ޒުވާން ޢުމުރުގައި މަރުވާ ދަރިންނާއިމެދު މައިން ބަފައިން އެންމެ ބޮޑަށް ހިތާމަކުރަންޖެހޭ ކަންތަކަށް ކުރިން ސަމާލުނުވެ ފަހުން ކިތަންމެ ބޮޑަށް ހިތާމަކުރިޔަސް ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
ޒުވާން ޢުމުރުގައި މަރުވާ ދަރިންނާއިމެދު މައިން ބަފައިން އެންމެ ބޮޑަށް ހިތާމަކުރަންޖެހޭ ކަންތަކަށް ކުރިން ސަމާލުނުވެ ފަހުން ކިތަންމެ ބޮޑަށް ހިތާމަކުރިޔަސް ކުރާނެ ފައިދާއެއް ނެތް!

ޒުވާން ޢުމުރުގައި ދަރިފުޅު ނިޔާވުމުން ދެރަވެ ހިތާމަ ނުކުރާނެ މީހަކު ނުހުންނާނެއެވެ. އަދި މަރުވާ ވަޤުތުން ފެށިގެން އެޒުވާނުންވެސް ގެންދާނީ ހިތާމަކުރަމުންނެވެ. ނަމަވެސް އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ގިނަ ބައަކަށް، މައިންބަފައިންނަށްވެސް ދަރިންނަށްވެސް ވިސްނައި ނުލެވެނީ އެކަމަށެވެ. 

މީސްތަކުންނޭވެ! އަޑު އަހާށެވެ! ފާއިތުވި ހަފްތާއެއް ދުވަހުގެ ތެރޭގައި ޢުމުރުން 25 އަހަރުން ދަށުގެ 8 އަޚުންގެ ޖަނާޒާގައި ބައިވެރިވެއްޖައީމެވެ. އެމީހުންގެ ޢާއިލާތަކުންނާއި އެކުވެރިން ދިން މަޢުލޫމާތަށް ބަލާއިރު އެމީހުން މަރުވީ މާބޮޑު ބައްޔެއްގައި އުޅެފައެއް ނޫނެވެ. ސީރިއަސް ޞިއްޙީ މައްސަލައެއްގައެއްވެސް ނޫނެވެ. 

ދެން އޮތީ ދެރަވެ ހިތާމަކޮށް ކަރުނައަޅަންޖެހޭ މައްސަލައެވެ. އެއީ އެމީހުންގެ ޢާއިލާތަކުންނާއި އެކުވެރިން ދިން މަޢުލޫމާތަށް ބަލާއިރު އެއިން އެކަކުވެސް ފަރުޟު ނަމާދުތަކަށް ރައްކައުތެރިއެއް ނުވެއެވެ. ޤުރްއާން ކިޔަވައި އުނގެނިއެއްވެސް ނުއުޅެއެވެ. އެހެންވީމާ އެމީހުންނަށް ދުނިޔެ ދޫކުރަން އެޖެހުނީ ޢުމުރުން ދުވަސްވުމުން އެކަންކަން ކުރުމުގެ އުންމީދުގައިކަމަށްވެދާނެއެވެ. 

މިތަނަށް އެއްވެ މިތިބަ ޒުވާނުންތައް ނިކަން ބުނެބަލާށެވެ! ކަލޭމެން ނަމާދުކުރަމުހެއްޔެވެ؟ ޤުރްއާން ކިޔަވައި އުނގެނި ޢަމަލުކުރަމުހެއްޔެވެ؟ ނުކޮށް ތިއަ ތިބެނީ ކިހައި ދުވަހަކު ދުނިޔޭގައި މަޖާކޮށްފައި އެކަންކަން ކުރަންހެއްޔެވެ؟ އެހައިދުވަސްވަންދެން ދުނިޔޭގައި ތިބޭނެ ކަމުގެ ގަރަންޓީ ދިނީ ކާކުހެއްޔެވެ؟ ގަރަންޓީ އަތުގައި އޮތްނަމަ ނިކަން އަހުރެންނަށް ދައްކައިލަބަލާށެވެ! 

މިބާވަތުގެ ވާހަކަތައް ދައްކާތީ އެބަ ބުނެއެވެ! ޝައިޚް އަބަދުވެސް ދައްކަނީ މިބާވަތުގެ ބިރުވެރިކަމުގެ ވާހަކަތަކެވެ. އާނއެކެވެ! އަހުރެން ދައްކަނީވެސް ދައްކާނީވެސް މިބާވަތުގެ ވާހަކަތަކެވެ. އަހުރެންނަށްވެސް މިތަނުގައި ހުރެ އުފާކުރުމާއި ﷲ ތަޢާލާގެ ރަޙުމަތުގެ ބޮޑުކަމުގެ ވާހަކަ ދައްކާފައި ނިންމައިލެވިދާނެއެވެ. 

ނަމަވެސް ބުނަން ހެއްޔެވެ؟ ފުރަތަމަ ކަމަކަށް ވިސްނާށެވެ! އުފާވެރިކަމާއި ﷲ ތަޢާލާގެ ރަހްމަތް ލިބެން އޮތީ ﷲ ތަޢާލާއަށް ބިރުވެތިވެގެންނެވެ. ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަމަށް ބިރުންހުރެގެންނެވެ. އެކަމަށް ބިރުން ކުރަންޖެހޭ ހެޔޮ ޢަމަލުތައް ކޮށްގެންނެވެ. 

އެނޫން ގޮތަކުން އުފާވެރިކަން ލިބޭނެ ގޮތެއް ނެތެވެ! ﷲ ތަޢާލާގެ ރަޙްމަތްފުޅު ލިބޭނެ ގޮތެއްވެސް ނެތެވެ. އޮތިއްޔާ ނިކަން ބުނެދީބަލާށެވެ! މިހުރީ އަޑުއަހާށެވެ! 

ޤަބުރުސްތާނުތަކަށް ގޮސް ނިކަން ބަލައިލަބަލާށެވެ! ވަޅުލެވޭ މީހުންގެ ބޮޑު އިންސައްތައަކީ ތިއަކިޔާ ޒުވާން އުމުރުގެ ޒުވާނުންކަން އެނގޭނެއެވެ. މިބުނަނީ 35 އަހަރުން ދަށުގެ ޒުވާނުންގެ ވާހަކައެވެ. ޒުވާން އުމުރުވީމާ އުފަލާއި މަޖަލުގައި ދުވަސްތައް ހޭދަކުރަމުން ދަނިކޮށް މިއޮންނަނީ މަރުވެގެން ވަޅުލަން ޖެހިފައެވެ. އެމީހުންގެ އާޚިރަތް ކޮބައިހެއްޔެވެ؟ އެމީހުންގެ ތެރެއިން އާޚިރަތް ހޯދަން މަސައްކަތްކުރެވުނީ ކިތައް ޒުވާނުންނަށް ހެއްޔެވެ؟

އެހެންކަމަށްވާއިރު ތިއަ ޒުވާނުން ރުއްސާލަން އަހުރެންވެސް ދައްކަންވީ އެޒުވާނުން މަގުފުރައްދަން ޝައިޠޯނުން ދެއްކި ވާހަކަތައް ހެއްޔެވެ؟ ހަމަހިލާ އެކަމެއް ނުކުރާނަމެވެ! އަހުރެން ބުނާނީ ކަން އޮތް ގޮތަށެވެ. އަހުރެން ބޭނުންވެގެން މިއުޅެނީ މަޝްހޫރުކަމެއް ނޫނެވެ. ގިނަ ބައެއްގެ ތާއީދެއްވެސް ނޫނެވެ. އަހުރެންގެ ހުރިހާވެސް ބޭނުމަކީ ތިއައިން އެންމެ ޒުވާނަކު ނަމަވެސް އިޞްލާޙްވުމެވެ. މިވަޤުތުވެސް މަރުވެދާނެކަމަށް ބިރުން ތިބުމެވެ. 

ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން އަހުރެންނަށް ފުދުނީއެވެ. ފުދި އިތުރުވެސްވީއެވެ! އިން ޝާ ﷲ

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން  

މިއަދު އޮންލައިން