އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް އުޅެންޖެހިފައިވަނީ ހަމަޖެހުން ނުލިބިގެންނެވެ. ހަމަޖެހުން ލިބުން އެދޭމީހާ ނިކަން ދަމުނަމާދުކުރަން ފަށައިބަލާށެވެ. އެމީހަކަށް ހިންމަވައިދެއްވަވާނެތެވެ.
"ދަމުނަމާދު" މިނަމަށްބަލާއިރު ރޭއަޅުކަން ނުވަތަ ތަހައްޖުދްނަމާދަށް ދަމުނަމާދުކިޔަނީ ރޭގަނޑުގެ ދަންވުމުން ކުރާ ނަމާދަކަށްވާތީއެވެ. އެއީ ދުނިޔެއަށް އެންމެ ބޮޑަށް ހަމަޖެހުން ލިބޭ ވަޤުތެވެ. އެންމެން ނިދައި މާޙައުލު އަމާންވާ ވަޤުތެވެ. އެވަޤުތު ނިދީން ހޭލައި ދަމުންމާދުކުރެވޭނީ ވަރަށް ހިތްވަރުގަދަ މީހުންނަށެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ވަރަށް ލޯބިވާ މީހުންނަށެވެ.
މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާ ފަރުޟުކުރައްވާފައިވާ ކަންތައްތަކުގެ އިތުރުން ސުންނަތް އަޅުކަންތައްވެސް ކުރުމަކީ އޭގެ ސަބަބުން ތިބާއަށް އެތައް ސަވާބަކާއި ދަރުމައެއް ލިބޭނެކަމެކެވެ. އެސުންނަތް އަޅުކަންތައްތަކަކީ ތިބާގެ އީމާންތެރިކަން ވަރުގަދަކޮށް، ދެދުނިޔޭގެ ބާއްޖަވެރިކަން ލިއްބައިދޭނެ ކަންތައްތަކެވެ. އެގޮތުން، ތަހައްޖުދު (ދަމުނަމާދު) ، ޤިޔާމުއްލައިލްއަކީ އޭގެ ސުންނަތްކަން ގަދަ އަޅުކަމެކެވެ.
"ރަޙްމާންވަންތަ ރަސްކަލާނގެ އަޅުންނީ މަޑުމައިތިރިކަމާއިއެކު ބިމުގައި ހިނގާ އުޅޭ މީހުންނެވެ. އަދި އެއުރެންނާއި ޖާހިލުން މުޚާޠަބުކޮށް ވާހަކަ ދައްކައިފިހިނދަކު އެއުރެން ސަލާމްއޭ ބުނެތެވެ. އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމަށް، ސަޖިދަކުރުމުގައްޔާއި، ޤިޔާމަށްތިބުމުގައި ރޭގަނޑުގެ ވަގުތު ހޭދަކުރާ މީހުންނެވެ." (سورة الفرقان : 63-64)
ޤިޔާމުއްލައިލް އަކީ ރޭގަނޑުގައި ކުރާ އަޅުކަންތަކެވެ. ޚާއްސަކޮށް، ނަމާދަށްހުރެ މަޑުމައިތިރިކަމާއިއެކު ޤުރުޢާން ކިޔެވުމެވެ. ދުޢާކުރުމާއި އެކަލާނގެއަށް ޛިކުރުކުރުންވެސް ހިމެނެއެވެ.
"ރޭގަނޑުގެ އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަންނަވާށެވެ! ވަރަށް ކުޑަ ވަގުތުކޮޅަކަށް މެނުވީއެވެ. އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ އެޔަށްވުރެ ކުޑަ ތަންކޮޅެއް އުނިކޮށްލައްވާށެވެ! ނުވަތަ އެޔަށްވުރެ އިތުރުކޮށްލައްވާށެވެ! އަދި ލަސްލަހުން ޤުރުޢާން ކިޔަވައި ވިދާޅުވާށެވެ! " (سورة المزّمل: 2-4)
ތަހައްޖުދު ނުވަތަ ދަމުނަމާދުކުރުން އެންމެ ރަނގަޅީ ރޭގަނޑު ކިތަންމެ ކުޑަ ވަގުތުކޮޅަކަށްވިޔަސް ނިދުމަށްފަހު އެވެ.
ދަމުނަމާދަކީ އެހެން ސުންނަތް ނަމާދެކޭވެސް އެއްފަދައިން ކުރެވޭ ނަމާދެކެވެ. މަދުވެގެން ކުރެވޭނީ ދެ ރަކުޢަތެވެ. ގިނައިންވެސް ކުރެވިދާނެއެވެ. ގިނައިން ކުރާނަމަ ކުރަންވާނީ ދެ ރަކުޢަތުން ދެރަކުޢަތުންނެވެ.
ކީރިތި ރަސޫލާ محمد صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ތިބާ ރޭގަނޑު ކުރާ އެންމެ ފަހު ނަމާދަށް ވިތުރި ނަމާދު ހަދާށެވެ." (ސަޙީހް ބުޚާރީ)
ވިތުރި ނަމާދުކުރާނީ ދަމުނަމާދަށްފަހުގައެވެ. ދަމުނަމާދަށް ހޭލެވޭނެކަމުގެ ޔަޤީންކަންނެތްނަމަ އިޝާ ނަމާދަށްފަހު ވިތުރި ނަމާދު ކުރާނީއެވެ.
ވިތުރި ނަމާދުގައި ކުރުން އެންމެ ރަނގަޅީ 3 ރަކުޢަތެވެ. އެއީ އެންމެ ފުރަތަމަ 2 ރަކުޢަތްކޮށް ސަލާމްދިނުމަށްފަހު، އަދި އެއް ރަކުޢަތްކޮށް ސަލާމްދޭނީއެވެ.
https://www.muslim.sg/articles/how-to-pray-tahajjud-and-perform-qiyamullail