މިރޭ ފުރަތަމަ މިދެއްކީ ދެވަނަ އަނބިމީހާއަށް އޭނާގެ ކުށެއް ނެތި ދޮށީ އަނބިމީހާގެ ކިބައިން ނިކަމެތި ގޮތްތައް މެދުވެރިވާތީ އެކަމުގެ ވާހަކައެވެ. ދެން ބަހެއް ބުނެލަން ބޭނުންވަނީ ފިރިންނަށެވެ.
ތިމާގެ އަނބިމީހާގެ ކުށެއްނެތި ތިމާގެ މަންމަގެ ކިބައިން ގެވެށި އަނިޔާ ލިބޭނަމަ އިންޞާފަށް ޢަމަލުކޮށް އެކަން ހުއްޓުވަން ޖެހޭ ފަދައިން ދެވަނަ އަނބިމީހާއާއިމެދުގައިވެސް ޢަމަލުކުރަންޖެހޭނެއެވެ. ދެވަނަ އަނބިމީހާގެ ކުށެއް ނެތި އޭނާއަށް ނުބައިބަސްތައް ބުނެ ހިތުގައި ޖައްސުވާނަމަ އެކަންވެސް ހުއްޓުވަން ޖެހޭނެއެވެ.
އިސްލާމް ދީނުގައި އޮތީ ކޮންމެ ކަމެއްގައިވެސް ޢަދުލުވެރިވުމެވެ. ބަލަންޖެހޭނީ ކުށްކުރި މީހާއަކަށް ނޫނެވެ. އެމީހަކު ކުރިކުށަށެވެ. ކުށްކުރީ މައިންބަފައިން ނަމަވެސް ހަގު އަނބިމީހާނަމަވެސް އަދި ދޮށީ އަނބިމީހާ ނަމަވެސް ކަންކަން ފައިޞަލާކުރަންޖެހޭނީ ޢަދުލުވެރިކަމާއިއެކުގައެވެ. ބަސްބުނަންވާނީވެސް ކަންކުރަންވާނީވެސް ޙައްޤަށެވެ.
ހަމަ އެއާއިއެކު ދަންނާށެވެ! އަނބިމީހާ އެއިންނަނީ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައެވެ. އެމީހެއްގެ ބެލެނިވެރިކަމުގެދަށުގައި ތިބޭބައަކަށް ޙިމާޔަތާއި ރައްކައުތެރިކަން ފޯރުދޭންޖެހޭނެއެވެ. ހިތުގައި ޖެހޭނެ ފަދަކަންކަން މެދުވެރިވާނަމަ އެކަމެއް ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެއެވެ. އެއްވެސް މީހަކަށް އަނިޔާލިގެން ދޫކޮށްލައިގެން ނުވާނެއެވެ. ހަގު އަނބިމީހާގެ ކިބައިން ދޮށީއަނބިމީހާއަށް އަދި ދޮށީ އަނބިމީހާގެ ކިބައިން ހަގުއަނބިމީހާއަށްވެސް އަނިޔާލިބެން ދޫކޮށްލައިފިނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ. އެއީ ފާފަވެރިވާނެ ޢަމަލެކެވެ.
ވީމާ އެގޮތަށް އެކަން ނުކުރެވޭނަމަ އެމީހަކީ އިތުރު އަނބިން ގެންގުޅެން ޝަރުޠުހަމަވާ މީހަކަށްނުވާނެއެވެ. ރަނގަޅުވާނީ އެކަކާއިއެކު ދިރިއުޅުމެވެ. މިހުރީ ހަމަ ކޮންމެ ފިރިހެނަކުވެސް ވިސްނައި ތިމާގެ ރައްކައުތެރިކަން ހޯދަންޖެހޭނެ ކަންކަމެވެ. އާޚިރަތް ދުވަހަށް ބިރުވެތިވާށެވެ! އެދުވަހަކީ މީސްތަކުންގެ މައްޗަށް ﷲ ތަޢާލާ ޢަދުލުވެރިކަމާއިއެކު ޙުކުމްކުރައްވަވައި ޖަޒާ ދެއްވަވާނެ ދުވަހެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން