ކެންސަރުޖެހުނުކަން އެއީ ލެއްވެވި އެންމެ ބޮޑު ރަޙްމަތަށްވި ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ކެންސަރުޖެހުނުކަން އެއީ ލެއްވެވި އެންމެ ބޮޑު ރަޙްމަތަށްވި ޒުވާނެއްގެ ވާހަކަ-

ފުރަތަމަ މިބުނަނީ ރަނގަލަށް އެނގޭ މީހަކަށް ކަންކަން ދިމާވި ގޮތެވެ. އޭނާއަކީ ފާޙިޝް ޢަމަލުކުރަން ދެވިހިފާފައި ހުރި މީހެކެވެ. ކައިވެނިކުރިއެވެ. ނަމަވެސް އޭނާއަށް ކުރެވެމުން އައި ނުބައި ޢަމަލުތައް ހުއްޓައިނުލުމުން ވަރިވީއެވެ.

ދެންވެސް އޭނާ އިޞްލާހެއް ނުވިއެވެ. އައީ ކުރަން ބޭނުންވާހައި ކަމެއް ކުރަމުންނެވެ. ދުވަސްކޮޅެއް ފަހުން އޭނާއަށް ކެންސަރު ޖެހުނެވެ. އެކަން އެނގުމާއިއެކު އޭނާގެ އެކުވެރިންވެސް ބުނަމުން އައީ އޭނާއަށް ކޯފާ ލެއްވެވީ ކަމަށެވެ.

އޭނާ ރައްދެއް ނުދެއެވެ. އެކަމަކު އޭނާ އައީ ވިސްނަމުންނެވެ. އެކަމަކު އެއީވެސް މެދުވެރިވެދާނެ ގޮތެއް ކަމަށްބަލައި އޭނާ ވަރަށް ބިރުގަތެވެ. ތައުބާވުމަށް އަވަސްވެގަތެވެ. ރޭއަޅުކަންކޮށް ދުޢާކުރަން ފެށިއެވެ.

އޭނާއަށް އެފަދަ ބޮޑު ބައްޔެއް ޖެހުނުކަން އެނގުމުން އޭނާގެ ގާތުން ވަރިވި އަނބިމީހާ ވަރަށް ދެރަވިއެވެ. އެއީ ކައިވެނިކުރީ ދެމީހުން ވަރަށް ލޯބިވެގެން ކަމަށްވާތީއެވެ. އެހެންވެ އޭނާގެ މައްޗަށް ހަމްދަރުދީ އުފެދި ބަލިން އަރައިގަތުމަށް މަސައްކަތްކުރަން އެހީތެރިވިއެވެ. 

އޭނާއަށް ޝިފާލިބުނެވެ. އެއިރު އޭނާހުރީ ތައުބާވެ އިޞްލާޙްވެގެންކަމަށްވާތީ އަލުން ކައިވެނިވެސް ކުރިއެވެ. އެހެންވީމާ އޭނާއަށް ކެންސަރުޖެހުން ވެގެންދިއައީ އޭނާ ތައުބާވެ އިޞްލާޙްވުމަށް ލިބުނު ފުރުޞަތަކަށެވެ. އަދި އޭނާއަށް ގެއްލުނު އޭނާ އެމީހަކުދެކެ އިންތިހާއަށް ލޯބިވި ބައިވެރިޔާ އަނބުރާ ލިބުމަށް މަގުފަހިވި ފުރުޞަތަކަށެވެ. އަޑުއަހާށެވެ!

ބައެއް ފަހަރު ހިތާމައެއް ލިބުމުން، ނުވަތަ ދެރަ ގޮތެއް މެދުވެރިވުމުން އެއީ ﷲ ތަޢާލާ ލެއްވެވި ކޯފާއެއްކަމަށް އެބަ ބުނެއެވެ. އަދި ކޯފާ ލެއްވެވީ މިވެނި އެވެނި ކަމެއް ކުރުމުން ކަމަށްވެސް އެބަ ބުނެއެވެ.

މިޘާލަކަށް މީހަކު އެކްސިޑެންޓެއް ވެދާނެއެވެ. ކުރިމަތިލައިގެން އުޅުނު ވަޒީފާ ނުލިބިދާނެއެވެ. ހިތާވެގެން އުޅުނު ލޯބިވެރިޔާ ނުލިބިދާނެއެވެ. ވަޒީފާ ގެއްލިވެސްދާނެއެވެ. ކުރަމުން އައި ވިޔަފާރި ބަނގުރޫޓުވެސްވެދާނެއެވެ. އަދި ކައިވެނި ރޫޅުން ފަދަ ގޮތެއްވެސް މެދުވެރިވެދާނެއެވެ.

މިފަދަ އެއްވެސް ކަމަކާއި ގުޅުވައިގެން އެއީ ﷲ ތަޢާލާ ލެއްވެވި ކޯފާއެއް ކަމަށް ނުބުނާށެވެ! އަދި އެގޮތަށް ޤަބޫލުވެސް ނުކުރާށެވެ! އެއީ އެއްވެސް މީހަކަށް އެނގޭނެ ކަންކަމެއް ނޫނެވެ. އަދި އެފަދަ ކަންކަން މެދުވެރިކުރައްވަވާ ސަބަބުތައްވެސް ވަރަށް ގިނައެވެ. އެއިގެ ތެރޭގައި އެމީހަކަށް ކުރިމަތިވާން އޮތް ނުބައިކަމަކުން ސަލާމަތްކުރެއްވެވުން، ހެޔޮ ރަޙްމަތެއް ލެއްވެވުން، ތަޤްވާވެރިވުމަށް މަގުދެއްކެވުން ފަދަ އެތައް ކަމެއް ހިމެނިގެންވެއެވެ.

މީސްތަކުންނޭވެ! މީހަކަށް ކަމެއް ކުރިމަތިވުމުން އެއީ ﷲ ތަޢާލާ ލެއްވެވި ކޯފާއެއްކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟ ވަޙީ އިއްވަވަނީހެއްޔެވެ؟ ޣައިބު އެނގެނީ ހެއްޔެވެ؟ މިހިރީ ނުވާނެ ކަންކަމެވެ.

ދެން އޮތީ އެއީ ކޯފާއެއް ކަމުގައިވުމެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީމާ ހަމައެކަނި ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަމެއް ތިމާއަށް އެނގޭކަމަށް ބުނާނަމަ އެކުރެވެނީ ކޮންފަދަ ބޮޑު ފާފައެއް ހެއްޔެވެ؟

ވީމާ ދުލަށް ސަމާލުކަންދޭށެވެ! ދުލުން ބުނެވޭ ބަސްތަކަށް ފަރުވާތެރިވާށެވެ! ފާފަވެރިވެދާނެ ބަސްތައް ނުބުނާށެވެ! ނޫންނަމަ އެކަމުގެ ހިތާމަތައް އުފުލަންޖެހޭނީ ކޮންފަދައަކުން ކަމެއްވެސް ނުއެނގޭނެއެވެ.

ދެން ބުނެލަން އޮތީ ﷲ ތަޢާލާ ކޯފާ ލައްވަވާނެ ކަންކަން އަނުރެމެންނަށް އެނގޭއިރު އެފަދަ ކަންކަން ނުކުރާށެވެ! ތައުބާވުންމަތީގައި ދެމިހުންނާށެވެ! އެއިރުން ހުރެވޭނީ ސަލާމަތުންނެވެ. އިން ޝާ ﷲ 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން