އެއްވެސް މީހަކު ދަތިޙާލެއްގައި ޖެހިގެން ކަމަކު އެދެން ތިމާގެ ގާތަށް އަތުވެއްޖެނަމަ އޭނާއަށް މަރުޙަބާ ކިޔައި ފުރިހަމަ ގޮތުގައި މެހްމާންދާރީ އަދާކުރާށެވެ! އެހެނީ އޭނާ އެއައީ ﷲ ގެ ޙަޟްރަތުން ރަޙްމަތް ހިފައިގެންނެވެ. މާނައަކީ އޭނާގެ ބޭނުން ފުއްދައިދިންނަމަ ﷲ ތަޢާލާ ތިބާއަށް ރަޙްމަތް ލެއްވެވުމެވެ. ކިރިޔާވެސް ގޮތެއް އެވެމެ އޭނާގެ ބޭނުން ފުއްދައި ނުދެވުމުން ގެއްލިގެން އެދިއައީ ﷲ ތަޢާލާ ތިބާއަށް ދެއްވެވި ފުރުޞަތެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅެވެ.
ވީމާ ބުނެލަން އޮތީ ﷲ ތަޢާލާގެ ރަޙްމަތްފުޅު ލިބެންއޮތީ ގިނަ ތަކެތި ގަތުމަކުން ނޫނެވެ. ގިނައިން ހޭދަކުރުމުންނެވެ. ވީމާ މަސައްކަތްކުރަންވީ ވީހައި ގިނަ ތަކެތި ގަތުމަކަށް ނޫނެވެ. ގަތުން މަދުކޮށް ހޭދަކުރުން ގިނަކުރުމަށެވެ.
ގިނަބައަކު ދިރިއުޅުމުގައި ޚަރަދުތައްކުރަމުން ގެންދަނީ ބެލުމެއް ނެތިއެވެ. ނަތީޖާއަކަށްވަނީ ފައިސާ ލިބުނު ނަމަވެސް އެހެން މީހަކަށް ދިއްކޮށްލާނެ އެއްވެސް އެއްޗެއް އަތުގައި ނެތުމެވެ. އަދި ތިމާގެ އަމިއްލަ އެތައް ބޭނުމެއްވެސް ނުފުއްދިފައި ހުންނަން ޖެހުމެވެ. އާޚިރު ނަތީޖާއަކަށްވަނީ ކަންކަމުގައި އެދިގެން ތިމާގާތަށް އަންނަ މީހުންނަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދެވުމެވެ. އެއިރުންއެވަނީ ކިހިނަކުންކަން އެނގޭހެއްޔެވެ؟
މިއަދުގެ ޢާންމު ޙާލަތަށް ބަލައިފިނަމަ މުއްސަނދިންނަށްވުރެ ފަޤީރުން މާތަނަވަހެވެ. މިހުން ބުނަން މިޖެހެނީ ތަނަވަސް މީހުންގެ ގޭގެއަށް ކަންކަމުދިއުމުން ހުސްއަތާ ފޮނުވައިލާ މީހުންގެ އަދަދަށްވުރެ އާދައިގެ ނިކަމެތިން މީހުންނަށް އެހީތެރިވާ މިންވަރު ގިނަވުމެވެ. އެހެން އެވަނީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ބަލައިލުމެއް ނެތި ޚަރަދުތައްކުރާތީއެވެ.
ޢާންމު މީހުންނާއި ވާހަކަދައްކައި އުޅޭ މީހުންގެ ނިޞްބަތަށް ބެލި ނަމަވެސް ގިނައިން މީހުންނާއި ވާހަކަދައްކަނީ ފަޤީރުންނެވެ. މުއްސަނދިން އަބަދުވެސް ތިބޭނީ މީހަކު ކަމަކު ކިޔައިފާނެކަމަށް ބިރުންނެވެ. ފަޤީރެއްގެ ގެއަށް ބޯދިއްކޮށްލަންވެސް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ފަޤީރުން އެމީހުން ދަންނަ މީހުންގެ ގޭގެއަށް ވަންނާނެއެވެ. އަވަށްޓެރިންގެ ގޮތަކަށްވެސް ވަދެ ވާހަކަދައްކައި ޙާލުއަހުވާލު އޮޅުންފިލުވާނެއެވެ.
މިފަދަ ހުރިހާ ކަންކަން ގޮސް މިހުއްޓެނީ އެއްދިމާއަކަށެވެ. އެއީ ކުރެވޭ ބޭކާރުޚަރަދުތަކާއިދިމާއެވެ! ﷲ ތަޢާލާގެ ރަޙްމަތް ލިބިނުގަނެ ދޫކޮށްލަން ޖެހެނީވެސް ހަމަ އެސަބަބާއިހުރެއެވެ. ވީމާ ކިތަންމެ ގިނައިން ފައިސާ ލިބުނު ނަމަވެސް ކޮންމެހެން ކުރަން ޖެހޭ ޚަރަދެއް ނޫނީ ނުކުރާށެވެ!
އަދި މީސްތަކުންނަށް އެހީތެރިވުން އިތުރުކުރާށެވެ! ނިންމާލަމުންވެސް ބުނެލަން އޮތީ ﷲ ތަޢާލާގެ ރަޙްމަތްފުޅު ލިބެންއޮތީ ގިނައިން ތަކެތި ގަތުމަކުން ނޫނެވެ. ﷲ ތަޢާލާގެ މަގުގައި ގިނައިން ހޭދަކުރުމުންނެވެ. ވީމާ މަސައްކަތްކުރަންވީ ވީހައި ގިނަ ތަކެތި ގަތުމަކަށް ނޫނެވެ. ގަތުން މަދުކޮށް ހޭދަކުރުން ގިނަކުރާށެވެ!
--ނޫމާން ޢަލީ ޚާންގެ ދަރުސަކުން