ދެމަފިރިން ވަކިން ބޭކާރުގޮތުގަ ރޭގަނޑުގެ ވަޤުތުތައް ހޭދަކުރާނަމަ ގާތީ ވޭނާ ދަތިޙާލުގަ އުޅެން ޖެހުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 21ސ
ދެމަފިރިން ވަކިން ބޭކާރުގޮތުގަ ރޭގަނޑުގެ ވަޤުތުތައް ހޭދަކުރާނަމަ ގާތީ ވޭނާ ދަތިޙާލުގަ އުޅެން ޖެހުން!: މުފްތީ މެންކް

 

އަޅުގަނޑޫގެ ފިރިމީހާއަކީ ވަރަށް ތަފާތު ވައްތަރެއްގެ ބައްޔެއް ޖެހިފައިވާ މީހެކެވެ. އެއީ ރޭގަނޑު ކައިގެން ގެއިން ނުކުންނަ ގޮތަށް މެންދަމު 2 ނުޖަހަނީސް ގެއަށް ވަންނަހިތް ނުވާ ބައްޔެވެ. މިބަލިޖެހުމުން ޢާންމުކޮށް ކުރާ އަދި މެދުވެރިވާ ކަންކަމުގެ ތެރޭގައި ކޮފީ މޭޒުތަކުގައި ތިބެގެން ދެޖިންސުން މަޖާނެގުން، ބައެއް ފަހަރު ކޮފީ މޭޒުން އިރުކޮޅަކަށް ގެއްލުން، ޚަރަދުކުރަމުން ގޮސް މަހުގެ މެދަށް ނާރަނީސް އަތްމަތިހުސްވެ 2 ދަރިންނާއި އަޅުގަނޑަށް އަސާސީ ބޭނުންތައް ނުފުއްދިފައި ތިބެންޖެހުން ފަދަ ކަންކަން ހިމެނެއެވެ.

މިބަލިން ސަލާމަތްވެވޭނެ ބޭސްފަރުވާ ވަރަށް ގިނައިން ކޮށްދީފީމެވެ. މިބުނަނީ ނަޞޭޙަތްދީ އާދޭސްކުރި ވާހަކައެވެ. ސަލާންޖެހި ވާހަކައެވެ. އެގޮތަށް ރޭގަނޑު ބޭރުގައި އުޅެނީ ގޭތެރެއިން ކޮން އުފަލެއް ނުލިބިގެންކަން ބުނެއެއް ނުދެވެއެވެ. މިޙާލުގައި ދިރިއުޅޭތާ 4،5 އަހަރުވަނީއެވެ. ހެޔޮ ބަދަލަކަށް އެދޭވަރަކަށް ވަނީ އިތުރަށް ގޯހެވެ. އެހެންވީމާ މިޙާލަތުގައި ވަރިވުން ހުއްދަވާނެތޯ؟

ބުނެލަން އޮތީ އަނބިމީހާއަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް އަދާނުކުރާނަމަ ވަރިއަށް އެދުމުގެ ޙައްޤު އަނބިމިހާއަށް ލިބިގެންވެއެވެ. ޝަރުޠުތައް ފުރިހަމަވާނަމަ ކައިވެނި ރޫޅާލައިވެސް ދޭނެއެވެ. ނަމަވެސް ނަޞޭޙަތަކީ ޢިލމްވެރިން ފަދަ ހެޔޮލަފާ މީހުން މެދުވެރިކޮށްގެން ނަމަވެސް އޭނާއަށް ވިސްނައިދޭން މަސައްކަތްކުރުމެވެ. އަދި ދުޢާވެސް ކުރާށެވެ! ވަރިވާން މަސައްކަތްކުރަންވާނީ އިސްތިޚާރާވެސް ކޮށްފައެވެ. ވަރިވުން ނޫން އެހެން ގޮތެއް ނެތިއްޖެނަމައެވެ. އެހެން ގޮތެއް ނެތިއްޖެ ނަމަ އޮތީ ހަމަ އަވަހަށް އެކަމަށް އަވަސްވެގަތުމެވެ.

ކިޔުންތެރިޔާ ކޮންމެވެސް އުކުޅެއް ބޭނުންކޮށްގެން ނަމަވެސް މުފްތީ މެންކުގެ މިވާހަތަ ތައް، މި އިންޒާރު ފިރިމިހާއަށް އަޑު އިއްވާލަން މަސައްކަތްކޮށްބަލާށެވެ. އިން ޝާ ﷲ ހެޔޮ ވިސްނުންވެސް އޭނާއަށް ލިބިދާނެއެވެ.

އަނބިންނާއިއެކު ރޭކުރުމަކީ ޞަދަޤާތެއްކަމަށް ޙަދީޘްފުޅު ކުރެއްވެވުމުން ޞަހާބީން އެކަމާއި ކަންބޮޑުވެވަޑައިގެން އެއީ ހަމަ ޞަދަޤާތެއްތޯ ސުވާލުކުރެއްވެވިއެވެ. އަނބިންގެ ބޭނުންތައް ފުއްދައިދިނުމަކީ ފިރިންގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އެ ވާޖިބު އަދާކުރުމުން އެމީހަކަށް ޙައްޤު މިންވަރަށް ﷲ ތަޢާލާ ޘަވާބު ދެއްވަވާނެކަން އެއީ ކުޑަވެސް ޝައްކެއް ކުރަން އޮތްކަމެއް ނޫނެވެ.

ނިކަން ބުނެބަލާށެވެ! ދެމަފިރިން އެކުގައި އެއްގޭގައި ދިރިއުޅެމުން ވެސް ރޭގަނޑު އަނބިމީހާ އާއި ބައްދަލުނުވާ ކިތައް ފިރިން އެބައުޅޭހެއްޔެވެ؟ ދިރިއުޅެން ކުރަންޖެހޭ މަސައްކަތް ފިޔަވައި ބޭކާރު ކަންކަމުގައި ބޭރުގައި އުޅެފައި ގެއަށްދާއިރު އަނބިމީހާ ވަރުބަލިވެގެން ނިދާފައި އޮންނާތީ ބައްދަލުނުވަނީ ކިތައްރޭ ހެއްޔެވެ؟ މިއީ ކޮން ގޮތަކުން ޤަބޫލުކުރެވޭނެ ކަމެއް ހެއްޔެވެ؟

މީގެ އިތުރުން އަނބިން ޙައިޟުވުމުން ދުރުގައި ނިދަންބާއްވާ ފިރިންވެސް އެބައުޅެއެވެ. އެއީވެސް އެކަން ކުރަން އޮތްގޮތެއް ނޫނެވެ. ހަޢިވުމުން އަނބިމީހާ ބަލިވެ ނޫޅޭނަމަ، އެކަމުގެ އުނދަގޫތައް ނުވާނަމަ ދުރުކޮށްލުމެއް ނެތެވެ. ޖިމާޢުވުން ހުއްދަވެގެން ނުވިނަމަވެސް އަނބިންނާއިއެކު ލޯބިކޮށް އުޅެވޭނެއެވެ. އަދި އެޙާލަތުގައި އަނބިން ބާކީކޮށްނުލައި އެކުގައި ނިދަންޖެހޭނެކަން ޙަދީޘްފުޅުން އެގެން އެބައޮތެވެ.

ރަސޫލް ﷺ ގެ ނަންފުޅު އަޑުއިވުމުން ޞަލަވާތް ކިޔަވައިލުމަކުން އެކަނި ނުފުދޭނެއެވެ. ސުންނަތަށް ޢަމަލުކުރަންވާނެއެވެ. ޙަދީޘްފުޅުތަކަށް ޢަމަލުކުރަންވާނެއެވެ. ނޫންނަމަ ތިމާއަކީ ސުންނަތަށް އަމަލުކުރިމީހަކަށް ނުވާނެއެވެ.

މިހެން ބުނުމުން ބައަކު ރުޅިވެސް އަތުވެދާނެއެވެ. ނަމަވެސް ޙަޤީޤަތަކީ އަނބިމީހާ ގޭގައި ބައިންދާފައި ނުކުމެ އެހެން އަންހެނުންގެ ފަހަތުން ދުވެވޭކަމެވެ. އަނބިމީހާ އާއިމެދު އަޅައިނުލެވޭކަމެވެ. މިތަނުގައި އަހރެން ިދައްކަނީ ހެޔޮލަފާ އަނބިންގެ ވާހަކައެވެ. ގޭގައި އިނދެ ފިރިމީހާއަށް އިންތިޒާރުކުރާ އަނބިންގެ ވާހަކައެވެ. އެފަދަ އަންތބަކު އިންތިޒާރުގައި އިންދާ އުޅޭބނެހައި އިރަކު ބޭރުގައި އުޅެފައި ގޮސް ތިމާ މިހުރީ ވަރުބަލިވެފައިކަމަށް ބުނުމަކުން ނުފުދޭނެއެވެ. ފުޓްބޯޅަ މެޗެއް ކުރިއަސް އޮތްނަމަ ވަރުބަލިވާކަމަކަށް ނުވެއެވެ. ވީއިރު އަނބިމީހާ ބާކީކޮށްލަން ތިމާ މިހުރީ ވަރުބަލިވެފައިކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟

މީސްތަކުންނޭވެ! މުހިންމު ކަމެއް ޖެހިގެން ނޫނީ ޢިޝާ ނަމާދަށްފަހު ހޭލައި ނުހުރުމަށް އިސްލާމް ދީނުގައި އޮތީ އަނބިންނަށްޓަކައެވެ. އަނބިންނާއިއެކު އުފާކޮށްލުމަށްފަހު އަވަހަށް ނިދައި ދަމުނަމާދަށާއި ފަތިސް ނަމާދަށް ހޭލުމަށެވެ. އެކަމަކު މިއަދު މިފެންނަނީ އަވަހަށް ނިދަން އެނދަށް އެރިނަމަވެސް ފޯނާއިކުޅެން ތިބޭތަނެވެ. މިއީ މިހާރުން މިހާރަށްވެސް އިޞްލާޙްކުރަންޖެހިފައިވާ ކަމެކެވެ.

މިޙާލަތުގައި އަނބިމީހާއަށް ކެތްނުކުރެވިގެން ކޮށްޓައިލުމުން އަދި އިހަށް މަޑުކޮށްލަން އެބަ ބުނެއެވެ. މިއީ ކިހިނަކުން ޢަމަލުކުރެވޭނެ ގޮތެއް ހެއްޔެވެ؟

ރަނގަޅަށް އަޑުއަހާށެވެ! ގޭގެ ހާލަތުހުރި ގޮތުން ގޭގެ އެންމެންނަށް އެނގުނު ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އެއީ ފަޚުރެއްކަމަށް ދެކޭށެވެ. ދެމަފިރިން ރޭކޮށްފައި ފެންވަރާށެވެ. އެކުގައި ދަމުނަމާދުވެސް ކުރާށެވެ. އަދި ފަތިސް ނަމާދަށްވެސް ހޭލާށެވެ. ރޭގަނޑު ފަށަންވީ ދެމީހުންގެ އުފާވެރިކަމުންނެވެ. އެއީ ވާޖިބެކެވެ. ދަމުނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. ވީމާ ތަރުތީބުން ކަންކަންކުރާށެވެ!

ހަނދާންކުރާށެވެ! ރަސޫލް ﷺ ގެ އަނބިއަނބިކަނބަލުންގެ އިސްތަށިފުޅުގައި ފުނާ އަޅުއްވަވައިދެއްވެވިއެވެ. އެމިންވަރަށް ލޯބިދެއްވެވިއެވެ. އަހަރެމެންނަށް ކޮށްދެވެނީ ކޮންކަމެއް ހެއްޔެވެ؟

އަހަރެން މިވާހަކަތައް މިދައްކަނީ ހުކުރު ދުވަހު މިންބަރުގައި ހުރެގެންނެވެ. އިސްލާމް ދީނަކީ އަހުރެންނާއި ތިއަބައިމީހުންގެ ދީނެވެ. މިދައްކަނީ އިސްލާމް ދީނުގައި ކަންކަން އޮތްގޮތުގެ ވާހަކައެވެ. އިސްލާމްކަން ފުރިހަމަވާނީ ދީނުގައިވާ ހުރިހާ ކަންކަމަށް ފުރިހަމައަށް ޢަމަލުކޮށްގެންނެވެ. މިދެއްކީ ދީނުގައި ޢމަލުކުރަން އޮތް ގޮތުގެ ވާހަކައެވެ.

--މުފްތީ މެންކުގެ ޚުޠުބާއަކުން

https://www.facebook.com/AllAboutIslamA/videos/1347516765588016

މިއަދު އޮންލައިން