މިހާރަކަށް އައިސް ދެމަފިރިން ވަކިވުމަށްފަހު ދަރިން ނަމާދުކުރޭތޯ ބަލައިލާ ބައްޕައިން ވަރަށް މަދެވެ. އެހެނަސް ފިރިހެން ދަރިން މިސްކިތުގެ ޖަމާޢަތަށް ގެންގޮސް ނަމާދުކުރަން ދަރިން ތަރުބިއްޔަތުކުރުމަކީ ބައްޕަގެ ޒިންމާއެކެވެ. އަދި އަންހެން ދަރިން ލައްވައި ގޭގައި ނަމާދުކުރުވުމަކީ މަންމްގެ ޒިންމާއެއް ނަމަވެސް ދަރިން ގޭގައި ނަމާދުކުރޭތޯ ބެލުމަކީވެސް ބައްޕަގެ ޒިންމާއެކެވެ.
ދެމަފިރިން ވަކިވުމަށްފަހު ދަރިންނަށް ނުފެނި އުޅޭ ބައްޕައިންނަކީ މަދުބައެއް ނޫނެވެ. އެއީ ދަރިންނަށް ދޭންޖެހޭ ޚަރަދުވެސް ނުދޭންވެގެންނެވެ. މިއަދު ދަރިންނަށް ޚަރަދުނުކޮށް، ދަރިން ނަމާދުކުރިތޯ ނުބަލައި، ދަރިން ނަމާދަށް ނުގެންގޮސްވެސް މިދުނިޔޭގައި އުޅެވިދާނެއެވެ. ނަމަވެސް ބަނދެވި ކަސްތޮޅު އެޅުވޭ ދުވަސް ބައްދަލުކުރާނެއެވެ!
ފިރިހެން ދަރިންނަށް މިސްކިތަށް ނުދެވޭނަމަ (ދަރިފުޅު ހުރީ މަންމަގާތުގައި ކަމަށްވާނަމަ) ގޭގައި ނަމާދުކުރުވުމާއި އަދި އަންހެންދަރިން ލައްވައި ގޭގައި ނަމާދުކުރުވުމަކީ މަންމަގެ ޒިންމާއެކެވެ. އެހެންކަމުން ދަރިން ލައްވައި ނަމާދުކުރުވުމުގެ މަސްއޫލިއްޔަތަކީ ބައްޕައާއި މަންމަވެސް އަދާކުރަންޖެހޭ މަސްއޫލިއްޔަތެކެވެ.
ކުއްޖާގެ ޢުމުރުން ހަތްއަހަރުވުމުން ނަމާދު ކުރުމަށް އަމުރު ކުރަން ޖެހެއެވެ. އަދި ދިހަ އަހަރުވުމުން ނަމާދު ނުކޮށްފިނަމަ އަދަބު ދީގެން ނަމަވެސް ނަމާދު ކުރުވަން ޖެހެއެވެ. މިއީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ. މިމަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރިތޯ ގިޔާމަތް ދުވަހުގައި ސުވާލު ކުރެވޭނެއެވެ.
މިގޮތުގައި ކުއްޖާ ތަރްބިއްޔަތު ކުރެވިފައިވާނަމަ، ބޮޑުވެގެންވެސް ނަމާދަށް ފަރުވާތެރިވާނެއެވެ. ފަރުވާތެރި ނުވުމުގެ މާނައަކީ ތަރްބިއްޔަތުގެ މައްސަލަ އެކެވެ. ދެމަފިރިން ވަރިވެފައި ތިބިނަމަވެސް، ދަރިންގެ ތަރްބިއްޔަތަށް މަސައްކަތް ކުރުމަކީ ދެމަފިރިންގެވެސް ޛިންމާ އެކެވެ.
ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހި ވަކިވިނަމަވެސް ﷲ ތަޢާލާ އެމީހެއްގެ މައްޗަށް ވާޖިބުކުރައްވަވާފައިވާ ކަންކަން ނުކޮށްފިނަމަ އެކުރެވެނީ ފާފައެކެވެ. އަދި ފާފައެއްގެ އިތުރުން ތިމާ އުފުލަންޖެހޭ ޒިންމާތަކުގެ ތެރެއިން އެންމެ ބޮޑު އެއް ޒިންމާ ނުއުފުލި ކަމުގެ ޒިންމާވެސް އުފުލަންޖެހޭނެއެވެ. ވީމާ ދަރިން ލައްވައި ނަމާދުކުރުވުމުގައި އިހްމާލް ނުވާށެވެ! ދެމަފިރިން ވަކިވެ ދުރުގައި ތިބިނަމަވެސްމެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން