ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ބަދަލު ގެނައުމަކީ ދީނުން ބޭރުވެދާނެ ބިރުހުރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ބަދަލު ގެނައުމަކީ ދީނުން ބޭރުވެދާނެ ބިރުހުރި ކަމެއް!

ދީނުގައި ވަކިގޮތަކަށް ކުރަން ކަނޑައަޅުއްވަވާފައިވާ ކަމެއް އެނޫން ގޮތަކަށް ބަދަލުކުރެވިދާނެތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

ފުރަތަމަ ކަމަކީ އިސްލާމް ދީނުގައި ބަޔާންވެގެންވާ އެއްވެސް ޙުކުމެއް ބަދަލުކުރުމުގެ އެއްވެސް ބާރެއް އެއްވެސް މީހަކަށް ދެއްވަވާފައެއް ނުވެއެވެ. ﷲ ތަޢާލާ ބާވާލައްވަވާފައިވާ ޙުކުމްފުޅެއް ބަދަލުކުރުން ކަމުގައި ބުނެވެނީ ކަމަކާއިމެދު ނުވަތަ ކަމެއް ކުރުމުން ވަކި ގޮތަކަށް ޢަމަލުކުރަން ﷲ ތަޢާލާ އަންގަވާފައި ވަނިކޮށް އެނޫން ގޮތަކަށް ބަދަލުކުރުމަށެވެ.

މިއީ އާޚިރަތަށް ބިރުވެތިވާ ހަމައެންމެ މުސްލިމަކުވެސް ކުރާނެ ކަމެއް ނޫނެވެ. އެފަދަ ކަންކަން ކުރާ މީހުންނަކީ އެމީހުންގެ ހިތުގައި އެއްވެސް މިންވަރަކަށް ﷲ ތައާލާއަށް ބިރުވެތިކަން ނެތް ބައެކެވެ.

އެކަން ބަޔާން ކުރައްވައި ޝައިޚް ޢާދަމް ނިޝާން ވިދާޅުވެފައިވަނީ މިފަދައިންނެވެ.

ފަހެ މިބައިމީހުން އިސްލާމްދީން ޤަބޫލު ނުކުރަނީހެއްޔެވެ؟

ﷲ ގެ ޝަރީޢަތުގައި އިންސާނާ މުކައްލަފަކަށް (ކުރާ ޢަމަލުތައް ލިޔެވި އޭގެ ޒިންމާ ނަގަންޖެހޭ މީހަކަށް) ވާނީ ބާލިޣްވުމުން ކަމަށް ކަނޑައަޅުއްވާފައިވާއިރު، ކަނޑައެޅިގެން އެއާއި ދެކޮޅަށް ޤާނޫނުތައް ހަދަމުން މިދަނީ ﷲ އަށްވުރެ މޮޅަށް ކަންކަން އެނގޭ އަދި އޯގާތެރި ރަނގަޅު ބަޔެއްކަމަށް ދެކޭތީހެއްޔެވެ؟

ﷲ ގެ ޝަރީޢަތުގައި ހިމެނޭ އެއްވެސް ޙުކުމަކަށް އިންކާރުކޮށް ނުވަތަ އެއްވެސް ޙުކުމަކާއި ދެކޮޅަށް ޙުކުމްތައް ހަދައި ބަދަލުކުރުމަކީ އެބައަކު ދީނުންބޭރުވެ މުރުތައްދުވާނެ ކަމެކެވެ. އެފަދަ މީހުންނަކީ ޝަރީކުންތަކެއް ކަމުގައި ޤުރްއާނުގެ ޞަރީޙަ ނައްސުން ކަނޑައެޅިގެން ފެންނަން އެބައޮތެވެ.

(أَمۡ لَهُمۡ شُرَكَٰٓؤُاْ شَرَعُواْ لَهُم مِّنَ ٱلدِّينِ مَا لَمۡ يَأۡذَنۢ بِهِ ٱللَّهُۚ) سورة الشورى: 21

"ނުވަތަ ﷲ އިޛުނަ (ހުއްދަ) ދެއްވާފައިނުވާ ކަންކަން ދީނުގެތެރެޔަށް ވައްދައި ޝަރުޢުކޮށް ހެދުމަށް (ކަނޑައެޅުމަށް) އެއުރެންނަށް ޝަރީކުންތަކެއް ވަނީހެއްޔެވެ؟"

--ޝައިޚް އާދަމް ނިޝާން

މިއަދު އޮންލައިން