މީހުންނަށް ޖެހޭ ނަފްސާނީ ބަލި، އެންޒައިޓީ ނުވަތަ ސިޙުރުފަދަ ކަމެއްގެ ސަބަބުން ނަމާދުގައި ޚުޝޫޢަތްތެރި ނުވެވުމަކީ ޘަވާބުން އުނިވާނެ ކަމެއްތޯ؟
މިމޭރުމުން ކުރެވުނު ސުވާލަކަށް ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ދެއްވި ޖަވާބުގައި ވިދާޅުވީ:
އެކަންކަމަކީ އެމީހަކު އަމިއްލައަށް ޤަޞްދުގައި ލިބިގެންނަ ކަންކަމަށް ނުވާތީ އެފަދަ ކަމެއްގެ ސަބަބުން ނަމާދުގައި ޚުޝޫޢަތްތެރި ނުވެވުނަސް ޘަވާބުން އުނިނުވާނެ ކަމަށެވެ. ސަބަބަކީ އެއުނދަގޫތައް އޭނާއަށް ފޯރާފައި އެވަނީ އޭނާގެ އިޚްތިޔާރުން ބޭރުން ކަމަށްވާތީއެވެ.
ޝައިޚްގެ މިޖަވާބުން އެނގިގެންދަނީ މިފަދަ ޙާލަތެއް ކުރިމަތިވެފައިވާނަމަ ތިމާއަށް ޚުޝޫޢަތްތެރި ނުވެވޭތީ ނަމާދުން ލިބެންޖެހޭ ޘަވާބު ނުލިބިދާނެކަމަށް ބަލައި ނަމާދު ނުކޮށް ހުރުމެއް ނެތްކަމެވެ. އޮތީ ނަމާދު ނަމާދުކުރުންމަތީގައި ހުރުންކަމެވެ. ނަމާދުތަކަށް ރައްކައުތެރިވުން ކަމެވެ.
މިމޭރުމުން ކުރެވޭ ސުވާލުތަކުގެ ޖަވާބުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ކޮންމެ ޙާލެއްގައިވެސް ފަރުޟްނަމާދުތަކަށް ރައްކައުތެރިވުމަށެވެ. އަދި ސުންނަތް ނަމާދުތައްވެސް ކުރުމަށެވެ. ދުޢާކުރަމުން ގެންދިއުމަށެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި އެމީހަކަށް ކުރިމަތިވެފައިވާ ކަންކަމުން ސަލާމަތްކޮށްދެއްވަވާނެ ކަމަށެވެ.