ކައިވެނިކުރެވުނަސް އަލަށް ކައިވެނިކުރާ އަންހެންކުދިންނަށް ކަންކަމަށް އިސްނަގަން ފަސްޖެހުމަކީ "ނާތަހްޒީބުވުމެއް" ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ކައިވެނިކުރެވުނަސް އަލަށް ކައިވެނިކުރާ އަންހެންކުދިންނަށް ކަންކަމަށް އިސްނަގަން ފަސްޖެހުމަކީ "ނާތަހްޒީބުވުމެއް" ނޫން!

ރިވެތި އަޚްލާޤާއި ދީނީ ހަމަތައް ދޫކޮށްލެވި އިމުން ބޭރުގައި އުޅެވެން ފެށުމުން އިމުގެ ތެރޭގައި ތިބޭ މީހުންނަކީ ނުކެރޭ ފިނޑިން ނުވަތަ ނުޅެދޭ މީހުން ކަމުގައި ޤަބޫލުކުރެވޭކަން އެއީ މިއަދު ފެންނަމުންދާ ޙަޤީޤަތެކެވެ. ނަމަވެސް ޙަޤީޤަތުގައި ކެރުމަކީ ނަހީތަކަށް އަރައިގަންނަން ކެރުމެއް ނޫނެވެ. ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަމަށް އަރައިނުގަނެ ކެތްތެރިވާން ކެރުމެވެ. ދަރަޖަ މަތިވެރިވެގެންވާ ކެރުމަކީ އެއީއެވެ. 

ފުރަތަމަވެސް ބުނެލަން ބޭނުންވަނީ އަހުރެންގެ މިވާހަކަކޮޅު ނިޞްބަތް މިކުރަނީ ކައިވެނިކުރެވުމުގެ ކުރިން ކައިވެނީގެ ހުރިހާ އުފާތަކެއް ޙާޞިލްކޮށްގެން އުޅޭ މީހުންނަކަށް ނޫނެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ތިބެ ޢިއްފަތްތެރިކަމާއިއެކު ކައިވެނިކުރާ މީހުންނަށެވެ. 

ފުރަތަމަ ކަމަކީ ކައިވެނިކުރެވުމުގެ ކުރިން ކައިވެންޏަށްފަހު ލިބިގަންނަން ޖެހޭ އުފާތައް ލިބިގަނެފައިވާ މީހުންނަކަށް، އެމީހުންގެ ކައިވެނިކުރެވުނު ނަމަވެސް ކައިވެނީގެ އަލަތުރެއެއް ނެތެވެ. ހަނީމޫނެއްވެސް ނެތެވެ. އެކަންކަން އެމީހުންވަނީ ކައިވެނީގެ ބޭރުން ޙާޞިލްކޮށް ނިންމައިފައެވެ. އެހެންވެ އަލަތު ކައިވެނީގެ ރޭ އޮންނާނީ ޑްރާމާ ކުޅުމެވެ. ސަބަބަކަށްވަނީ ވެޑިންގ ޑްރެސްލައިގެން ފޮޓޯނެގުން ފިޔަވައި އެެހން ހުރިހާ ކަމެއް ކުރިން ކޮށްފައިވާތީ ކުރާނެ އައުކަމެއް ނުއޮންނާނެ ކަމެވެ. 

ކޮންމެއަކަސް ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ތިބެ ކައިވެނިކުރާ ދެމަފިރިން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ އެއްކަމަކީ "ކަންކަމަށް" އަވަސްއަރައިނުގަތުމެވެ. މިއަދުގެ ޙާލަތަށް ބަލައިފިނަމަ އަނބިމީހާއަކީ ވަރަށް ހިތި ކަންތައްތަކެއް ތަޖުރިބާކުރަންޖެހިފައިވާ އަންހެނަކަށްވެސްވެދާނެއެވެ. އަމިއްލަ ގޭތެރެއިން ހިތި ތަޖުރިބާތައް ކުރަންޖެހޭ އަންހެނުން މަދެއްނޫނެވެ. ގަދަކަމުން ޢިއްފަތްތެރިކަމަށް އަރައިގަތުންފަދަ ކަންކަމެވެ. އަދި އަރައިނުގަނެވުނު ނަމަވެސް ބިރުދެއްކުން ފަދަ ކަންކަމެވެ. މިފަދަ ކަންކަން ކުރިމަތިވެފައި ތިބޭ ކުދިން ތިބޭނީ ނަފްސާނީ ގޮތުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އަދި ގޭތެރެއިން ނޫނަސް އެކުވެރިންނާއި ގާތްމީހުންގެ ފަރާތުންވެސް ނުރައްކައުތައް ކުރިމަތިވަމުން އަންނަކަންވެސް ޤަބޫލުކުރަންޖެހެއެވެ.

ވީމާ ފުރަތަމަ ކަމަކަށްވެސް ދެމީހުންގެ މެދުގައި ލޯތްބާއި ކުލުނުވެރިކަން އުފައްދާށެވެ! ދެމަފިރިން، އެކަކު އަނެކާގެ މައްޗަށް އިތުބާރުހޯދާށެވެ! އެއަށްފަހު އެހެން ކަންކަމަށް ވިސްނާށެވެ. 

ކުރިން މިބުނި ޒާތުގެ ކަމެއް ދިމާވެފައި އޮތްނަމަވެސް އެކަމުގެ ވާހަކަ ކިޔައިދޭން އެކުދިންޖެހިލުންވާނެއެވެ. ލަދުވެތިވެސްވާނެއެވެ. އެހެންކަމުން އެފަދަ ކަންކަމަށް ސުވާލުވެސް ނުކުރާށެވެ! 

ފުރަތަމަ ރޭ ކަންކަމަށް އިސްނަގަން އަނބިން ފަސްޖެހުމަކީ އެކުދިންގެ ކިބައިގައިވާ ނުކުޅެދުންތެރިކަން ކަމަށް ނުދެކޭށެވެ. އެޙާލަތު މެދުވެރިވުމަށް ކުރިމަތިވާ ސަބަބުތަކުގެ ތެރޭގައި މިބަޔާންކުރި ފަދަ ކަންކަންވެސް ހިމެނެއެވެ. އަދި ޠަބީޢީ ގޮތުން ލަދުވެތިމިޒާޖުގެ ކުދިންވެސް ތިބޭނެއެވެ. ވީމާ ފުރަތަމަވެސް އެކަކު އަނެކަކު ދެނެގަންނަން މަސައްކަތްކުރާށެވެ! ކައިވެނީގެ ފޮނިމީރުކަން ލިބޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން