އެންމެ ގާތް އެކުވެރިން ނުވަތަ ބައިވެރިޔާ ނަމަވެސް ތިބާ ރުޅިއަންނާނެ ކަމެއް ކޮށްފައިވާނެއެވެ. ކިތަންމެ ރުޅި އައިނަމަވެސް އެއްވެސް މީހަކަށް އެއްވެސް ދެރައެއް ދޭނެކަމަށް ނުބުނާށެވެ. އަދި ދެރައެއް ލިބުމަށްވެސް ނޭދޭށެވެ! އެކަން ބަދުދުޢާކަށްވެ އަނބުރައި ތިމާއަށް އަތުވެދާނެކަމަށް ބިރުވެތިވާށެވެ!
މިހާރުގެ ޙާލަތަށް ބަލައިފިނަމަ އަނެކާއަށް ގެއްލުންދޭ މީހުންނާއި އެހެން މީހުން ހިތްދަތިކުރުވާ މީހުން ވަރަށް ގިނައެވެ. ތިމާއަށް ކިތަންމެ ބޮޑު ގެއްލުމެއް މީހަކު ދިންނަމަވެސް އެކަމުގެ ބަދަލުނުހިފާށެވެ. އެންމެ ކުޑަމިނުން އޭނާއަށް އެއްވެސް ގެއްލުމެއް ދޭނެކަމަށްވެސް ނުބުނާށެވެ. އެފަދަ ބަހެއް ބުނުމަކީވެސް ތިމާ އަމިއްލައަށް ގެއްލުމާއި ހަލާކުގެ ތެރެއަށް ވެއްޓިގަތުމެވެ.
ނިކަން ވިސްނައިލަބަލާށެވެ! ޔޫސުފްގެފާނުގެ އަޚުން ޔޫސުފްގެފާނަށް ދިނީ ކޮންފަދަ ބޮޑު ގެއްލުމެއް ހެއްޔެވެ؟ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟ މަސައްކަތްކުރީ ދުނިޔެއިން ނައްތައިލަން ނޫންހެއްޔެވެ؟ އެހެންކަމާއިއެކުވެސް ޔޫސުފްގެފާނު އެކަލޭގެފާނުގެ އަޚުންނާއިމެދު ކަންކަން ކުރެއްވެވި ގޮތުން ޢިބްރަތް ޙާޞިލުކުރާށެވެ.
ރަނގަޅަށް ވިސްނައިލާށެވެ! ޔޫސުފްގެފާނަށް މިޞުރަށް ވަޑައިގެންނެވި ލިބިވަޑައިގެންނެވި މަތީ ދަރަޖަ ލިބިވަޑައިގަތީ އަޚުން އެބޮޑު އަނިޔާދިނީތީއެވެ. އެއީ އެމަތިވެރިކަން ލިބިވަޑައިގަތުމަށް މެދުވެރިކުރެއްވެވި ސަބަބެވެ. ވީމާ މީހަކު ކިތަންމެ ބޮޑު ދެރައެއް ދިންނަމަވެސް އެކަމުގެ ސަބަބުން ތިމާއަށް ލިބޭނީ ކޮންފަދަ ބޮޑު ނިޢްމަތެއްކަން އެނގެނީ ކިހިނަކުންހެއްޔެވެ؟ ވީމާ މީހަކު ކިތަންމެ ބޮޑު ދެރައެއް ދިންނަމަވެސް ކެތްތެރިވެ އެކަމުގެ ބަދަލު ﷲ ތަޢާލާގެ ޙަޟްރަތުން އެދޭށެވެ. ބަދަލުހިފަން އެއްވެސް ކަމެއް ނުކުރާށެވެ. އަދި އެފަދަ ބަހެއްވެސް ނުބުނާށެވެ.
އެހެނަސް ހިތާމައަކީ ދެމަފިރިން އެކަކު އަނެކަކުދެކެ ރުޅި އައުމުންވެސް ނަފްރަތުގެ ބަސްތައް ބުނުމުގައި ހައްދުފަހަނައަޅައިދާކަމެވެ. އަނެކާއަށް ބޮޑެތި ގެއްލުންތައް ދޭނެކަމަށްބުނާކަމެވެ. ދެރަ ނިކަމެތިކަން ދޭނެކަމަށް ބުނާކަމެވެ. ޢާއިލާގެ މީހުންނަށްވެސް އެފަދަ ބަސްތައް ބުނާކަމެވެ. މިއީ ވަރަށް ނުރއްކާތެރި ބުނުމެކެވެ. އިންތިހާއަށް ބިރުހުރިކަމެކެވެ.
ތިމާއަށް ބުނެވޭ ބަހެއްގެ ސަބަބުން ވެސް އަނެކާއަށް ކިތަންމެ ބޮޑު ދެރައެއްވެސް ކުރިމަތިވެދާނެއެވެ. ބުނެވޭ ބަހުގައި އަމަލީ ސިފަޖެހި އަނެކާއަށް ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެއެވެ. ދުލުގެ ބާރަކީ ވަރަށް ވަރުގަދަ ބާރެކެވެ. ދުލުވިންދުހުއްޓައި ބުނެވޭ ބަސް ދިމާވާކަމަށް ބުނެވެނީ އެހެންވެގެންނެވެ. ދޫ ރައްކައުތެރިކުރަންޖެހެނީ އެހެންވެގެންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން