ކޮންމެވެސް މީހެއްގެ ސަބަބުން ނުވަތަ ބައެއްގެ ސަބަބުން ހިތްދަތިކަން އިޙްޞާޞްކުރަންޖެހިފައިނުވާ މީހަކު މިއަދު ވަރަށް މަދުވާނެއެވެ. މިމައްސަލައަކީ މިއަދު ގިނަބައަކަށް އޮތް އެންމެ ބޮޑު އެއް މައްސަލައެވެ.
ވީމާ ވިސްނާށެވެ. ދުނިޔޭގެ ޙަޔާތުގައި މީސްތަކުންގެ ކިބައިން އަނިޔާ އާއި ހިތްދަތިކަން ނުލިބޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ! އެކަންކަން މެދުވެރިނުވާނަމަ މިއީ ދުނިޔޭގެ ޙަޔާތަކަށްވެސް ނުވާނެއެވެ!
ތިބާ އެމީހަކަށް ހެޔޮކޮށް ހިތައި އެހީތެރިކަން ފޯރުކޮށްދޭ މީހަކު ތިބާއަށް އަނިޔާވެރިވާނަމަ އިތުރަށް އުފާކުރާށެވެ! އެކަމުން ތިބާއަށް ކުރާނެ ފައިދާ ދެގުނަ އިތުރުވާނެއެވެ! އިން ޝާ ﷲ
މީހަކު ތިބާއަށް ނުބައިކޮށް ކަންކަން ކޮށްފާނެކަމަށް ބަލައި ހެޔޮކޮށް ކަންކަން ކޮށްނުދީ ނުހުންނާށެވެ! މީސްތަކުންނަށް ހެޔޮކޮށް ކަންކަން ކޮށްދިނުމަށް ﷲ ތަޢާލާ ކުރައްވަވާފައިވާ އަމުރުފުޅު ތިބާ ތަންފީޒުކުރުމުން ތިބާގެ ދައުރު އަދާކުރެވުނީއެވެ.
މީހުން ތިބާއާއިމެދު ނުބައިކޮށް ކަންކަން ކުރުމުން ތިބާ ދެރަވާކަން އެމީހުންނަށް އެނގޭނަމަ އެފަދަ ކަންކަން ކުރުން ގިނަކުރާނެއެވެ. އެއިން ކަމަކާއި އަޅައިވެސް ނުލުމުން މާޔޫސްވެ އެފަދަ ކަންކަން ކުރުން ހުއްޓައިވެސްލާނެއެވެ.
މީހަކު ނުބައިކޮށް ކަމެއް ކުރުމުން އެކަމަށް ކަންބޮޑުވެ ދެރަވާކަން އޭނާއަށް އެނގުމަކީ އެފަދަ ކަންކަން އިތުރަށް ކުރަން ދެވޭ ހިތްވަރެކެވެ. ދެވޭ ބާރެކެވެ! ވީމާ ބަހެއް ބުނާނަމަ ބުނެލާށެވެ! "އަހުރެން މިހުރީ ﷲ ތަޢާލާއަށް ވަކީލްކޮށްގެންނެވެ. އަހުރެންގެ ކަންކަން ޙިމާޔަތްކޮށް ދެއްވަވަން ﷲ ތަޢާލާއިން ފުދި އިތުރުވެސް ވެއެވެ.
އަދި ކަންބޮޑުވެ ބޭކާރު ވާހަކަދެއްކުމުގެ ބަދަލުގައި މިފަދައިން ގިނަގިނައިން ކިޔާށެވެ! މިއީ މަތިވެރިކަންބޮޑު ދުޢާއެކެވެ! އެއިރުން އެއްވެސް މީހަކަށް ތިބާއަށް އެއްވެސް ގެއްލުމެއް އަދި ހިތްދަތިކަމެއްވެސް ނުދެވޭނެއެވެ! އިން ޝާ ﷲ
حسبنا الله ونعم الوكيل
- މުފްތީ މެންކުގެ ދަރުސަކުން