މާދުރަށް ބަލާނެ ބޭނުމެއް ނެތެވެ. އެންމެ ގާތް އެކުވެރިންނަށް ބަލާށެވެ! އެކުވެރިކަން ގެއްލުވާލައި ހަތުރުންނަށް ބަދަލުވެގެންދާ އެންމެ ބޮޑު އެއް ސަބަބަކަށްވެފައި އޮންނަނީ އަނެކާގެ ބައިވެރިޔާއަށް ކަޅިއެޅެން ފެށޭކަމެވެ. އެންމެ ގިނައިން ޙަސަދަވެރިކަން އުފެދެން މެދުވެރިވާ ސަބަބަކަށްވެފައި އޮންނަނީ އަނެކާގެ ތަނަވަސްކަން އިތުރުވުމެވެ.
އިބިލީސް މީސްތަކުން ދަލުގައި ޖައްސުވަނީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން އެއީ ޒީނަތުގެ ގޮތުގައިމ މީސްތަކުންނަށް ދައްކުވައިގެންނެވެ. ހަވާ ނަފުސުގެ އެދުންތަކަށް ހައްލުވައިގެންނެވެ. ދުނިޔޭގައި އެންމެ ގިނަ ބައަކު ތަޅާ ފޮޅަނީ އަންހެނުންނާއި ހުރެއެވެ. ދުނިޔޭގައި އެންމެ ފުރަތަމަ މީހަކު މަރައިލެވުނީ އަންހެނަކާއި ހުރެއެވެ.
ދެވަނައަށް އެންމެ ގިނައިން ތަޅާ ފޮޅަނީ ފައިސާގެ ދަހިވެތިކަމުގައެވެ. ފައިސާއަކީ ކިތަންމެ ގިނައިން ލިބުނު ނަމަވެސް ހިތް ފުރޭނެ އެއްޗެއް ނޫނެވެ. އެހެން ނޫން ނަމަ ޤާރޫނުގެ ހިތް ފުރޭނެއެވެ. އޭނާގެ ޚަޒާނާތައް ގިނަވެ އެތަންތަނުގެ ތަޅުދަނޑިފަތި އުފުލަން އެތައްބައިވަރު ޖަމަލުތަކެއް ބޭނުންވިއިރުވެސް އޭނާގެވެސް ހިތެއް ނުފުރުނު ނޫން ހެއްޔެވެ؟
ނިކަން ވިސްނައިލަބަލާށެވެ! މިފަދަ ކަންކަމުގައި ޙަސަދަވެރިވެ ސިހުރުހައްދުވާ ހިސާބުން އެވެވެނީ ދީނުން ބޭރެވެ. ވަކި އަންހެނަކު ލިބިގަތުމަށްޓަކައި ދީނުންބޭރުވެވޭ ޙާލަތަށް ދާނަމަ އަދި ތިމާގެ ތަނަވަސްކަން ކުޑަވެގެން ދީނުން ބޭރުވެވޭ ޙާލަތަށްދާނަމަ އަހުރެމެންނަށް ދެއްވަވާފައިވާ ބުއްދީގެ ބޭނުން އެބަ ހިފޭހެއްޔެވެ؟
އަހަރެމެންގެ މަންމަ އާއި ބައްޕަ، އާދަމްގެފާނާއި ޙައްވާގެފާނު އުފެއްދެވުމަށްފަހު ލެއްވެވީ ސުވަރުގޭގައެވެ. ސުވަރުގެއިން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަތީ ޝައިޠާނާގެ ސަބަބުންނެވެ. ޝައިޠާނާއަކީ މީސްތަކުންގެ މައްޗަށް ހުރި ޢަދާވާތްތެރިއެކެވެ. އެކަން އަބަދުވެސް ހިތުގައި ބާއްވައިގެން ނޫނީ އިމްތިހާނުން ހަމަ އެކަކުވެސް ފާހެއް ނުވާނެއެވެ. ޝައިޠާނާއަކީ ޢަދާވާތްތެރިއެއް ކަމުގައި ﷲ ތަޢާލާ ވަނީ ބަޔާންކުރައްވަވައިފައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން