ބުނެވޭ ބަސްތަކަށް ސަމާލުވޭ!: ފާފަކުރާ މީހަކާ ދިމާޢަށްވެސް ބުނެގެން ނުވާނެ ބަހެއް ބުނުމަކީ ބުނިމީހާގެ ފާފަބޮޑުވެ ނަރަކައަށް ވަންނަން ޖެހުން ވަރަށް ގާތުގަ އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ބުނެވޭ ބަސްތަކަށް ސަމާލުވޭ!: ފާފަކުރާ މީހަކާ ދިމާޢަށްވެސް ބުނެގެން ނުވާނެ ބަހެއް ބުނުމަކީ ބުނިމީހާގެ ފާފަބޮޑުވެ ނަރަކައަށް ވަންނަން ޖެހުން ވަރަށް ގާތުގަ އޮތް ކަމެއް!

ދުލާއި ޖިންސީ ގުނަވަން ސަލާމަތްކޮށް ރައްކައުތެރިކޮށްފި މީހާ ސުވަރުގެ ވެއްދެވުމަށް ޖާމިނުވެވަޑައިގަންނަވާނެކަން ރަސޫލް ޞައްލަﷲ ޢަލައިހިވަސައއްލަމަ ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެއީ އެދެ ގުނަވަނުގެ ބޭނުން ނުބައި ގޮތުގައި ހިފުމުން ކުރެވޭ ފާފައިގެ ބޮޑުކަން އެނގިގެންދާ ޙަދީޘްފުޅެކެވެ. 

ވިސްނާށެވެ! ބައެއް މީހުން ޙަރާމް ޙަލާލަށް ބިރުވެތިވެއެވެ. ކައިބޮއިހަދާތަކެތި ޙަލާލުކަން ކަށަވަރުކުރެއެވެ. އަނބިދަރިންނަށް ކާންބޯން ދެވެނީ ޙަލާލްތަކެތިކަންވެސް ކަށަވަރުކުރެއެވެ. އަދި އަޅުކަންކުރެއެވެ. ފާފަތަކުން ދުރުހެލިވެ ހުންނަން މަސައްކަތްކުރެއެވެ. މިކަންކަމަކީ ކޮންމެ މުސްލިމެއްގެ ކިބައިގައިވެސް ހުންނަން ޖެހޭނެ ސިފަތަކެވެ. 

އެހެންކަމާއިއެކުވެސް ބުނަން މިޖެހެނީ މިފަދައިން ޢަމަލުތައް ބަހައްޓަމުންވެސް އެމީހުންގެ ދޫ ރައްކައުތެރިކުރަން މަސައްކަތެއް ނުކުރާ ބައަކު އުޅެއެވެ. މިއީ ވަރަށް ނުބައިކަން ބޮޑު ޢަމަލެކެވެ. އެހެނީ ކިތަންމެ ތަޤްވާވެރިނަމަވެސް ދުލުން ބުނެވޭ އެންމެ ބަހެއްގެ ސަބަބުންވެސް ނަރަކައަށް ވައްދަވާފައިވާކަން ޞަޙީޙް ޙަދީޘްފުޅުން ޘާބިތުވެއެވެ. 

އެކަކީ ވަރަށް ބޮޑު ތަޤްވާވެރިއެކެވެ. އަނެކަކީ ފައިޅުގައި ޙަރާމްކަންކަން ކުރާ މީހެކެވެ. އެމީހާއަށް އެކަން ވިސްނައިދޭން ތަޤްވާވެރިމީހާ ކުރި މަސައްކަތުގެ ތެރެއިން އެމީހާއަށް ސުވަރުގެ ނުދައްވަވާނެ ކަމަށާއި ވައްދަވާނީ ނަރަކައަށް ކަމަށް ބުނި ތަޤްވާވެރިއަކު ވަނީ ނަރަކައަށް ވައްދަވައިފައެވެ. އަދި ޙަރާމްކަންކަން ކުރި މީހާ ވަނީ ސުވަރުގެ ވައްދަވައިފައެވެ. 

އެކަން އެހެން އެވީ ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ކަމެއްގައި އެފަދަ ބަސްތަކެއް ބުނެވުނީތީއެވެ. އެހެންކަމުން ވިސްނަންވީ މީހަކަށް ނަޞޭޙަތް ދިނުމުގައިވެސް ތިމާއަށް އެނގުން ނުވާ ކަންކަމަށް ބަސް ނުބުނުމަށެވެ. އަދި މީހަކު ކުރާ ޢަމަލެއް ކުށްވެރިކޮށް ވާހަކަދެއްކުމުގައިވެސް އެފަދަ ބަހެއް ނުބުނުމަށެވެ. ދޫރައްކައުތެރިކުރުމަށެވެ. 

ފާފަކުރާ މީހުންނަށް އޮތީ ނަޞޭޙަތް ދިނުމެވެ. ޤަބޫލުނުކުރިނަމަވެސް ރުޅި އައިސް ނުބައި ބަސްތައް ނުބުނާށެވެ. އަހުރެމެންގެ ލޮބުވެތި ރަސޫލާ އަށްވެސް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އިތުރު އެކަލޭގެފާނަށްވެސް އެއްވެސް މީހަކަށް ތެދުމަގު ނުދެއްކެވޭނެ ކަމަށެވެ. އެކަންވަނީ ﷲ ތަޢާލާގެ ޙަޟްރަތަށް އެކަނި ކަމަށެވެ. އަދި އިތުރު އެކަލޭގެފާނަށްވެސް އޮތީ ދީނަށް ގޮވާލައްވަވައި ނަޞޭޙަތް ދެއްވެވުން ކަމަށެވެ. ވީއިރު އަހަރެމެންނަށް އޮންނާނީ އެކަމުގައި ކޮންބާރެއް ހެއްޔެވެ؟ 

އަހުރެމެންނަށް ކުރަން އޮތް ކަމަކީ ނުބައި ޢަމަލުތައް ކުރާނަމަ އެމީހަކަށް ނަޞޭޙަތް ދިނުމެވެ. ނަޞޭޙަތް ޤަބޫލުނުކުރާނަމަ އެމީހަކާއި ދުރުހެލިވުމެވެ. ދުރުހެލިވި ނަމަވެސް އެމީހަކަށް ތެދުމަގު ދެއްކެވުން އެދި ދުޢާކުރަންވާނެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން