ދަރިން ދީނާއި ދުރުހެލިވާނެ ގޮތަށް ތަރުބިއްޔަތުކުރުން- ދަރިންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ދަރިން ދީނާއި ދުރުހެލިވާނެ ގޮތަށް ތަރުބިއްޔަތުކުރުން- ދަރިންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާ!

ދަރިންނަށް ދީން އުނގަންނައިދިނުމަކުން އަދި ނުފުދެއެވެ. ދީނުގައިވާ މަގުން ޢަމަލުކުރަން ތަރުބިއްޔަތުކުރުމަކީ އެންމެ މުހިންމު ކަންތަކެވެ. އެކަން އެގޮތަށް ނުކުރުމަކީ ދަރިންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ! އެންމެ ބޮޑު ދެރައެވެ.

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ މިފަދައިންނެވެ.

"ހަމަކަށަވަރުން، އިސްރާފްކުރާ މީހުންނީ، ޝައިޠޯނުންގެ އަޚުން ކަމުގައިވޫއެވެ. އަދި ޝައިޠޯނާ، އޭނާގެ ވެރިރަސްކަލާނގެއަށް ވަރަށް ބޮޑަށް ކާފިރުވާ ކަމުގައިވިއެވެ." (އަލް އިސްރާ: 27)

އަތުގައި ކިތަންމެ ފައިސާ ގިނަނަމަވެސް ޚަރަދުކުރުމުގައި ބަލައިލުމެއްނެތި ޚަރަދުކުރާ މީހުންނަކީ ޝައިޠޯނާގެ އަޚުންކަން ޤުރްއާނުން އެނގެން މިއޮތީއެވެ! ހިތާމައަކީ އަތްމައްޗަށް ފައިސާއެރުމުން އެކަންކަން ހަނދާންހުންނަ މީހުން މަދުކަމެވެ. ތިމާއަކީ އިސްރާފްކުރާ މީހަކަށްވެ ދަރިންނަށްވެސް އެކަން ދަސްކޮށްދެވޭތީއެވެ.

މިސާލަކަށް އަތުގައި ކިތަންމެ ރަނގަޅު ފެންވަރުގެ ކާރެއް އޮތްނަމަވެސް އެހެން މީހުން ދުއްވާ ކާރަށް ކަޅިއަޅާ މީހުން އޭނާގެ އަތުގައި އޮތް ކާރުގެ ވަޒަނެއް ނުކުރާނެއެވެ. އަތުގައި އޮތްކާރު ބާކީކޮށްލާފައި އަނެކާ ދުއްވާ ވައްތަރުގެ ކާރެއް ގަންނާނެއެވެ.

އެއީ މުއްސަނދިންގެ ފެންވަރުކަމަށް ބަލައި ދޫކޮށްލާށެވެ. އާދައިގެ ފެންވަރުން މިސާލެއް ބަލައިލަމާހެއްޔެވެ؟

ލިބޭ އާމްދަނީން ދެކޮޅު ނުޖެހިގެން އުޅޭ މީހުންވެސް އަތުގައި ލާނެ ހެދުން ހުއްޓައި އަނެކާ ލައިއުޅޭ ޒާތުގެ ހެދުމެއް ބޭނުންވެގެން އެބަ ހެދުން ގަނެއެވެ. ޙަޤީޤަތަކީ އޭނާގެ އަތުގައި ހަމަ ރަނގަޅު ފެންވަރުގެ ހެދުން އެބަހުރިކަމެވެ. މަދުވެގެން ނުވަތަ ނެތިގެން މިއުޅެނީ އަނެކާ ލައިއުޅޭ ޒާތުގެ ހެދުމެކެވެ.

މީގެ އެންމެ ބޮޑު ހިތާމައަކީ މިނުބައި ޢާދައިގައި ދަރިންވެސް ޖައްސުވަމުން ގެންދާކަމެވެ. ކުޅޭ ސާމާނާއި ވީޑިއޯގޭމް ފަދަ ތަކެތި ގަނެދިނުމުގައި ހައްދުން ނެއްޓިގެންދާކަމެވެ. ދަރިންނަށް ހެދުން ފަދަ ތަކެތި ހޯދައި ދިނުމުގައިވެސް އިމެއް ނުގެންގުޅޭކަމެވެ. ދަރިފުޅު އަތުގައި ތަކެތި ހުރިނަމަވެސް އަނެއް ކުއްޖާގެ އަތުގައި އޮތްއެތި ހޯދައިދެމުންގޮސް ދަރިންނަށްވެސް މިނުބައި ޢާދަ ދަސްކޮށްދެވޭކަމެވެ. ނަތީޖާއަކަށްވަނީ ދަރިން ބޮޑެތިވާއިރު އިސްރާފުކުރަން އާދަވެފަިތިބޭކަމެވެ.

އިންސާނުންކަމަށްވީތީ އަބަދުވެސް ފެންވަރު ރަނގަޅު، ރީތި އެއްޗެއްސަށް އެދެވޭނެއެވެ. ނަމަވެސް މުސްލިމުންގެ ގޮތަކަށްވާންޖެހޭނީ މެދުމިނުގައި ހިފެހެއްޓުމެވެ. އައިފޯންސީ އެއް އަތުގައި އޮއްވައި އެސް ނުކުތުމުން ގަތުމަކީ މުސްލިމުންގެ ސިފައަކަށްވެގެންނުވާނެއެވެ. އެގޮތަށް ތަކެތި ހޯދުމަކީ އިސްރާފްކުރުމެވެ. އެއިރުން އެވެވެނީ ޝައިޠޯނާގެ އަޚަކަށެވެ.

--ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން