ބައެއް މީހުން، ކިތަންމެ ގާތް އެކުވެރިންގެ ގޮތުގައި އުޅެމުންވެސް އެހެންމީހުންގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވައި ދޮގު ވާހަކަތައް ފަތުރަނީ އެއްވެސް ޙަޤީޤަތެއް ނެތިއެވެ. އެއީ އުފަލެއް ކަމަށް ދެކެގެން އެކަންކުރާ ބައަކުވެސް އުޅެއެވެ. އެކަންކުރުމުން ޤިޔާމަތް ދުވަހު ތިމާއަށް ދެއްވަވާނެ ބޮޑު ނިކަމެތިކަމާއިމެދު ވިސްނައިވެސް ނުލެވެނީއެވެ.
އެމީހަކާއިމެދު މީސްތަކުން ދޮގުވާހަކަތައް ދައްކާނަމަ، ޙައްޤު ނޫން އިލްޒާމްތައް އަޅުވާނަމަ ކޮންމެ މީހަކުވެސް ކަންބޮޑުވާނެއެވެ. ދެރަވެ ހިތާމަވެސްކުރާނެއެވެ. ބައެއް މީހުން މާޔޫސްވެ ރުޅިވެސް އައުދެއެވެ.
ނަމަވެސް ކޮންމެ މުސްލަމުވެސް ޤަބޫލުކުރަންވީ އެކަންކަން މީހުން ކުރާނެ ކަމެވެ. އެއީ ވެސް އިމްތިޙާން ކުރެއްވެވުމަށެވެ. ވީމާ ރަނގަޅަށް ވިސްނައިލާށެވެ!
އަހަރެމެންނަކީ ކޮންމެ ކަމެއްގައިވެސް ރަސޫލް ﷺ ގެ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓަންޖެހޭ ބައެކެވެ. ﷲ ތަޢާލާ އުފެއްދެވި އެންމެ މާތް މަޚްލޫޤް، އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ އަށްވެސް މީސްތަކުން ހަމައެފަދައިން ކަންކަން ކުރިއެވެ. ދޮގު އިލްޒާމްތައް އެޅުވުމާއި ބަދުނާމް ކުރުމުގައި ހައްދުފަހަނައަޅައިދިއައެވެ.
ރަސޫލް ﷺ ގެ ސުންނަތުގައި ހިފަހައްޓަން އަހަރެމެންނަށް ކުރަން އޮތް ކަމަކީ އިތުރު އެކަލޭގެފާނު ﷺ އާއިމެދު އެފަދައިން ޢަމަލުކުރުމުން ކަންތައްތައް ކުރެއްވެވި ގޮތެވެ. އެއިރުން އަހަރެމެންނަށް އެކަމުގެ ދަރުމަ ﷲ ތަޢާލާ ދެއްވަވާނެތެވެ.
ބުނަން އޮތީ އަޑުއަހަން ކުޑަކޮށް އުނދަގޫވެދާނެ ވާހަކައެވެ. މީހަކު ތިބާ އާއިމެދު އެފަދައިން ކަމެއްކޮށްފިނަމަ ﷲ ތަޢާލާއަށް ޝުކުރުވެރިވާށެވެ. އަލްޙަމްދުލިﷲ ކިޔުމަށް އަވަސްވެގަންނާށެވެ! އެއީ އޭނާ އެކު އަމަލުގެ ސަބަބުން ތިބާއަށް ދެއްވަވާނެ މަތިވެރި ނިޢްމަތް ލިބިގަތުމަށް އަވަސްވެގަތުމުގެގޮތުންނެވެ.
މީސްތަކުންނޭވެ! އެބައަކު ތިބާއަށް ނުބައިބަސްތައް ބުނެ ދޮގުވާހަކަތައް ނުފަތުރާނަމަ އެކަމަސް ކެތްތެރިވުމުގެ ސުންނަތަށް ތިބާއަށް އަމަލުކުރުމުގެ ފުރުޞަތު ލިބޭނީ ކިހިނަކުންހެއްޔެވެ؟ ވީމާ އެފުރުޞަތު ﷲ ތަޢާލާ ދެއްވެވިކަމަށްޓަކައި އެކަލާނގެއަށް ހާސްފަށުން ޝުކުރުވެރިވާށެވެ!
ﷲ ތައާލާ ވަނީ މީސްތަކުން ކުރާ އެބާވަތުގެ ޢަމަލުތަކަށް ކެތްތެރިވާން އަންގަވައިފައެވެ. މީހަކު އެކަން ނުކުރާނަމަ އެ އެންގެވުމަށް ޢަމަލުކުރެވޭނީ ކިހިނަކުންހެއްޔެވެ؟ ވީމާ މީހުން ކުރާ އެބާވަތުގެ ކަންކަމާއި ދެރަވުމެއް ނެތެވެ. އޮތީ އުފާކުރުމެވެ. ﷲ އަށް ޝުކުރުވެރިވުމެވެ.
--މުފްތީ މެންކުގެ ދަރުސަކުން