ޢާއިޝަތު ރަފާޙް ޢަލީ
ކީރިތި ޤުރްއާން ކިޔެވުމަށް ފަރުވާކުޑަކުރެވެނީ އެކަމުން ލިބޭ ގިނަގުނަ ފައިދާތައް ނުއެނގޭތީއެވެ. އެކަންކަން އެނގޭމީހާ ވީހާ ގިނައިން ކިޔަވާނެއެވެ.
ކީރިތި ޤުރުއާނަކީ ޖިބްރީލްގެފާނު މެދުވެރި ކުރައްވަވައި رسول الله صلى الله عليه وسلم އަށް ޢަރަބިބަހުން ބާވައިލެއްވުނު ﷲ سبحانه وتعالىގެ ކަލާމްފުޅެވެ. މުސްލިމުންގެ ދުސްތޫރެވެ. ކީރިތި ގުރްއާން ކިޔެވުމުގެ އަދި އަޑުއެހުމުގެ ފައިދާތައް ވަރަށް ގިނައެވެ. މި ލިޔުމުގައި މި ހިމަނާލަނީ ކީރިތި ގުރްއާން އަޑުއެހުމުން ލިބޭ ފައިދާތަކަށެވެ.
· ﷲ ގެ ރަޙްމަތް ލިބިގެންދޭ:
މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ކީރިތި ގުރްއާނުގެ އަޢްރާފް ސޫރަތުގެ 204 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنصِتُوا لَعَلَّكُمْ تُرْحَمُونَ ﴿٢٠٤﴾
މާނައީ: " އަދި قرآن ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ. (204)"
· ގިނަ ޘަވާބާއި އަޖުރު ލިބިގެންދޭ:
އެގޮތުން ކިޔަވާ ކޮންމެ ޙަރުފަކަށް ދިހަ ޘަވާބު ލިބިގެންދެއެވެ.
· ހިދާޔަތް ލިބިގެންދޭ:
ކީރިތި ގުރްއާނަކީ އަޅުގަނޑުމެން ތަދައްބުރުކޮށް އެފޮތައް ޢަމަލުކުރަންޖެހޭ މަސްދަރެވެ. އަދި ކީރިތި ގުރްއާން އަޑުއެހުން ވަނީ ހެޔޮ ޢަމަލުތަކުގެ ތެރެއިންނެވެ. އެއިރުން އެމީހަކަށް ހިދާޔަތާއި، ތައުފީގް ލިބިގެންދެއެވެ. މާތް ﷲ ސުބްހާނަހޫ ވަތަޢާލާ އިސްރާ ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
إِنَّ هَٰذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا ﴿٩﴾
މާނައީ: " ހަމަކަށަވަރުން، މި قرآن، އެންމެ ސީދާ މަގަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން، صالح عمل ތައްކުރާ مؤمن ންނަށް ބޮޑުވެގެންވާ ދަރުމައެއް ހުރިކަމުގެ އުފާވެރި خبر ދެއެވެ. (9)"
· ދުނިޔޭގައި ނޫރެއް ޙާސިލްވެގެންދޭ:
ގިނަގިނައިން ގުރްއާން އަޑުއަހާނަމަ ޝުބުހަތަކާއި ޝަހުވާތްތަކުން ދުރުވެގެންދެއެވެ. އަދި އާޚިރަތުގައިވެސް އަލިކަމެއް ވާނެއެވެ. އޭނާ ހަލާކުގެ ތެރެއިން ސަލާމަތްކޮށްދެއްވާ ސުވަރުގެއަށް ވައްދައިދޭނެއެވެ. ﷲ ތަޢާލާ ތަޙްރީމް ސޫރަތުގެ 8 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ يَوْمَ لَا يُخْزِي اللَّهُ النَّبِيَّ وَالَّذِينَ آمَنُوا مَعَهُ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ يَقُولُونَ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٨﴾
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތެދުވެރި، إخلاص ތެރި توبة އަކުން، ތިޔަބައިމީހުން اللَّه އަށް توبة ވާށެވެ! އޭރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންގެ ކިބައިން، ތިޔަބައިމީހުންގެ ކުށްތައް ފުއްސަވައި، އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވައިފާނެތެވެ. ނަބިއްޔާއާއި، އެކަލޭގެފާނުގެ އަރިހުގައިވާ إيمان ވިމީހުން، اللَّه ނިކަމެތިނުކުރައްވާނެ ދުވަހުގައެވެ. އެއުރެންގެ نور، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން ހިނގަހިނގާ ހުންނާނެތެވެ. އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ نور އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. (8)"
· ގުރްއާން އަޑުއަހައި އެފޮތަށް ޢަމަލުކޮށްފިނަމަ ނަރަކައިން ދުރުވެގެންދާނެއެވެ. އެއީ ކާމިޔާބު ލިބޭނެ މަގެވެ. ހިދާޔަތާއި ޝިފާއާއި ހިތްތައް ވެސް ސާފުވެގެން ދާނެ މަގެވެ.
· އާޔަތްތައް އަޑުއަހާއިރު، ޚާއްޞަކޮށް މާނަ އެނގޭނަމަ، އޭނާގެ ހުރިހާ ގުނަވަންތަކަށް އުފަލާއި އަރާމު ހޯދައިދެއެވެ. ރީތި އަޑަކުން ކީރިތި ޤުރްއާން ކިޔަވާ މީހެއްގެ އަޑުން އަޑުއަހާ މީހަކަށް ލިބޭ އުފާ، ޤުރުއާން ނޫން އެހެން އެއްވެސް އެއްޗަކުން އިންސާނާއަކަށް ނުލިބެއެވެ.