ﷲ ގެ މަގުގަ ޘާބިތުވުމަށް ނަޞީޙަތްދެން އަދި އަމުރުކުރަންޖެހޭ ޙާލަތުގަ އަމުރުކުރަން ފަސްނުޖެހޭށެވެ! އެއީ ކޮންމެ މުސްލިމަކަށްވެސް އޮތް ވާޖިބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 11މ 20ސ
ﷲ ގެ މަގުގަ ޘާބިތުވުމަށް ނަޞީޙަތްދެން އަދި އަމުރުކުރަންޖެހޭ ޙާލަތުގަ އަމުރުކުރަން ފަސްނުޖެހޭށެވެ! އެއީ ކޮންމެ މުސްލިމަކަށްވެސް އޮތް ވާޖިބެއް!

އަޅުގަނޑަކީ ޢާއިލާގެ އެންމެ ހަގު ކުއްޖާއެވެ. ދޮށްޓަށް ތިބި ކުދިން ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިނުވާނަމަ އެމީހުންނަށް ނަޞީޙަތްދީ އަމުރުކުރުމަކީ އަޅުގަނޑަށް ކުރެވިދާނެ ކަމެއްތޯ؟  

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ 

ހަމަކަށަވަރުން ﷲ އަށް އީމާންވެ، ﷲ ގެ މަގަށް މީސްތަކުންނަށް ގޮވާލާ، ނަޞޭޙަތްތެރިވެ، ހެޔޮކަންތަކާއި ތަގްވާވެރިވުމުގައި އެކަކު އަނެކަކަށް ވާގިވެރިވެ، ކެތްތިރިވުމަށާއި ޙައްގަށް އެކަކު އަނެކަކަށް ވަޞިއްޔަތްކޮށް، މީސްތަކުންގެ ތެރޭގައި ހެޔޮކަމުގެ ދަންމަރުފަތުރަން މަސައްކަތްކޮށް، ނުބައިކަންކަން މުޖްތަމަޢުން ފޮހެލުމަށް މަސައްކަތް ކުރުމަކީ މިއުއްމަތުގެ އެންމެ މާތް މަތިވެރި އެއް ޞިފަ އެވެ. އެހެން އުއްމަތް ތަކަށްވުރެ މުހައްމަދުގެފާނުގެ އުއްމަތް ތަފާތުވެ މަތިވެރިވާން ޖެހުނު ސަބަބެވެ. 

މާތް ﷲ ވަޙީ ކުރެއްވިއެވެ.

(كُنتُمْخَيْرَأُمَّةٍأُخْرِجَتْلِلنَّاسِتَأْمُرُونَبِالْمَعْرُوفِوَتَنْهَوْنَعَنِالْمُنكَرِوَتُؤْمِنُونَبِاللَّـهِ ۗوَلَوْآمَنَأَهْلُالْكِتَابِلَكَانَخَيْرًالَّهُم ۚمِّنْهُمُالْمُؤْمِنُونَوَأَكْثَرُهُمُالْفَاسِقُونَ   )آلعمران: ١١٠ 

މާނައަކީ: "ތިޔަބައިމީހުންނީ (މުހައްމަދުގެފާނުގެ އުއްމަތުގެ މީހުން) މީސްތަކުންނަށް ފާޅުވި އެންމެ ރަނގަޅު އުންމަތެވެ. ސަބަބަކީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކޮށް، ﷲ އަށް އީމާންވީތީއެވެ". 

އެހެންކަމުން ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކުރުމަކީ މި އުއްމަތުގެ އެންމެ މަތިވެރި ކަން ރަމްޒުކޮށްދޭ އެއް ނިޝާނެވެ. އަދި އެެއީ ނަބިއްޔުންނާއި ރަސޫލުން އަދި މުޞްލިޙުންގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތެވެ. އެހެންކަމުން ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމަކީ އިސްލާމް ދީނުގެ ހަވަނަ ރުކުނެވެ. އެއީ، އެކަމުގައި އެކުލެވިގެންވާ ފަޟްލުވަންތަ ކަމުގެ ބޮޑު ކަމުންނެވެ. އަދި އެކަމުން ލިބިދޭ ފައިދާ އާއި ހެޔޮކަމުގެ ބޮޑު ކަމުންނެވެ. އަދި އެކަން ދޫކޮށްލައިފިނަމަ މުޖްތަމަޢުގައި ހިނގާނެ، އަދި ޢާއްމުވެގެންދާނޭ ނުރަގަޅު ކަންތައްތަކެއްގެ ސަބަބުންނެވެ. އޭގެ ސަބަބުން މާތް ﷲ ގެ ކޯފާއާއި ޢުގޫބާތް ވަކި މީހަކަށް ޚާއްޞަނުވެ، އެންމެންނަށް ޢާއްމުވާ ގޮތަށް އަތުވެދާނެއެވެ.  

ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކުރުމަކީ އީމާންކަމުގެ ޢަލާމާތެކެވެ. 

ހަމަކަށަވަރުން ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކުރުމަކީ  އީމާންކަމުގެ ޢަލާމާތެކެވެ.  އަދި އެކަންދޫކޮށްލުމަކީ މުނާފިގުކަމުގެ ޢަލާމާތެކެވެ. މާތް ﷲ ވަޙީ ކުރައްވައެވެ.

الْمُنَافِقُونَوَالْمُنَافِقَاتُبَعْضُهُممِّنبَعْضٍ ۚيَأْمُرُونَبِالْمُنكَرِوَيَنْهَوْنَعَنِالْمَعْرُوفِﭼالتوبة:

٦٧މާނައަކީ: "މުނާފިގު ފިރިހެނުންނާއި، މުނާފިގު އަންހެނުންނީ، އެބައިމީހުންގެ އެއްބައެއްގެތެރެއިންވާ އަނެއް ބައެކެވެ. އެބައިމީހުން ނުބައިކަންތަކަށް އަމުރުކުރެއެވެ. އަދި ހެޔޮކަންތައް ނަހީކުރެއެވެ". 

އަދިވެސް ވަޙީކުރައްވައެވެ.

وَالْمُؤْمِنُونَوَالْمُؤْمِنَاتُبَعْضُهُمْأَوْلِيَاءُبَعْضٍ ۚيَأْمُرُونَبِالْمَعْرُوفِوَيَنْهَوْنَعَنِالْمُنكَرِﭼالتوبة: ٧١

މާނައަކީ: "މުއިމިނު ފިރިހެނުންނާއި، މުއިމިނު އަންހެނުންނަކީ، އޭގެތެރެއިން އެއްބަޔަކު އަނެއްބައެއްގެ އެހީތެރި އެކުވެރީން ކަމުގައިވާ ބައެކެވެ. އެބައިމީހުން ހެޔޮކަންކަމަށް އަމުރުކުރެއެވެ. އަދި، ނުބައިކަންކަން ނަހީކުރެއެވެ". 

ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމަކީ ޢަދުއްވުންގެ މައްޗަށް ނަޞްރުލިބި، ބިންމަތީގައި ބާރުގަދަ ކުރުމަށް މެދުވެރިވާ ކަމެކެވެ. ﷲ ވަޙީކުރެއްވިއެވެ.  

وَلَيَنصُرَنَّاللَّـهُمَنيَنصُرُهُ ۗإِنَّاللَّـهَلَقَوِيٌّعَزِيزٌ﴿٤٠﴾الَّذِينَإِنمَّكَّنَّاهُمْفِيالْأَرْضِأَقَامُواالصَّلَاةَوَآتَوُاالزَّكَاةَوَأَمَرُوابِالْمَعْرُوفِوَنَهَوْاعَنِالْمُنكَرِ ۗوَلِلَّـهِعَاقِبَةُالْأُمُورِ‌ﭼالحج: ٤٠٤١ 

މާނައަކީ: "އަދި ހަމަކަށަވަރުން ﷲ އަށް ނަޞްރުދޭބަޔަކަށް ﷲ ނަޞްރުދެއްވާނެކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން ﷲ އީ ކީރިތިވަންތަ ބާރުވެރިވަންތަ އިލާހެވެ. އެބައިމީހުންނީ އެބައިމީހުންނަށް ތިމަން ﷲ ބާރުދެއްވައިފި ހިނދެއްގައި ނމާދުކޮށް ޒަކާތްދީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކޮށް އުޅޭމީހުންނެވެ. ކަންތަކުގެ ނިމުންވަނީ ﷲ އަށް މިލްކުވެގެންނެވެ". 

ޖުމްލަގޮތެއްގައި ބުނާނަމަ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމަކީ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އެންމެ ވާޖިބުކަންބޮޑު،އެންމެ ޙައްގުކަން ބޮޑު ލާޒިމް ކަންތަކެވެ. މިކަން ކީރިތި ގުރްއާނުންނާއި ރަސޫލް ޞައްލަﷲ އަލައިހި ވަސައްލަމްގެ ޙަދީޘް އިން ޘާބިތުވެއެވެ. ﷲ ވަޙީކުރައްވައެވެ.

وَلْتَكُنمِّنكُمْأُمَّةٌيَدْعُونَإِلَىالْخَيْرِوَيَأْمُرُونَبِالْمَعْرُوفِوَيَنْهَوْنَعَنِالْمُنكَرِ ۚوَأُولَـٰئِكَهُمُالْمُفْلِحُونَﭼآلعمران: ١٠٤

މާނައަކީ: "ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށް، ހެޔޮކަމުގެ މަގަށް ގޮވައިއުޅޭބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ. ދިންނަވައި ނަޞީބުލިބޭ ބަޔަކީ އެބައިމީހުންނެވެ". 

އަބޫސަޢީދުލް ޚުދްރީ-ރަޟިޔަﷲ ޢަންހު- ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ގެ ކިބައިން ރިވާކުރެއްވި ޙަދީޘެއްގެ މާނާގައިވެއެވެ. "ތިޔަބައިމީހުންކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ އެކަމެއް އަތުން މަނާކުރާ ހުށިކަމެވެ. އެކަމަށް ކުޅަދާނަކަން ލިބިގެންނުވާ މީހާ ދުލުން މަނާ ކުރާ ހުށި ކަމެވެ. އެކަމަށްވެސް ކުޅާދާނަކަން ލިބިގެން ނުވާ މީހާ ހިތުންމަނާކުރާ ހުށި ކަމެވެ. އެއީ އީމާންކަމުގެ އެންމެ ދަށު ދަރަޖަ އެވެ". 

ޙުޛައިފާ ބިން އަލްޔަމާން-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ- ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކުރާށެވެ. އަދި ނުބައިކަންތައް ނަހީކުރާށެވެ. ނޫންނަމަ އެންމެންގެ މައްޗަށް ޢާއްމުވެގެންވާ ކޯފާ އެއް އަތުވެދާނެއެވެ.  ދެން ތިޔަބައިމީހުން ދުޢާ ކުރުމަކުން ފައިދާއެއް ނުކުރާނެއެވެ".

އިންސާނެއްގެ ހަށިގަނޑުގައިބައްޔެއްވެ، އެކަމަށްބޭސް ކުރުމުގައި ފަރުވާ ކުޑަ ކުރެވިއްޖެނަމަ، ބަލިދާނީ ދުވަހުން ދުވަހަކަށް ބޮޑުވަމުންނެވެ. އަދި ދުވަސްވުމަށްފަހުގައި ބޭސްކުރަން އުޅުނަސްވެސް ބަލި ރަގަޅުވުން ލަސްވާނެއެވެ. ހަމައެފަދައިން މުޖްތަމަޢުގައި ފެތުރިފައިވާ ބަލިތައްވެސް ނުވަތަ މުންކަރާތްތައްވެސް އޭގެ އެންމެ ކުރީކޮޅުގައި ރަގަޅުކުރަން އުޅެފިނަމަ އެކަންކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެހެންނަމަވެސް، ފަރުވާކުޑަކޮށްލެވި، ދޫކޮށްލެވުމަށްފަހުގައި ފަރުވާކުރަން އުޅުނުކަމުގައިވީނަމަވެސް ވަގުތު ފާއިތުވެއްޖެނަމަ ދެން ކުރާނެ އަޘަރު ކުޑަވާނެއެވެ.   

ކީރިތި ރަސޫލާ- ޞައްލަﷲ އަލައިހި ވަސައްލަމަ- މިކަމަށް މިޘާލް ޖައްސެވީ ދެބުރިއަށް ހުރި އޮޑިއެއްގެ މިޘާލުންނެވެ. އެއްބަޔަކު އޮޑީގެ މަތީގައި ތިބިއިރު އަނެއްބަޔަކު ތިބީ އޮޑީގެ ތިރީބައިގައެވެ. ތިރީގައިތިބިމީހުން ފެނަށް ބޭނުންވެއްޖެނަމަ ދާންޖެހެނީ މައްޗަށެވެ. އެހެންކަމުން އެމީހުން ސައްލާކޮށް ނިންމީ މައްޗަށް ދިޔުމުގެ ބަދަލުގައި ތިރީގައި ލޯވަޅެއް ތޮރުފާށެވެ. އޭރުން މަތީ ތިބިމީހުންނަށް ގޯނާނުކޮށްވެސް ވާނެކަމަށް ބަލާފައެވެ. އެކަން އެގޮތަށް ކުރުމަށް ދޫކޮށްލައ، މތީގައި ތިބި މީހުން އެކަން މަނާނުކޮށްފިނަމަ އެންމެން އެއްކޮށް ޣަރަގުވެގެން ދިޔައީއެވެ. އެހެންނަމަވެސް ތިރިީގައި ތިބިމީހުން ކުރަން އެއުޅޭކަންތައް ހުއްޓުވައިފިނަމަ އެންމެންނަށް ވެސް ސަލާމަތްކަން ލިބުނީއެވެ.  

ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ މަސްއޫލިއްޔަތަކީ ހުރިހާ މުސްލިމުންގެ މައްޗަށް އޮތް ކަމެކެވެ. ވަކިބަޔަކަށް ޚާއްޞަވެފައިވާ ކަމެއް ނޫނެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ކުޅަދާނަކަން ހުރިވަރަކުން ކުރަންޖެހޭ ކަމެކެވެ. ޢިލްމުވެރިންނާއި ކަމުގެ އަހުލުވެރިންގެ މައްޗަށް ލާޒިމްކަން ބޮޑެވެ. ޢާއިލާ އެއްގައި ނަމަ ބައްޕަގެ މަސްއޫލިއްޔަތެކެވެ. ކިޔަވައިދޭ ކްލާސްރޫމްތެރޭގައި ނަމަ މުދައްރިސްގެ މަސްއޫލިއްޔަތެކެވެ. މިހެންގޮސް ކޮންމެ މީހަކުވެސް އެމީހެއްގެ މަޖާލުގައެވެ. ރަސޫލާ-ޞައްލަﷲ އަލައިހިވަސައްލަމަ- ގެ ޙަދީޘެއްގެ މާނާގައިވެއެވެ. "ކޮންމެ މީހަކީ ވެސް މަސްްއޫލިއްޔަތެއް އުފުއްލަން ޖެހޭ މީހެކެވެ. އަދި ކޮންމެ މީހަކީ ވެސް އެމީހެއްގެ މަސްއޫލިއްޔަތާއި މެދު ސުވާލުވެވޭނެ މީހެކެވެ". 

އެހެންކަމުން މިކަން ފުރިހަމަ ކުރުމަށްޓަކައި އެންމެން އެކުގައި އަތުކުރިއޮޅާލަން އެބަޖެހެއެވެ. އިޚްލާޞްތެރި ހިތަކައިގެން ތެދުވަން ޖެހެއެވެ. ޙިކްމަތާއި ހެޔޮނަޞޭހަތް އަދި އޯގާތެރިކންެ ބޭނުން ކުރަންޖެހެއެވެ. ހަރުކަށިވާން ޖެހިއްޖެ ޙާލަތެއްގައި ހަރުކަށިވެސް ވާންޖެހެއެވެ.  

ޚުލާޞާ އެއްގެ ގޮތުން ދަންނަވަމެވެ. ކޮއްކޮ ނުވަތަ ދައްތަ ކަމުގައިވީނަމަވެސް ބުރުގާ އެޅުވުމަކީ ބައްޕަ އާއި ޢާއިލާގެ ޛިންމާ އެކެވެ. ބޮޑެއްޗަށް ތިބި ބޭބެމެން އެކަން ނުކުރީއްޔޭ ކިޔާފައި ކުޑަޔަށް ތިބި މީހުންގެ ޛިންމާ ބަރީއަ އެއް ނުވާނެއެވެ. واللهأعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން