ﷲ ތަޢާލާ އަހުރެމެންނަށް (މުސްލިމުންނަށް) ވަރަށް ސާފުބަސްފުޅުން އަންގަވާފައިވަނީ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެކަމެއްގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމަށް އަވަސްވެގަތުމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވޭ ހެއްޔެވެ؟ ގިނަ މީހުންނަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ވާހަކައެއް ދެންނެވެނީ ގޮތް ހުސްވުމުންނެވެ. މީސްމީހުންގެ ގާތަށް ހިނގަހިނގައި ވަރުބަލިވުމުންނެވެ. ދެން ހަދާނެ ގޮތެއް ނެތުމުންނެވެ.
ނިކަންވިސްނައިލަބަލާށެވެ! ރަސޫލް ބޭކަލުންނަށް ކޮންމެ ކަމެއް ކުރިމަތިވެވަޑައިގެންނެވި ނަމަވެސް ފުރތަމަ ކަމަކަށްވެސް އެކަމެއްގެ ވާހަކަތައް ދަންނަވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ.
"ޔާ ﷲ! މިއަޅާއަށް މިވެނި ކަމެއް ކުރިމަތިވެއްޖެއެވެ. އިނބަ ﷲ އީ މިއަޅާއަށް ކުރިމަތިވާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އިނބަ ﷲ އީ މިއަޅާ ސިއްރުން ކުރާ ކަންކަމާއި ފައުޅުގައިކުރާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އިންބަ ﷲ އެންމެހައި ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަމުއެވެ. މިއަޅާޢަށް އެންމެ ފައިދާހުރި ގޮތްވެސް ދެނެވޮޑިގެންވަމުއެވެ. ޔާ ﷲ! މިއަޅާއަށް އެހީތެރިވެވޮޑިގަންނަވާނދޭވެ!" އާމީން
މިފަދަ އެތައް ޢިބާރާތްތަކެއް ކީރިތި ޤުރްޢާނުން ފެންނަން އެއޮތީއެވެ. ބަލައި ހޯދާށެވެ! ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ރިވެތި ޢިބާރާތްތަކުން ދަންނަވާށެވެ! ނޫންނަމަ ތިބާއަށް އެނގޭ އެންމެ ރިވެތި ޢިބާރާތަކުން ދަންނަވާށެވެ!
ހިތްދަތިކަންކަމަށްވީނަމަވެސް، ނުތަނަވަސްކަން ކަމަށްވީނަމަވެސް، އަތްމަތިދަތިކަން ކަމަށްވީނަމަވެސް އަދި ކޮންމެ ކަމެއް ކަމުގައިވީނަމަވެސް ފުރަތަމަ ކަމަކަށް "ރައްބު"ގެ މަތިން ހަނދާންކުރާ މީހަކު ނިކަމެތި ނުކުރައްވަވާނެތެވެ. އިން ޝާ ﷲ. އެކަމަކު އެކަމަށް ޝަރުޠެއްވެއެވެ. އެޝަރުޠަކީ ތިމާއަކީ ތަޤްވާވެރިއަކަށްވުމެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިއަކު ކަމަށްވުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން