އެކަންކަން އަހުރެމެންނަށް ކުރިމަތިނުވާން ކިތަންމެ ބޮޑަށް ބޭނުންވިޔަސް އެކަންކަން މެދުވެރިވުން ނުހުއްޓުވޭނެ ކަންތައްތަކެއް ވެއެވެ. އެއީ އެކަންކަމުގެ މައްޗަށް އަހުރެމެންނަށް އެއްވެސް ބާރެއް ނުހިންގޭނެ ކަންތައްތަކެވެ. އެއިގެ ތެރެއިންވެސް ތިމާ ދެކެ މީހުން ރުޅިއައުމާއި ނަފްރަތުކުރުމާއި ހަސަދަލުން އަދި ތިމާއަށް ދެރަދޭން ކަންކަން ކުރުން ފަދަ ކަންކަން ވަކިން ބޮޑަށް ފާހަގަކުރަމެވެ.
އެކަންކަމަށް ޙައްލެއް ނެތީއެއް ނޫނެވެ. ޙައްލު ނެތީ އަހުރެމެންގެ އަތުގައެވެ. އެކަންކަމަސްވެސް އެންމެހައި ބާރުތަކާއި ޙައްލު ﷲ ތަޢާލާގެ ޙަޟްރަތަށްވެއެވެ. ވީމާ އެހެން މީހުންނާއި އެމީހުން ކޮސްފާނެ ކަންކަމަށް ވިސްނުމުގެ ބަދަލުގައި ﷲ ތަޢާލާގެ ޙަޟްރަތަށް ކުއްތަންވުމަށް މަސައްކަތްކުރާށެވެ. ތިމާއަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!
އެކަމަށް މަސައްކަތްކުރަން އޮތް މަގުވެސް ޙަދީޘްފުޅުން ފެންނަން އެބައޮތެވެ. ފުރަތަމަ ކަމަކަށް ނަހީކުރެއްވެވި ކަންތައްތަކާއި ދުރުހެލިވާށެވެ. ދެވަނަ ކަމަކަށް ފަރުޟުތަކަށް ރައްކައުތެރިވާށެވެ. ތިންވަނަ ކަމަކަށް ސުންނަތްތައް ކުރުން ގިނަކުރާށެވެ. ހަތަރުވަނަ ކަމަކަށް ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާށެވެ.
އެކަންކަމުގައި ކުރިއަރައިދެވުމުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެއެވެ. އެމީހަކަށް ބޭނުންވާ ކަންކަން ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ. އަދި އެކަމުގައި އިތުރަށް ކުރިއަރައި ދެވުމުން ކަމަކަށް ބޭނުންވެގެން ދުޢާކުރުމުގެ ކުރިންވެސް އެކަމެއް ހިންމަވައި ދެއްވަވާނެ ހިސާބަށް ދެވޭނެއެވެ. އިން ޝާ ﷲ
އެހިސާބަށް ދެވުމުން ތިމާއަށް ދެރައެއް ދެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. މަކަރުވެރިން ރާވާ ހުރިހާ ނުބައި ރޭވުންތަކުން އެމީހަކަށް ސަލާމަތްކަން ދެއްވަވާނެތެވެ. އިން ޝާ ﷲ. އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާއީ "އަލްޢަލީމް" އެވެ. ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ވީމާ ތިބާއާއިމެދު މަކަރުވެރިން ރާވާ ކަންކަންވެސް ދެނެވޮޑިގެންވެއެވެ.
- ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން