސަލައެކެވެ. އެހެންވީމާ ހޭލުންތެރިވެލައްވައިގެން ރަނގަޅަށް ވިސްނަވަމުން ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ.
ކޮންމެ ހުނަރެއް ފަދައިން އުނގެނުމުގެ ކުޅަދާކަންވެސް ﷲ ތައާލާ ކުދިންނަށް ދެއްވަވާފައިވަނީ އެކި މިންވަރަށެވެ. މައިން ބަފައިން ކިތަންމެ ބޭނުންވި ނަމަވެސް ކުދިންނަށް ނަތީޖާ ހޯދޭނީ އެކުދިންގެ ކިބައިގައި ކުޅަދާނަކަން ހުރި މިންވަރަކުންނެވެ.
ވީމާ މައިންބަފައިންނަށް އޮތީ ގަދައަޅައި މަސައްކަތްކުރަން ދަރިންނަށް ހިތްވަރު ދިނުމެވެ. އެކުއްޖަކަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތްކުރުމުން ލިބޭ ނަތީޖާ ބަލައިގަތުމެވެ. އުންމީދުކުރި ވަރަށްވުރެ ދަށް ވެއްޖެނަމަ ޖެހުނު މައްސަލަ ދެނެގަނެ ކުރިއަށް އޮތްތަނަށް އެކަމެއް އިޞްލާޙްކުރަން މަސައްކަތްކުރުމެވެ.
އެއިގެ ބަދަލުގައި ކުދިން ދެކެ ރުޅި އައިސް ކަންކަން ކުރާނަމަ އެކުދިން ތިބޭނީ އަބަދުވެސް ބިރުވެރިކަމެއްގެ ތެރޭގައެވެ. އެކަން ނަފްސާނީ ބައްޔަކަށްވެސް އެބަ ބަދަލުވެއެވެ. އެހިސާބުން ކުދިންނަށް މައްސަލަތައް ކުރިމަތިވާން ފަށައެވެ. އިމްތިހާން ހަދާއިރު ރަނގަޅު ޖަވާބު އެނގި ތިބެމެ ނުބައި ޖަވާބު ލިޔެވޭތަން އެބަ އާދެއެވެ.
ކޮންމެ މީހަކުވެސް އެދޭނީ އެމީހާގެ ދަރިންނަކީ ކްލާހުންވެސް އަދި ސްކޫލުންވެސް އެންމެ މޮޅު ކުއްޖާ ކަމުގައި ވުމަށެވެ. އެއީ ޠަބީޢީ ކަމެކެވެ. އަދި އެގޮތަށް އެދިގެން މަސައްކަތްކުރުމަކީ ވެސް ހަމަ ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް މައްސަލަ އުފެދެނީ އެކަމުގައި ހައްދުފަހަނައަޅައި ދާތީއެވެ. ހުރިހާ މާއްދާއަކުން 1 ވަނަ ނުލިބިއްޖެ ނަމަ ރުޅި އާދެވޭތީއެވެ. މުޅި ކްލާހުން ނުވަތަ ސްކޫލުން 1 ވަނަ ނުލިބިއްޖެނަމަ ރުޅި އާދެވޭތީއެވެ.
ބައެއް ކުދިން ބަލިވެއެވެ. ޑޮކްޓަރަށް ދެއްކުމުން ބުނާނީ އެއްވެސް ބައްޔެއް ފެންނަން ނެތް ކަމަށެވެ. އެކަމުން އެ އެނގެނީ އެކުއްޖާއަށް އެހެން ކޮންމެވެސް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމެވެ. މިއީ އެންމެ އުނދަގޫ އެއް ޙާލަތެވެ. ކުއްޖާއަށް ދާނީ އުނދަގޫތަކެއް ކުރިމަތިވަމުންނެވެ. ޑޮކްޓަރުންނަށް ބަލި ނުފެންނާތީ ދޭނެ ފަރުވާއެއް ނުއެނގޭނެއެވެ.
މިބުނި ހާލަތުގައި އެއީ ސިހުރުގެ ކަމެއް ކަމަށް ވެސް އެބަ ބަލައެވެ. ނަމަވެސް އެއީ ސިހުރާއި ނުވަތަ އެސްފީނާ އާއި އެއްވެސް ގުޅުމެއް ހުރި ކަމަކަށް ނުވެވސްދާނެއެވެ. ގުޅިފައިވަނީ ހަމައެކަނި މައިންބަފައިން ދެކެ ގަންނަ ބިރާއި ކަމަށްވެސްވެދާނެއެވެ.
ނިކަން ވިސްނައިލަ ބަލާށެވެ! އިމްތިޙާން ހެދުމަށްފަހު ނަތީޖާ ލިބުމުގެ ކުރިން، ލިބޭ ނަތީޖާ ދަށްވެދާނެ ކަމުގެ ބިރަށް ކޮންމެ އަހަރަކު އެތައް ހާސް ދަރިވަރުން އެބަ އަމިއްލައަށް މަރުވެއެވެ. އެ ހާލަތުގައި މައިން ބަފައިންނަށް ޖެހެނީ އަބަދުގެ އަބަދަށް ހިތާމަކޮށްކޮށް ތިބޭށެވެ. ލޮލުން ކަރުނަ އަޅައިއަޅައި ތިބޭށެވެ!
މިހާލަތަށް ގެންދުވަންވީ ކީއްކުރަން ހެއްޔެވެ؟ ދުނިޔޭގެ އެންމެ ތޫނިފިލި އަދި އެންމެ ބޮޑެތި މުއްސަނދިންނަށް ބަލާށެވެ. ގިނަވާނީ އެއްވެސް ތައުލީމީ ފާހެއް، ޑިގްރީއެއް ވެސް ނެތް މީހުންނެވެ. ވީމާ ތައުލީމް ކިތަންމެ މުހިންމު ނަމަވެސް ކުރިއެރުމަށް ބޭނުންވަނީ ހަމައެކަނި ތަޢްލީމް ނޫންކަން އެނގިގެން އެބަދެއެވެ. ވީމާ ހުރިހާ ބެލެނިވެރިންވެސް މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށް އުންމީދުކުރަމެވެ.
ބައެއް ބެލެނިވެރިން ދަރިންގެ އަޚްލާޤަށް ދޭ ސަމާލުކަން މާކުޑައެވެ. ރަނގަޅު ނަތީޖާ ހޯދާނަމަ ހުރިހާ ކަމެއް ފުރިހަމަވީއެވެ. މިއީވެސް ވަރަށް ގޯސް ވިސްނުމެކެވެ. ތައުލީމަށްވުރެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނީ ދަރިންގެ އަޚްލާޤަށެވެ. ރަނގަޅު އަޚްލާޤެއް ނެތި ލިބޭ ތައުލީމުގެ ފައިދާ ނުކުރާކަން އަބަދުވެސް ދަނީ ތަޖުރިބާ ކުރެވެމުންނެވެ. ތައުލީމުގެ ހަޤީޤީ ފައިދާ ކުރާނީ ތައުލީމީ ފާހަށްވުރެ އަޚްލާޤީ ފާސް މަތިވެގެންނެވެ.
--މުފްތީ މެންކުގެ ދަރުސަކުން