ލައިއުޅޭ ފޭރާމާއި ކައިއުޅޭ ކާނާ އަކީ ޙަލާލު ރަގަޅު ތަކެތި ކަމުގައި ހެދުން.
އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލު ﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.
(أَيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لا يَقْبَلُ إِلا طَيِّبًا ، وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ ، فَقَالَ : ( يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ ) ، وَقَالَ : ( يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ ) ، ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ ، وَمَطْعَمُهُ حَرَامٌ ، وَمَشْرَبُهُ حَرَامٌ ، وَمَلْبَسُهُ حَرَامٌ ، وَغُذِيَ بِالْحَرَامِ ، فَأَنَّى يُسْتَجَابُ لِذَلِكَ)
މާނައަކީ: "އޭ މީސްތަކުންނޭވެ. ހަމަކަށަވަރުން ﷲ އީ އެންމެ ހެޔޮވެގެންވާ އިލާހެވެ. ހެޔޮކަމެއް މެނުވީ އެކަލާނގެ ގަބޫލެއް ނުކުރައްވައެވެ. ރަސޫލުންނަށް އަމުރުކުރެއްވިފަދައިން މުއިމިނުންނަށްވެސް އަމުރުކުރެއްވިއެވެ. ވަޙީ ކުރެއްވިއެވެ. (އޭ އެންމެހައި ރަސޫލުބޭކަލުންނޭވެ. ޙަލާލު ރަގަޅު ތަކެތި ކައި ހަދާށެވެ. އަދި ޞާލިޙް ޢަމަލު ކުރާށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާކަންތައް ތިމަން ﷲ މޮޅަށް ދެނެވޮޑިގެންވަމެވެ". އަދިވެސް ވަޙީ ކުރައްވައެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށ ތިމަން ﷲ ރިޒްގުކުރެއްވި ޙަލާލު ރަގަޅު ތަކެތި ކައި ހަދާާށެވެ"، އެއަށްފަހު ދިގުދަތުރެއްކޮށް، ވަރުބަލިކަމުން ބޯހޭވިފައިވާ މީހެއްގެ ވާހަކަ ބަޔާން ކުރެއްވިއެވެ. އެމީހަކު ދެއަތް މައްޗަަށް ނަގައިގެން ހުރެ ދުޢާ ކުރެއެވެ. "ހައްދަވައިގެންގުޅުއްވާ އިލާހެވެ. ހައްދަވައި ގެންގުޅުއްވާ އިލާހެވެ"، ނަމަވެސް އޭނާގެ ކާތަކެތި ޙަރާމެވެ. އަދި ބޯތަކެތިވެސް ޙަރާމެވެ. އަންނައުނު ވެސް ޙަރާމެވެ. ކައިގެން ހުރީވެސް ޙަރާމް ތަކެއްޗެވެ. އެފަދަ މީހުންގެ ދުޢާ އިޖާބަ ކުރެއްވޭނީ ކިހިނަކުންހެެއްޔެވެ؟".
އަޑުހަރުކުރުމާއި ނުލައި، މަޑުމަޑުން ދުޢާ ކުރުން.
އަލްއަޢުރާފް ސޫރަތުގެ 55 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (اُدْعُوْا رَبَّكُمْ تَضَرُّعًا وَخُفْيَةً)
މާނައަކީ: "މަޑުމޮޅިވެތިބެ އަދި ސިއްރުގޮތުގައި ތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހަށް ކުއްތަންވެ ދުޢާ ކުރާށެވެ". ޒަކަރިއްޔާ ޢަލައިހިއްސަލާމް އަށް ޘަނާގެ ބަސްވަޙީ ކުރެއްވިއެވެ.
(إِذْ نَادَى رَبَّهُ نِدَاءً خَفِيًّا)،
މާނައަކީ: "އެކަލޭގެފާނުގެ އިލާހުގެ ޙަޟްރަތަށް މަޑުމަޑު އަޑަކުން ދުޢާކުޅަ ހިނދެވެ". ( ސޫރަތު މަރްޔަމް ގެ 3 ވަނަ އާޔަތް).
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް