މިހާރަކަށް އައިސް ތިމާ ކުރަން އުޅޭ ހުރިހާ ކޮންމެ ކަމެއް، އެކަމެއް ކުރަން ހިތަށް އަރާއިރަށް އެންމެންނަށް އަންގައި އިޢުލާނުކުރުން މިވަނީ ޢާންމު ކަމަކަށްހަދައިފައެވެ. އެއީ ދިރިއުޅެންކުރާ މަސައްކަތެއް ނަމަވެސް، ވަޒިފާއަކަށް ކުރިމަތިލުން ނަމަވެސް ޖުމްލަކޮށް ބުނާނަމަ ކޮންމެ ކަމެއް ކުރަން ނަމަވެސްމެއެވެ.
އަދި ކީއްހެއްޔެވެ؟ ރަނގަޅު މީހަކު ތިމާއާއި ކައިވެނިކުރަން އަހައިލިނަމަ އެކަންވެސް އެބަހާކުރެއެވެ. އެމީހަކާއި ކައިވެނިކުރެވުނީކަމަށް ޔަޤީންވި ފަދައެވެ.
ލޮބުވެތި އެކުވެރިންނޭވެ! އެގޮތަށް އެކަން ނުކުރާށެވެ! އެންމެ ގާތް އެކުވެރިންގެ ތެރޭގައިވެސް ޙަސަދަވެރިން ތިބޭނެއެވެ. އެނޫން މީހުންގެ ތެރޭގައި ޙަސަދަވެރިން މާގިނަވާނެއެވެ. މިއީ މިއަދު އެންމެންވެސް ޤަބޫލުކުރަންޖެހޭނެ ކަންކަމެވެ.
ރަނގަޅަށް ބަލާށެވެ! ކުރަން ބޭނުންވާ ކަންކަން ނުކުރެވިގެންއުޅޭ މީހުންގެ ތެރޭގައިވެސް އަދި ކައިވެނިކުރަން އުޅެ ނުކުރެވޭ މީހުންގެ ތެރޭގައިވެސް ގިނަވާނީ އަނގަދަ މީހުންނެވެ. އެމީހުން ކުރަން އުޅޭ ހުރިހާ ކަންކަން ސޯޝަލްމީޑިއާގައި ޢާންމުކުރާ މީހުންނެވެ. އެފަދަ މީހުންނަށް އެމީހުން ކުރަން ބޭނުންވާ ކަމެއް ކުރަން ފެށުނަސް އިސާހިތަކު އޮންނަނީ ކޮންމެވެސް މައްސަލަތަކެއް ކުރިމަތިވެގެން ފޭލްވެފައެވެ. ސަބަބަކަށްވަނީ އެހެން މީހުންގެ އެސްފީނާއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން