ރަނގަޅު ނަޞޭޙަތެއް ހޯދަން މަގުތަކުގަ ހިނގި ޒުވާނަކަށް ލިބުނު އެންމެ އަގުބޮޑު ނަޞޭޙަތް- އެނަޞޭޙަތް ޤަބޫލުކުރީތީ އިނާމަކަށް ބައްޕަގެ ތަނަވަސްކަން ލިބުނު ނަޞީޙަތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ރަނގަޅު ނަޞޭޙަތެއް ހޯދަން މަގުތަކުގަ ހިނގި ޒުވާނަކަށް ލިބުނު އެންމެ އަގުބޮޑު ނަޞޭޙަތް- އެނަޞޭޙަތް ޤަބޫލުކުރީތީ އިނާމަކަށް ބައްޕަގެ ތަނަވަސްކަން ލިބުނު ނަޞީޙަތް!

ތަނަވަސް ބައްޕައަކު އޭނާގެ 3 ދަރިން ގެނެސް ކޮންމެ ކުއްޖަކަށް 5000 ޑޮލަރު ދީފައި ބުންޏެވެ. "މިފައިސާ ހިފައިގެންދާށެވެ! މަގުމަތިން ބައްދަލުވާ ފަޤީރުންނަށް ޞަދަޤާތްކުރާށެވެ! ހެޔޮ ނަބޭޙަތެއް ދީފި މީހަކަށް ގިނައިން ޞަދަޤާތްކުރާށެވެ."  

އަނެއް ދުވަހު 3 ދަރިން ގެނެސް އެކުދިން ފައިށާ ހޭދަކުރި ގޮތާއި މީހުން ދިން ހެޔޮނަޞޭހަތާއިމެދު ސުވާލުކުރިއެވެ. ހަގު ދެދަރިން ބުނީ އެމީހުންނަށް ދިން ފައިސާ ހޭދަކުރީ އެމީހުން ކުރަން ބޭނުންވާ ކަންކަންކުރަން ކަމަށެވެ.  

3 ވަނަ ދަރިފުޅު ބުންޏެވެ. "އަޅުގަނޑަސް ފުރަތަމަ ބައްދަލުވި މީހާ ދިން ނަޞޭޙަތަށްވުރެ އަގުހުރި ނަޞޭޙަތެއް ދޭނެ މީހަކު ހުންނާނެ ކަމަށް ޤަބޫލުނުކުރެވޭތީ ހުރިހާ ފައިސާއެއް ދިނީ އޭނާއަށެވެ." އޭނާދިން ނަޞޭޙަތަކީ ކޮބައިތޯ ސުވާލުކުރުމުން ބުންޏެވެ. "އޭނާ ބުނީ މައިންބަފައިންނަށްވުރެ ދަރިން ދެކެ ލޯބިވާނެ މީހަކު ނުހުންނާނެއެވެ. އަދި ހެޔޮއެދޭނެ ބައަކުވެސް ނުތިބޭނެއެވެ. އެމީހުންދޭ ނަޞޭޙަތް ޤަބޫލުކުރާށެވެ! ކަމެއް ކުރަން ބުނެފިނަމަ އެބުނި ގޮތަކަށް އެކަމެއް ކުރަން މަސައްކަތްކުރާށެވެ! ސަޖިދަ ނުކުރިނަމަވެސް އެމީހުންގެ ދެފައިމައްޗަށް ތިރިވެ ފައިގައި ގިނަގިނައިން އަތްޖައްސައި އެމީހުންގެ އަގު ވަޒަންކުރާށެވެ! އެކުއްޖަކަށް ލިބޭ އުފާވެރިކަން ވަރަށް ބޮޑުވާނެއެވެ! ރަނގަޅު ގޮތްތައްވެސް މެދުވެރިވާނެއެވެ. ނަމަނަމަ މައިންބަފައިންގެ ހިތުގައި ޖެހޭނެ ކަމެއް ނުކުރާށެވެ! އެއީ ދަރިންނަށް ﷲ ލަޢްނަތް ލައްވަވާނެ ކަމެކެވެ. ރޭގައިވެސް މިއަދު ހެނދުނުވެސް މަންމައާއި ބައްޕަގެ ފައިތިލައިގައި އަތްލީ އެހެންވެގެންނެވެ."  

ބައްޕަ ބުންޏެވެ! "ދަރިފުޅާއެވެ! ބައްޕަގެ އިމްތިޙާނުން ތިއަ ފާސްވީ ދަރިފުޅެވެ. ވީމާ ބައްޕަގެ މަސައްކަތާއި ޙަވާލުވާށެވެ! ބޭބެމެންވެސް ބާކީކޮށްނުލާށެވެ! އެކަމަކު އެމީހުންނަސް ފައިސާދޭންވާނީ ވަކިމިންވަރަކަށެވެ. އުޅެވޭނެ ވަރަށެވެ. އިތުރަށް ދީފިނަމަ ކުރާނީ އިސްރާފެވެ. ދެން ކޮންމެ ދުވަހަކު މަންމަ ޢާއި ބައްޕަގެ ފައިތިލައިގައި އަތްނުލިޔަސް އެއީ މައްސަލައެއް ނޫނެވެ. ހަމަ އަތްލިފަދައެވެ. މަންމައާއި ބައްޕައަށް ހެޔޮކޮށް ހިތާށެވެ! ގިނަގިނައިން ހިނިތުންވާށެވެ!"  

މިއީ އަޅުގަނޑަށް ފެނިފައިވާ ވީޑިއޯ ކްލިޕެއްގެ ކުރު ޚުލާޞާއެކެވެ. ނަޞީޙަތުގެ އަގުބޮޑުކަމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީއެވެ!

 

- މަންމައެއް، މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން