އެންމެ ރަނގަޅު އަނބިމީހާ ކަމުގައި ވުމަށް ނުއެދޭނެ އެންމެ އަންތބަކުވެސް ނުހުންނާނެއެވެ. އަހުރެން މިދައްކަނީ އެއްވެސް މީހަކަށް އެންމެ ރަނގަޅުވުމުގެ ވާހަކައެއް ނޫނެވެ. މިދައްކަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ރަނގަޅު އަނބިމީހާ ކަމަށްވުމުގެ ވާހަކައެވެ.
އެމަތިވެރި މަޤާމް ޙާޞިލުކުރުމަށްޓަކައި ކުރަން އޮތް ފުރަތަމަ ކަމަކީވެސް ތިމާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެން އިން އަންހެނަކަށްވުމެވެ. ވީމާ އޭނާކުރާ ކޮންމެ ކަމެއްވެސް ކުރަން އޮތީ އެގޮތުގައެވެ. އެގޮތުގައި ކަންކަން ކުރެވޭނީ ކޮންމެ ވަޤުތަކުވެސް ތިމާ މަރުވެދާނެ ކަމަށް ބިރުވެތިވެގެންނެވެ
މަދުބައެއް ނޫނެވެ. ގިނަ އަންހެނުންނަކީ އެންމެ ރީތި ފޭރާމާއި އެންމެ ރީތި ގަހަނާ އާއި މިހެންގޮސް އެތައް ބައިވަރު ކަންތައްތަކަކަށް ބޭނުންވެގެން ހުންނަ އަންހެނެކެވެ. ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހެން މެދުވެރިވާ އެއް ސަބަބަކީވެސް މިބުނި ފަދައިން ދުނިޔަވީ ގިނަ ކަންތައްތަކަކަށް ބޭނުންވާކަމެވެ. ފިރިމީހާއަށް އެކަންކަން ކޮށްނުދެވުމުން އެހެން ފިރިހެނެއްގެ ކިބައިން ނަމަވެސް އެކަންކަމަށް ބޭނުންވާކަމެވެ.
އެހެންވެ އަހުރެން ސުވާލެއް ކޮށްލާނަމެވެ. ތިބާ މަރުވާން އޮތީ އެންމެ 5 މިނިޓްކަން އެނގިއްޖެނަމަ ބޭނުންވާނީ އަގުބޮޑު ފޭރާމާއި ގަހަނާ އާއި ސެންޓާއި ކާރުފަދަ ތަކެތިހެއްޔެވެ؟ ނޫންނަމަ އެންމެ ކިޔަމަންތެރި، އެންމެ ޞާލިޙް، އެންމެ ގިނަ ޘަވާބް ލިބޭ، ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެންމެ ބޮޑަށް ލިބޭނެ ކަންކަން ކުރަން ހެއްޔެވެ؟
ލޮބުވެތި ކަނބަލުންނޭވެ! ތިބާއަކީ އެންމެ ރަނގަޅު، އެންމެ ހެޔޮލަފާ އަނބިމިހާގެ ގޮތުގައި ދުނިޔެއިން ނުކުންނަން ބޭނުންވާނަމަ މިކުރި ސުވާލުތަކަށް ޖަވާބުދޭށެވެ. ޢަމަލުވެސްކުރާށެވެ!
އެއިރުން ދުނިޔެއިން ބޭނުންވެގެން ތިއައުޅޭ ކަންކަން ނުލިބިގެން ޝަކުވާކުރާކަށް ނުޖެހޭނެއެވެ. ފިރިމީހާއަށް ފުއްދައި ނުދެވޭ ބޭނުންތައް ހުރުމުން ކަންބޮޑުވެގެން އުޅޭކަށްވެސް ނުޖެހޭނެއެވެ. ކަންބޮޑުވެގެން އުޅެވޭނީ އެންމެ ހެޔޮލަފާ، އެންމެ ރަނގަޅު އަނބިމީހާގެ ގޮތުގައި ދުނިޔެއިން ނުނުކުމެވިދާނެތީއެވެ. އެފަދަ އަންހެނަކަށް ވެވިއްޖެނަމަ ތިބާ ދުނިޔެއިން ނުކުންނާނީ އެންމެ ރަނގަޅު ގޮތުގައެވެ. އާޚިރަތް ދުވަހުގައިވެސް އޮތީ އުފާވެރިކަމެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން