ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވާ 10 ސަބަބު: އިބްރާހީމް ބިން އަދުހަމް ރަޙިމަހުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވާ 10 ސަބަބު: އިބްރާހީމް ބިން އަދުހަމް ރަޙިމަހުﷲ

މިއީ ހަމަ ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވެގެން ކަންބޮޑުވާ ފަރާތްތަކަށް ހަނދުމަކޮށްލައިދިނުމެކެވެ.  

ދުނިޔެއިން ތިމާ ޙާޞިލްކުރަން ކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރެވުން ލަސްވާތީ ޝަކުވާކުރާ ފަދައިން އަބަދުވެސް އަޑު އިވެނީ ކުރި ދުޢާ ޢިޖާބަނުކުރައްވަވައިގެން ކަމަށްބުނެ ނޫނީ ޢިޖާބަކުރެއްވެވުން ލަސްވެގެން މީހުން ކުރާ ޝަކުވާތަކުގެ އަޑެވެ. ވީމާ އަހުރެންގެ އިލްތިމާސަކީ އެފަދަ ޝަކުވާއެއް ކުރެވުމުގެ ކުރިން ތިމާއަށް ހުރެވޭ ޙާލަތު އަމިއްލައަށް ބަލައިލުމެވެ. ތިބާއަކީ ޝަރުޠު ހަމަވާ މީހަކުތޯ އަމިއްލައަށް ބަލައިލުމެވެ.  

މަޝްހޫރު އިމާމެއް ކަމުގައިވާ އިބްރާހީމް ބިން އަދުހަމް ރަޙިމަހުﷲ އަށް ދެންނެވުނުވެ. ” އަހަރެމެންގެ ދުޢާ އިޖާބަނުވަނީ ކީއްވެ ހެއްޔެވެ؟ 

ޖަވާބުގައި ވިދާޅޫވީ 10 ކަމެކެވެ. އެއީ: 

1-       ތިއަބައިމީހުންގެ ވެރިއިލާހަކީ ﷲސުބުޙާނަހޫ ވަތަޢާލާކަން އެނގޭއިރުވެސް ތިއަބައިމީހުން އެއިލާހަށް ކިޔަމަންތެރިކަން އަދާނުކުރާތީއެވެ. 

2-       އަދި މުޙައްމަދު ޞައްލަﷲ ޢަލައިހވިސައްލަމައީ ތިޔަބައިމީހުންގެ ރަސޫލާކަން އެނގޭއިރުވެސް އެކަލޭގެފާނު ދެއްކެވި މަގުން ނުހިނގާތީއެވެ 

3-       އަދި ތިޔަބައިމީހުންނަށް ބާވައިލެއްވުނު ފޮތަކީ ޤުރުއާންކަން އެނގޭއިރުވެސް ތިޔަބައިމީހުން އެއަށް ޢަމަލު ނުކުރާތީއެވެ.  

4-       އަދި ﷲ ތަބާރަކަވަތަޢާލާ ތިޔަބައިމީހުންނަށް ދެއްވި ގިނަގުނަވެގެންވާ ނިޢުމަތްތައް ކައިބޮއެ އެނިޢުމަތްތަކުގެ ބޭނުންހިފަމުންދާޙާލުވެސް ތިޔަބައިމީހުން އެއިލާހު ދެއްވި ނިޢުމަތްތަކަށް ޝުކުރު އަދާނުކުރާތީއެވެ. 

5-       އަދި ސުވަރުގެއާއި ބެހޭ މަޢުލޫމާތުލިބި އެތަނުގެ ޙަޤީޤަތް ތިޔަބައިމީހުންނަށް އެނގޭ ޙާލުވެސް އެސުވަރުގެއަށް އެދި މަސައްކަތް ނުކުރާތީއެވެ.  

6-       އަދި ނަރަކައިގެ ނައަމާންކަމާއި ބިރުވެރިކަން އެނގޭ ޙާލުވެސް ތިޔަބައިމީހުން އެތަނުން ރައްކާވެ ސަލާމަތްވުމަށް ގަދައަޅައި މަސައްކަތް ނުކުރާތީއެވެ. 

7-       އަދި ޝައިޠާނާއަކީ ތިޔަބައިމީހުންގެ އެންމެބޮޑު ޢަދުއްވުކަން އެނގޭ ޙާލުވެސް ތިޔަބައިމީހުން އޭނާއަށް ތަބަޢަވާތީއެވެ.  

8-       އަދި މަރަކީ ކޮންމެ މީހަކާވެސް ބައްދަލުކުރާނެ އެއްޗެއްކަން އެނގޭ ޙާލުވެސް ތިޔަބައިމީހުން އެމަރަށް ތައްޔާރުނުވާތީއެވެ. 

9-       އަދި އެތައް މައްޔިތުންތަކެއް ތިޔަބައިމީހުންގެ ކުރިމަތިން ވަޅުލެވެމުން ދާއިރުވެސް ތިޔަބައިމީހުން އެކަންތަކުން ޢިބުރަތް ޙާޞިލުނުކުރާތީއެވެ.  

10-   އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުގެ ޢައިބުތައް ހަނދާންނައްތާލައި، އެހެންމީހުންގެ ޢައިބުތަކާއިގެން މަޝްޣޫލުވެ އުޅޭތީއެވެ. 

މި 10 ކަންތަކުން ސަލާމަތްވެ ހުރެވޭ މީހާ ދުޢާ ޢިޖާބަވުން ލަސްވެގެން އުޅެންޖެހޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

 

- މަސްދަރު: ދިސަލަފިއްޔާ

 

 

މިއަދު އޮންލައިން