ދުނިޔޭގެ ކަންކޮޅުތަކުން ފެންނަމުން މިދަނީ ހުޅަނގުން އިރުއަރާނެ ދުވަސް ދާދިގާތްވެއްޖެ ކަމުގެ ޢަލާމާތްތައް-: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ދުނިޔޭގެ ކަންކޮޅުތަކުން ފެންނަމުން މިދަނީ ހުޅަނގުން އިރުއަރާނެ ދުވަސް ދާދިގާތްވެއްޖެ ކަމުގެ ޢަލާމާތްތައް-: ބިލާލް އައްސަދު

މިހާރަކަށް އައިސް ކޮންމެ ހަފްތާއަކުހެން ގިނަ ބައަކު އެންމެ ގިނައިން ކުރާ އެއް ސުވާލަކީ "ދުނިޔެ މިނިމެނީ ހެއްޔެވެ؟" ނުވަތަ ޤިޔާމަތްވާނެ ދުވަސް އައިސް ޖެހެނީހެއްޔެވެ؟ އެދުވަސް ވަރަށް ކައިރިވެއްޖެހެއްޔެވެ؟

މިއީ ހަމައެކަނި މިއަދު ކުރިމަތިވާ ސުވާލެއް ނޫނެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއިވެސް ހަމަ މިސުވާލުކުރެވުނެވެ. ޞަޙާބީން މިސްކިތުގައި ޖަމާޢަތް ހައްދަވައިގެން މިސްކިތުގައި ތިއްބަވައިގެންވެސް މިފަދަ ވާހަކަތައް ދެއްކެވިއެވެ. ކަންބޮޑުވުން ފައުޅުކުރެއްވެވިއެވެ.  

މިކަންކަމުން އެނގެނީ މިމައްސަލައަކީ އިސްލާމް ދީން ބާވައިލެއްވެވީންސުރެ ދެމިގެން އަންނަ މައްސަލައެއް ކަމެވެ. ހަމައެއާއިއެކު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔެއަށް ފޮނުއްވެވުމާއި ރަސޫލް ޞައްލަﷲ ޢލައިހި ވަސައްލަމަ އަށް ދެއްކެވި މުޢްޖިޒާތްތަކަކީވެސް ޤިޔާމަތްވުން ގާތްވެއްޖެ ކަމުގެ ޢަލާމާތްތަކެވެ. އެއިގެތެރެއިން ބޮޑެތި ގިނަ މުޢްޖިޒާތްތަކެއް ފައުޅުކަން ބޮޑު ގޮތެއްގައި އެއިރު ތިބި އެންމެހައި މީސްތަކުންނަށް ފެންނާނެ ގޮތަށް އެމީހުންގެ ލޯތަކަށް ދެއްކެވިކަން އެއީވެސް ހަމަ މުޢްޖިޒާތެވެ.  

އާނއެކެވެ! ދުނިޔޭގެ ކަންކޮޅުތަކުގައި އެންމެ ދަތިޙާލުގައި އުޅެންޖެހިފައިވަނީވެސް މުސްލިމުންނަށެވެ. އެންމެ ބޮޑަށް އަނިޔާ ލިބެމުން އަންނަނީވެސް މުސްލިމުންނަށެވެ. މިހުރީ ހައްތާވެސް ހަމަ ފަހުޒަމާނުގެ ޢަލާމާތްތަކެވެ. ދުނިޔެ ނިމެން ޣާތްވެއްޖެ ކަމުގެ ޢަލާމާތްތަކެވެ. 

އެކަމަކު ބުނަންހެއްޔެވެ؟ މިއީ އަހުރެން އަމިއްލައަށް ބުނާ ބަހެއް ނޫނެވެ. ރަސޫލް ޞައްލަﷲ ޢލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކަށް ބަލައި ބުނާ ވާހަކައެކެވެ. ދުނިޔޭގައި މިހާރު މިތިބި މީހުންނަކަށް އަދި އެމީހުންގެ ކާފަދަރިންނަކަށްވެސް މަޞީޙުއްދައްޖާލުގެ ޒަމާން ފެނުމަކީ ނުވާނެ ކަމެކެވެ. ސަބަބަކީ އެއިގެ ކުރިން ފެންނާނެ ބޮޑެތި ޢަލާމާތްތައް އަދި ފައުޅުނުވާތީއެވެ.  

ވީމާ އަހުރެމެން ކަންބޮޑުވާންވީ ހުޅަނގުން އިރުއަރާ ދުވަސް އަހުރެމެންނަށް ފެނިދާނެކަމަކަށްވެސް ނޫނެވެ. އަހުރެމެން ކަންބޮޑުވާންވީ އަހުރެމެން މަރުވާނެ ގޮތަކާއިމެދުގައެވެ. މަރުވާނީ ހެޔޮޢަމަލުކުރުންމަތީގައި ހުއްޓައިކަމާއިމެދުގައެވެ. ތައުބާ ނުވެވި ހުއްޓައިކަމާއިމެދުގައެވެ.  

މިވާހަކަ މިބުނަނީ ޤިޔާމަތްވާނެ ވަޤުތަކާއިބެހޭ ގޮތުން ރަސޫލް ޞައްލަﷲ ޢލައިހި ވަސައްލަމައަށް ސުވާލުދެންނެވި ޒުވާނާއަށް ރަސޫލް ޞައްލަﷲ ޢލައިހި ވަސައްލަމަ ޖަވާބު ދެއްވަވަން ކުރެއްވެވި ސުވާލުގެ ސަބަބުންނެވެ. "އެވަޤުތައް ތައްޔާރުވާން ތިބާ ކުރަނީ ކޮންކަމެއްތޯ" މިމޭރުމުން ސުވާލުކުރެއްވެވީތީއެވެ.  

ވީމާ އިޝާރާތް ކުރައްވަވާފައި އެވަނީ ޤިޔާމަތްވާނެ ވަޤުތަށް ކަންބޮޑުވާން ވަޤުތު ހޭދަކުރުމުގެ ބަދަލުގައި މަރުވާނެ ވަޤުތައް ތައްޔާރުވާން މަސައްކަތް މާބޮޑުކަމެވެ. އަހަރުމެން މަސައްކަތްކުރަންވީ ހެޔޮ ގޮތުގައި ދުނިޔެއާއި ވަކިވާށެވެ. ސަލާމަތްކަން ލިބުން އޮތީ އެއިރުންނެވެ.

 

- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން