ބޮޑުޢީދު ގާތްވަނީއެވެ! މިހާރުންސުރެ އެކަމަށް ތައްޔާރުވެ ހުއްދަ ކަންކަމުން އުފާ ލިބިގަންނަން މަސައްކަތްކުރަމާ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 16މ 24ސ
ބޮޑުޢީދު ގާތްވަނީއެވެ! މިހާރުންސުރެ އެކަމަށް ތައްޔާރުވެ ހުއްދަ ކަންކަމުން އުފާ ލިބިގަންނަން މަސައްކަތްކުރަމާ ހެއްޔެވެ؟

މިއަހަރުގެ ބޮޑުޢީދު އައިސް ޖެހެނީއެވެ. މިހާރުންސުރެ ކޮންމެ މީހަކުވެސް އެމީހެއްގެ ހިތް ތައްޔާރުކުރަންވީ ﷲ ތަޢާލާ ހުއްދަ ނުކުރައްވަވާ އެއްވެސް ކަމެއް ނުކުރުމަށާއި އެފަދަ ކަމެއްގައި ބައިވެރިނުވުމަށާއި އަދި ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަންކަމުން ހިތްހަމަޖެހުން ލިބިގަތުމަށެވެ. 

އެހެންކަމުން ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުން މުހިންމު ކަމަށް ދެކެމެވެ. 

އަޅުގަނޑުގެ 2 ސުވާލެއް އެބައޮތް.  ފުރަތަމަ ސުވާލަކީ ދެމަފރިން އެކަކުއަނެކަކު ލަވައަޑުއަހާ ނެށުންހުއްދަތޯ؟ ނޫނީ ހަމައެކަނި ނެށުންހުއްދަތޯ؟ އަނެއް ސުވާލަކީ އަނބިމީހާ ހިތް އުފާކޮށްދޭން ފިރިމީހާ މިއުޒިކް އިންސްޓްރޫމެންޓެއް (މިސާލަކަށް ގިޓާ) ކުޅެމުން ލަވަކިޔުން ހުއްދަތޯ 

ފުރަތަމަ: ލަވަ އާއި މިއުޒިކްގެ ޙުކުމް:    

ތިމާގެ ހަވާނަފްސާއި އެއްގޮތަށް، އެއްވެސް ދަލީލެއްގެ މައްޗަށް ބިނާނުކޮށް ދީނުގައި ހުއްދައް ކަމެއް ޙަރާމްކުރުން، ނުވަތަ ޙަރާމްކަމެއް ހުއްދައްކުރުން މިއީ އެއްވެސް މީހެއްގެ މައްޗަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. 

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَلاَ تَقُولُواْ لِمَا تَصِفُأَلْسِنَتُكُمُ الْكَذِبَ هَذَا حَلاَلٌ وَهَذَا حَرَامٌ لِّتَفْتَرُواْ عَلَىاللّهِ الْكَذِبَ) (النحل:116) މާނައީ: "މާތް ﷲއާއިމެދެ، ދޮގުތައް އުފައްދައިގެން ހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ސިފަކޮށްދައްކާ ދޮގުތަކާއިމެދެ، މިއީ ޙަލާލު އެއްޗެކޭ، މިއީ ޙަރާމްއެއްޗެއްކޭ،(ނުވަތަ ކަމެކޭ) މިހެން ކިޔައި ނުއުޅޫށެވެ! " ވީމާ ކަނޑައެޅިގެން ޤުރުއާނާ ޙަދީޘުން ޙަރާމް ކަމެއްކަން އެނގޭ ކަމެއްގައި ޙަލާލޭ ބުނާމީހަކު އެކަމަށް ޙުއްޖަތް ދައްކަން ޖެހޭނެއެވެ. ހަވާނަފުސަށް ތަބަޢަވެ މިވެނިކަމެއް ޙަލާލޭ އެވެނި ކަމެއް ޙަރާމޭ ބުނުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ސަބަބަކީ ކަންތައް ޙަލާލުކުރައްވާ، ޙަރާމް ކުރައްވާ ފަރާތަކީ ހަމައެކަނި އެއްކައުވަންތަ ﷲ އެވެ. 

އެގޮތުން ސުވާލުގައި ވިދާޅުވެފައިވާ ލަވަޔާއި މިއުޒިކުގެ ޙުކުމާ ބެހޭގޮތުން ކީރިތި ޤުރުއާނާއި، މާތް ނަބިއްޔާގެ ޙަދީޘްފުޅުތަކާއި އަދި މިއުއްމަތުގެ އިސްވެ ގޮސްފައިވާ ދަންނަބޭކަލުންނާ ފަހުގެ ދަންނަ ބޭކަލުންގެބަސްފުޅުތައް މިތަނުގައި ބަޔާންކޮށްދޭނަމެވެ. 

ކީރިތި ޤުރުއާނުގެ އެތައް އާޔަތަކުން ލަވަޔާ މިއުޒިކް ޙަރާމް ކަމަށް ޢިލްމުވެރިން ދަލީލު ދައްކަވައެވެ. އެގޮތުން އެންމެ މަޝްހޫރު އާޔަތަކީ ލުޤްމާން ސޫރަތުގެ ހަވަނަ އާޔަތެވެ. ﷲ ވަޙީކުރައްވާފައިވަނީ: وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُواً أُولَئِكَ لَهُمْ عَذَابٌ مُهِينٌ[لقمان:6] 

މާނައީ " އަދި މީސްތަކުންގެ ތެރޭގައި ވިޔާނުދާ ވާހަކަތައް ގަނެ ފަތުރާބަޔަކުވެއެވެ. އެއީ އެއްވެސް ޢިލްމަކާއި ނުލައި މާތް ﷲގެ މަގުން މީސްތަކުން ދުރުކުރުމަށްޓަކައެވެ. އަބައިމީހުންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ." އަދި އިމާމް އިބްނި ކަޘީރު ރަޙިމަހުﷲ މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. އިބްން މަސްޢޫދު ރަޟިޔަﷲ ޢަންހު މިއާޔަތާއި މެދުވިދާޅުވެއެވެ. ﷲ ގަންދީ ބުނަމެވެ. އެއީ ލަވައެވެ. އަދިވެސް މިފަދައިން ވިދާޅުވެފައިވާ ބޭފުޅުންގެ ތެރޭގައި އިބްނު ޢައްބާސާއި، މުޖާހިދާއި، ޘައުރީ އާއި މަކްޙޫލް ރަޟިޔަﷲ ޢަންހުމް ފަދަބޭފުޅުން ހިމެނެއެވެ. 

އަދިވެސް އެކަލާނގެ އަލް އިސްރާ ސޫރަތުގައި ވަޙީކުރައްވާފައިވެއެވެ. وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ[الإسراء:64]

މާނައީ " އަދި އެބައިމީހުންގެތެރެއިން، ކަލެއަށް (ޝައިޠާނާއަށް) ކުޅަދާނަވީބަޔަކު، ކަލޭގެ އަޑުން ބިރުގަންނަވާ ހެއްލުން ތެރިކުރާށެވެ! " ތަފްސީރު ޢިލްމުވެރިންގެތެރެއިން އިބްނު ކަޘީރާއި އިބްނު ޖަރީރް ރަޙިމަހުމުﷲ ފަދަބޭފުޅުން ވިދާޅުވަނީ އެތަނުގައި ޝައިޠާނާގެ އަޑޭ އެވާ ބަހުގެ މުރާދަކީ ލަވައެވެ. މިފަދަ އެތައް އާޔަތަކުން ޢިލްމުވެރިން އިސްތިދްލާލު ކުރައްވައެވެ. 

ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކަށް ބަލާލާއިރު މިކަމަށް ދަލީލުކޮށްދޭ ބަސްފުޅުތައް ނުހަނު ގިނަ ގުނައެވެ. އެގޮތުން ކޮންމެވެސް ވަރެއް ބަޔާންކޮށްލާނަމެވެ. 

މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވެއެވެ.))ليكونن من أمتي أقوام يستحلون الحروالحرير والخمر والمعازف(((رواهالبخاريفي صحيحهمعلقاً بصيغة الجزم) 

މާނައީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެތެރެއިން ބަޔަކުމީހުން އަންނާނެއެވެ. އެމީހުން ޒިނޭއާއި، ފަށުވިފޭރާމާއި (ފިރިހެނުންނަށް)، ރަލާއި، އަދި މިއުޒިކު ސާމާނު ހުއްދަކުރާނެއެވެ".)) صوتان ملعونان في الدنيا والآخرة: مزمار عند نعمة، ورنة عندمصيب(((روىالبزارفي مسنده،صححهالألبانيفي تحريمآلات الطرب) 

މާނަޔަކީ: " ދުނިޔެއާއި އާޚިރަތުގައި ލަޢުނަތް ލެއްވިގެންވާ ދެއަޑެއް ވެއެވެ. އެއީ ނިޢުމަތެއް (އުފާވެރިކަމެއް) ލިބޭހިނދު އިވޭ އަޑަކާއި ، މުޞީބާތެއް (ހިތާމައެއް) ލިބޭހިނދު އިވޭއަޑެކެވެ. " ޢިލްމުވެރިން ވިދާޅުވާގޮތުންނަމަ، އުފާވެރިކަމެއް ދިމާވާހިނދު އިވޭ އަޑެކޭ ބުނެވޭ ބަހުގެ މުރާދަކީ އުފާވެރި މުނާސަބަތު ތަކުގެ ނަމުގަ ކިޔޭ ލަވަތަކާއި ކުޅެވޭ މިއުޒިކާއި ނެށުމުގެ ވާހަކައެވެ. އެހެނެއްކަމަކު އުފާވެރިކަމެއް ދިމާވާހިނދު ޝުކުރު ދަންނަވަން ޖެހޭނީ އެއްކައުވަންތަ ﷲ އަށެވެ. ލަވަޔާ މިއުޒިކަކުން ނޫނެވެ.)) 

في هذه الأمة خسف ومسخ وقذف، قالرجل من المسلمين: يا رسول الله، ومتى ذلك؟ قال: إذا ظهرت القينات والمعازف وشربتالخمر(( رواهالترمذيوصححهالألباني 

މާނައީ: "މިއުންމަތުގެ ތެރެއިން ބަޔަކު ޤަޛުފްކުރެވި، ސިފަބަދަލުވެ، ބިމަށް ގަންބަވައި ގަނެވޭނެއެވެ. އެހިނދު މުސްލިމުންގެތެރެއިން މީހަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. އެއީ ކޮން އިރަކުން ތޯއެވެ؟ އެހިނދު ޙަދީޘްފުޅުކުރެއްވިއެވެ. ރާބުއިމާއި މިޒިކުސާމާނާއި އަޅުން ޢާއްމު ވުމުންނެވެ." 

))ليشربن ناس من أمتي الخمر يسمونهابغير اسمها، وتضرب على رؤوسهم المعازف والمغنيات، يخسف الله بهم الأرض، ويجعل منهمالقردة والخنازير(((صححهالألبانيفي غايةالمرام)

މާނައީ: " ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ބަޔަކު ބަނގުރާ ބޯނެއެވެ. އެބައިމީހުން އޭގެ ނަން ނޫން އެހެން ނަމެއް އެއަށް ކިޔާނެއެވެ. އެބައިމީހުން ތިބޭ ތަންތަނުގައި މިއުޒިކް ސާމާނުތަކުން މިޔުޒިކު ކުޅެ، ލަވަކިޔާ އަންހެނުންލަވަކިޔާނެއެވެ. ﷲ އެބައި މީހުން ބިމުގެ ޢަޑިއަށް ގަންބަވާނެތެވެ. އަދި އެބައި މީހުންގެތެރެއިން ރާމާމަކުނުތަކާއި އޫރުތައް ލައްވާނެއެވެ. "

މިހިސާބުން މިބަލައިލަނީ މިމައްސަލާގައި ކުރިޔާއި ފަހުގެ ބައެއް ދަންނަ ބޭކަލުންގެ ބަސްފުޅުތަކަށެވެ. 

ފަހެ މިއުއްމަތުގެ ކުރީގެ ދަންނަށް ބޭކަލުން ވަނީ ދުއްފު (ތާރަ) ފިޔަވައި އެހެން ހުރިހާ މިޔުޒިކް ސާމާނަކީ ޙަރާމް އެއްޗެތިކަމަށް އިޖުމާޢް ވެލައްވާފައެވެ. މިއީ އިޖްމާޢެއް ކަމަށް ދަންނަވާފައިވާ ޢިލްމުވެރިންގެތެރޭގައި އަބޫ ޠަބީބު އައްޠަބަރީ، އިމާމް ޤުރުޠުބީ، އިބްން ރަޖަބް، އިބްން ޞަލާޙް އަދި އިބްން ޙަޖަރު އަލްޙައިތަމީ ރަޙިމަހުމުﷲ ފަދަބޭކަލުން ހިމެނެއެވެ. މުއުމިނުންގެ ޚަލީފާ އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. "ލަވަޔާ މިޔުޒިކަކީ ޝައިޠާނާގެ އަޑެވެ."، އިބްން މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. "ފެނުގެ ސަބަބުން ވިނަ ހެދޭ ފަދައިން ލަވައިގެ ސަބަބުން ހިތުގައި ނިފާޤްކަން އުފެދެއެވެ. އަދި ލަވަޔާއި މިޔުޒިކު ހަރާމް ވުމުގެ އެންމެ ބޮޑު އެއް ޙިކުމަތަކީ ﷲ ތަޢާލާގެމަތިން ޣާފިލު ވުމެވެ." ހަމަ އެފަދައިން ޢުމަރުބިން ޢަބްދުލް ޢަޒީޒު ވިދާޅުވެފައިވެއެވެ. "ލަވަޔާ މިޔުޒިކުގެ ފެށުން ވަނީ ޝައިޠާނާގެ ގާތުންނެވެ. އޭގެ ނިމުންވަނީ އައްރަހުމާނުގެ (ﷲ) ކޯފާއިންނެވެ."

އަދި ޝައިޙުލް އިސްލާމް އިބްނު ތައިމިޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ހަތަރު މަޒުހަބުގެ (ޙަނަފީ، މާލިކީ، ޝާފިޢީ އަދި ޙަންބަލީ ) ޢިލްމުވެރިންގެ އަރިހުގައި ހުރިހާ މިޔުޒިކު ސާމާނަކީ ވެސް ޙަރާމް އެއްޗެކެވެ. (مجموع الفتاوى: 11/576) 

އިމާމް އަބޫޙަނީފާ ރަޙިމަހުﷲ ލަވަޔަށް ނުރުއްސަވައެވެ. އަދި އެއީ ފާފައެއް ގޮތުގައި ހިމަނުއްވައެވެ. ހަމައެފަދައިން ކޫފާގެ އަހުލުވެރިންގެ މަޛްހަބަކީވެސް އެއީއެވެ. އޭގެތެރޭގައި ސުފްޔާންއާއި، ޙައްމާދާއި، އިބްރާހީމާއި، ޝަޢްބީ ރަޙިމަހުމުﷲ ފަދަބޭކަލުން ހިމެނިވަޑައިގަންނަވައެވެ. މިބޭކަލުންގެ މެދުގައި މިކަމުގައި ޚިލާފެއްނުވެއެވެ. އަދިހަމަ އެފަދައިން ބަޞަރާގެ އަހުލުވެރިންގެ ތެރޭގައިވެސް މިކަމުގަ ޚިލާފެއްވާކަމެއް އެނގިފައި ނުވެއެވެ. އަދި އިބްނުލް ޤައްޔިމް ރަޙިމަހުﷲ އިޣާޘަތުލް ލަހްފާންގައި ވިދާޅުވެފައި ވެއެވެ. މިޔުޒިކު ޙަރާމްކަމުގައި ދެކޭ އެންމެ ހަރުކަށި މަޒުހަބަކީ އަބޫ ޙާނީފާގެ މަޒްހަބެވެ. އެކަލޭގެފާނުގެ ބަސްފުޅު މިކަމުގައި އެންމެ ހަރުކަށި ބަސްފުޅު ތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އެކަލޭގެފާނުގެ މަޒްހަބުގެ ބޭފުޅުން ވަނީ މިފަދަ ހުރިހާއެއްޗެއް އަޑުއެހުން ޙަރާމްވާނޭކަމަށް ޞަރީޙަބަހުން ވިދާޅުވެފައެވެ. 

އަދި އެއީ ކަނޑައެޅިގެން އުރެދުމެއް ކަމަށާއި އެމީހެއްގެ ހެކިބަސްވެސް ބަލައި ނުގަނެވޭނެކަމުގައި ވިދާޅުވެއެވެ. އަދި އެއަށްވުރެވެސް ހަރުކަށިކޮށް އެބޭފުޅުން ވިދާޅުވެފައިވެއެވެ. "އެ އަޑު އެހުމަކީ ފާސިޤުކަމެކެވެ. އެއިން ލައްޒަތު ލިބިގަތުމަކީ ކުފުރެކެވެ." މިއީ ކަނޑައެޅިގެން އެބޭފުޅުންގެ ބަސްފުޅެވެ. އިމާމް މާލިކް ވަނީ ލަވަޔާއި މިޔުޒިކު ކުޅުމާއި އަޑުއެހުން މަނާކުރައްވާފައެވެ. އަދި ވިދާޅުވެއެވެ. ތިމަންނަމެންގެ ތެރެއިން އެކަންކުރަނީ ފާސިޤުންނެވެ. އަދި އިމާމް ޝާފިޢީ ރަޙިމަހުﷲ އާދާބުލް ޤަޟާގައި ވިދާޅުވެފައިވެއެވެ. ހަމަކަށަވަރުން ލަވަޔަކީ މަކްރޫޙަވެގެންވާ ބޭކާރު ވާހަކައެވެ. އަދި އެ އެއްގޮތްވެގެން ވަނީ ބާޠިލާއެވެ. އެކަން ގިނަކޮށްފިމީހާ އަކީ މޮޔައެކެވެ. އަދި އޭނާގެ ހެކިބަސް ޤަބޫލުނުކުރެވި ރައްދުކުރެވޭ ހުއްޓެވެ. އަދި އެކަލޭގެފާނުގެ މަޒުޙަބުގެ މަޝްހޫރު  ޢިލްމުވެރިން އެކަން ޙަރާމްކުރައްވައެވެ. އަދި އެކަލޭގެފާނު ލަވަހުއްދަކުރާ ކަމަށް ބުނާމީހުން (ޤާޟީފަދަބޭކަލުން) ގެބަހަށް އިންކާރުކުރައްވައެވެ. އިމާމް އަޙްމަދު ރަޙިމަހުﷲގެ އަރިހުން ޔަތީމުންތަކަކަށް ވާރުތަމުދަލުގެ ގޮތުގައި ވާރުތަވެފައިވާ ލަވަކިޔާ ޖާރިޔާއެއް ވިއްކުމާއި ބެހޭގޮތުން ސުވާލުކުރުމުން ދެއްނެވިއެވެ.  އޭނާ ނުވިއްކާހުށިކަމެވެ. އެހެނެއްކަމަކު އޭނާއީ އާދައިގެ ދެރަ މީހެއްގެ ގޮތުގައި ވިއްކާލާށެވެ. ޝައްކެއް ނެތް ގޮތުގައި ލަވަޔާއި ގުޅުންހުރި މީހެއްގެ ގޮތުގައި އެކުއްޖާ ވިއްކިނަމަ ބޮޑު އަގުގައި ވިއްކުނީހެވެ. ނަމަވެސް އެކަލޭގެ ފާނު އެކަން ހުއްދަ ނުކުރައްވާތީވެ ދަށް އަގުގައި ވިއްކުމަށް އަމުރު ކުރެއްވީއެވެ.( غذاء الألباب في شرح منظومة الآداب)

އަދި އަލް އިމާމް ޤުރުޠުބީ ރަޙިމަހުﷲގެ ކިބައިން ނަގުލުވެގެން ވެއެވެ. " ބެރާއި މިޔުޒިކު ސާމާން ކުޅުމާއި އަޑުއެހުމުގެ ޙަރާމް ކަމާމެދު އެއްވެސް ޙިލާފެއް ނުވެއެވެ. އަދި އިތުބާރުހިފޭ ސަލަފުންގެ (ކުރީގެ) އަދި ޚަލަފުގެ (ފަހުގެ) އެއްވެސް އިމާމެއްގެ ކިބައިން ލަވަ ހުއްދަކުރަނިކޮށް އަހުރެން އަޑު ނައަހަމެވެ. ފަހެ ކީއްވެތޯ ޙަރާމްނުވާންވީ! އެއީ ރާބޯ މީހުންނާއި ފާސިޤުންގެ ޝިޢާރެވެ. އަދި ފަސާދައާއި ޝަޙުވަތް ޙަރަކާތް ކުރުވަނިވި އެއްޗެއްސެވެ. "

ފަހުގެ ޢިލްމުވެރިންގެ ތެރެއިން ސަމާޙަތުއްޝައިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ ވިދާޅުވެފައިވަނީ ލަވަ އަޑުއެހުމަކީ ޙަރާމްވެގެންވާ މުންކަރާތެކެވެ. އަދި އެއީ ހިތުގެ ބަލިމަޑުކަން އިތުރުވެ ހިތް ހަރުވެ ﷲ ތަޢާލާގެ މަތިން ހަނދުމަ ނެތިކޮށްލާ ކަމެކެވެ.

އަދި ޢައްލާމާ ނާޞިރުއްދީން އަލް އަލްބާނީ ރަޙިމަހުﷲ މިއުޒިކް ސާމާނު ހުއްދަ ކުރާނޭ ބަޔަކު އަންނާނޭ ކަމަށް ވާ ޙަދީޘާ ބެހޭ ގޮތުން ވިދާޅުވެފައިވެއެވެ. ޙަދީޘްގައި މިއުޒިކްސާމާނު ކަނޑައެޅިގެން ޙަރާމްކަމަށް ދަލީލު ކޮށްދެނީ އެޙަދީޘްގައިވާ އެހެނިހެން ކަންތައް ކަނޑައެޅިގެން ޙަރާމް ވުމުންނެވެ. އެގޮތުން ޒިނޭކުރުމާ ރާބުއިން ހިމެނެއެވެ.

މިހުރިހާ ބަސްފުޅުތަކާއި ދަލީލުތަކުން މިކަމުގެ ޙުކުމް ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ނަމަވެސް މިހިސާބުން ޢިލްމު ވެރިން މިކަމުގެ ޙުކުމް ބައްސަވާފައިވާ ތަރުތީބު ހާމަ ކޮށްލާނަމެވެ.

ޝަރުޢީގޮތުން ލަވައިގެ ޙުކުމަށް ބަލާލާއިރު މިޔުޒިކާއިއެކު ކިޔާފައިވާ ލަވައެއްނަމަ ފިރިހެނުން އަދި އަންހެނުންގެ މައްޗަށް ޙަރާމް ކަމަށް ޢިލްމުވެރިން ވަނީ އިޖުމާޢްވެފައެވެ. ހަމައެކަނި އިސްތިސްނާވެގެންވަނީ ތާރަ އާއި މެދުގައެވެ. އަދި ތާރައާއި ބެހޭގޮތުން ޢިލްމެރިންގެ އެންމެ ޞައްޙަ ގޮތަކީ އަންހެނުންނަށް ޢީދުގަޔާއި ކައިވެނިޕާޓީ ތަކުގައި ހުއްދަކަމަށެވެ. އެކަމަކު އޭގައި  ޝަރުޠުވެގެންވަނީ ފާޙިޝްނޫން ބަސްތަކަކާއި އެކު ބޭނުންކުރުމެވެ. އަދި އަންހެނުންނަށް ޚާއްޞަކުރެވިފައިވާ ބަސްތަކެއްކަމުގައިވުމާއި އެކު ނަފްސުގެ ޣަރީޒާ ތަކާ ކުޅެލާބަސްތަކެއްކަމުގައި ނުވުމެވެ. ދެން އޮތީ ލަވަމިޔުޒިކާއި ނުލައި ކިޔުމުގެ ޙުކުމެވެ. މިބެހިގެންދަނީ ދެބަޔަކަށެވެ. ލަވަކިޔާމީހާއަކީ އަންހެނަކު ކަމުގައިވެ އަޑުއަހާމީހާއަކީ ފިރިހެނެއް ކަމުގައި ވާނަމަ މީގެ ޙަރާމް ކަމާއިމެދެ އެއްވެސް ޝައްކެއްނުވެއެވެ. 

މީގެ މިސާލަކީ އަންހެނަކު ބަންގިގޮވުން ދީނުގައި މަނާވެގެންދާފަދައެވެ. ދެވަނަބަޔަކީ ފިރިހެނުން ކިޔާލަވައެވެ. ފަހެ އެކިޔޭލަވަޔަކީ ހެޔޮކަމަށް ގޮވާލާ، އަދި އެކަމުގައި ހެޔޮބަސްތައް އެކުލެވިގެންވާ ނަމަ ބައެއް ޢިލްމުވެރިން މިކަން ހުއްދައް ކުރައްވައެވެ. އަދި ބައެއް ޢިލްމުވެރިން މަކްރޫހަކަމެއްގެ ގޮތުގައި ދެކިލައްވައެވެ. އަދި ޚާއްޞަކޮށް އެކަމަށް އަގު ނަގާމަނަމައެވެ. މިކަމުގައިވެސް ޢިލްމުވެރިންގެ އެންމެ ޞައްޙައް ބަސްފުޅަކީ، އެއީ ޝިޢްރު (ޅެން) ނަވަތަ މަދަޙަ ފަދަ އެއްޗެއްކަމުގައިވެ އަދި އޭގައި ހެޔޮ ބަސްތަކެއް އެކުލެވިގެންވާނަމަ ހުއްދަ ކަމުގައިދެކުމެވެ. ނަމަވެސް މިފަދައިން ކިޔޭ ޅެންފަދަ ތަކެއްޗަކީ ފާޙިޝްކަމާއި މުންކަރާތާއި އަންހެނުންނައް ހިތްކިޔާ އަދި ހަޑި ހުތުރު ބަސްތަކެއްކަމުގައި ވަނީ ނަމަ ޙަރާމްވެގެންވުމެވެ.

މިހިސާބުން މިބަލާލަނީ ލަވަޔާއި މިއުޒިކަކީ ހުއްދައެއްޗެކޭ ބުނާ ބައެއްގެ ވާހަކަޔަށެވެ. އެބޭފުޅުންނަށް ދަންނަވާލަން އޮތީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފޮތުންނާއި، އެކަލާނގެ ރަސޫލާގެ ސުންނަތުން ނާއި މިއުންމަތުގެ ކުރިޔާ ފަހުގެ ޢިލްމުވެރިންނާ އިމާމުންގެ ބަސްފުޅުތަކުން މިއީ ހުއްދަ ކަމެއް ނޫންކަމަށް ގެނެސް ދެވުނު ދަލީލިތައް މަދު ތޯއެވެ؟ އެދަލީލު ތަކުގެ މައްޗަށް ބާރު ގަދަވާނޭ ދަލީލު ތަކެއް ނިކަން ގެންނަވާށެވެ. ފަހެ އިހުގެ ޢިލްމު ވެރިންގެ ތެރެއިން އަލް ޤާޟީ އަބޫބަކްރުބިން އަލް ޢަރަބީ އާއި، އަލް އިމާމް އިބްނު ޙަޒްމު ރަޙިމަ ހުމަﷲ އާއި ދެބޭކަލުންގެ ބަސްފުޅުނޫން އެއްޗެއް ތިޔަބޭފުޅުން ނަށް ފެންނަން ނެތީ ތޯއެވެ؟ އިސްވެ ބަޔާންވެ ދިޔަ ހުރިހާ ބޭކަލުންގެ ބަސްފުޅުތަކާއި ދަލީލުތަކުގެ މައްޗަށް އެދެ ބޭކަލުންގެ މަދުބަސް ފުޅެއް ކުރި ހޯއްދެވީ ކޮން އިން ޞާފަކުން ތޯއެވެ؟ ހަވާނަފުސާ، ޝައިޠާނާގެ ވަސްވާސް ތައް ދޫކޮށް ޙައްޤައް އަވަހަށް ރުޖޫޢަވަމާ ހިންގަވާށެވެ. ﷲ ތަޢާލާ އެކަލާނގެއަށް ރުޖޫޢަވާމީހުންދެކެ ލޯބިވެ ވޮޑިގަންނަވައެވެ.

މިހިސާބުން ނިންމާލުމުގެ ކުރިން މިކަމުގައި އޮތް އެއްމެ ހެޔޮ ބަދަލަކީ، ނުވަތަ ލަވަޔާއި މިއުޒިކުގެ ބަދަލުގައި އަޑުއަހާ، ބައިވެރިވާން ވީ ކޮންކަމެއްގައިތޯ ފާހަގަ ކޮށްލާނަމެވެ. އެގޮތުން ބަލާއިރު ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ވަރަށް ފުރިހަމަ ބަދަލެއް އަޅުގަނޑުމެން މުސްލިމުން ނަށް ދެއްވާފައެވެ.

ލަވަޔާ މިއުޒިކް އަޑުއަހާ ބައެއްގެ ޙުއްޖަތަކީ އެއީ ހިތްހަމަޖައްސާލަދީ ނަފުސަށް އަރާމު ގެނެސްދޭ ކަމެއްކަމަށްބުނުމެވެ. އަޅުގަނޑުމެން ހެއްދެވިފަރާތަށް އަޅުގަނޑުމެނަނަށް ހިތްހަމަ ޖެހުން ލިބޭނޭ ކަންތަކާ ގޮތްތައްވެސް މާމޮޅަށް ދެނެވޮޑިގަންނަވާނެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ أَلا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ[الرعد:28]މާނައީ:"ދަންނާށެވެ. ހިއްތަކަށް ހަމަޖެހުންވަނީ ﷲ ހަނދުމަކުރުމުންނެވެ."އަދިވެސް ވަޙީ ކުރައްވާފައިވެއެވެ.فَاذْكُرُونِي أَذْكُرْكُمْ[البقرة:152]މާނައީ:" ތިޔަބައިމީހުން ތިމަން ﷲގެ މަތިން ހަނދުމަކުރާށެވެ، އޭރަށް ތިމަން ﷲ ތިޔަބައިމީހުންގެ މަތިން ހަނދުމަކުރާހުށީމެވެ" 

ވީމާ ﷲ ގެ މަތިން ހަނދުމަކުރުމަކީ މިއުޒިކުގެ ބަދަލުގައި އަޅުގަނޑުމެނަށް އޮތް އެންމެ ފުރިހަމަ ޙައްލެވެ. އެގޮތުން ފަސްވަގުތު ނަމާދުކުރުމަކީވެސް އެކަލާނގެ މަތިން ހަނދުމަ ކުރުމެވެ. އަދި ހެނދުނާ ހަވީރުގެ ޒިކުރުތަކާ ދުޢާތައްކިއުމަކީވެސް އެކަލާނގެ މަތިން ހަނދުމަ ކުރުމެވެ. ގިނަ ގިނައިން ކީރިތި ޤުރުއާން ކިޔެވުމާއި ދީނީ ފޮތްތައް ކިޔުމާއި ވައުޟާ ނަޞޭޙަތް އަޑުއެހުމަކީ ހައްތާވެސް ޝައިޠާނާގެ މަގުން އެއްކިބާ ކޮށްދީ ގަދަ ކީރިތިވަންތަ އަޅުގަނޑުމެންނަށް ހުރިހާ ނިޢުމަތެއްދެވަވާ ޚާލިޤުވަންތަ ޖައްބާރުވަންތަ ﷲ ގެ މަތިން ހަނދުމަކޮށްދޭނޭ ކަންތައްތައްކަން ޔަޤީނެވެ. 

ދެވަނަ: ދެމަފިރިން އެކުގައި ނެށުން: 

ދަންނައެވެ. ދެމަފިރިން ކޮޓަރި ތެރޭގައި އެކަކު އަނެކަކަށް ފަރިދެއްކުމުގެ ގޮތުން ނަށާހެދުމަކީ މައްސަލަ އެއް އޮތް ކަމެއް ނޫނެވެ. މައްސަލަ އަކަށްވާނީ ހިލޭ ބައެއްގެ ކުރިމަތީގައި ނަށާ ހެދުމުންނެވެ. واللهأعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން