ފާހަގަކޮށް މިލަނީ މިހާރަކަށް އައިސް ވަރަށް ގިނައިން ޝަކުވާ ލިބެމުން އަންނަ ކަމެއްގެ ވާހަކައެވެ.
ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރަން ބޭނުންވުމުން އެކަމަށް ރުހެއެވެ. އެއްބާރުލުން ދޭނެ ކަމަށްބުނެއެވެ. އެކަން އެއަންހެންމީހާއަށްވެސް އަންގައެވެ. އަންހެން މީހާގެ ގާތުގައި ފިރިމީހާ އާއި ކައިވެނިކުރުމުން ގުޅިގެން އުޅޭނެ ކަމަށްވެސް ބުނެއެވެ. އެހެންވެ ކައިވެނިކުރަނީ މައްސަލައެއް ނުޖެހި ދިރިއުޅެވޭނެ ކަމުގެ އުންމީދުގައެވެ.
ނަމަވެސް ކައިވެނިކޮށް ދެވަނަ އަނބިމީހާއިއެކުގައި ދެރެއިން އެއްރޭ ރޭކުރަން ފަށާހިސާބުން ދޮށީ އަނބިމީހާއަށް އެކަންވަނީ ވަރަށް ބޮޑު މައްސަލައަކަށެވެ. އެހިސާބުން ނަފްރަތުކުރަން ފަށައެވެ. ދެވަނަ އަނބިމީހާއަށް ނުބައި ބަސްތައްވެސް ބުނަން ފަށައެވެ. ބަދުދުޢާކުރަންވެސް ފަށައެވެ. ބައްދަލުވިޔަސް އެއްޗެތި ގޮވައިވެސް ހަދައެވެ. ދެމަފިރިންގެ ދެމެދަށް ވަދެގަތީކަމަށްބުނެ ނަފްރަތުގެ ބަސްތައްވެސް ބުނެއެވެ.
ލޮބުވެތި އެކުވެރިންނޭވެ! މިއީ ވަރަށް ގޯސްކޮށް ކުރެވޭ ކަންކަމެވެ. ޚާއްޞަކޮށް ތިމާ ރުހުން ދީގެން ދެވަނަ ކައިވެނި ކުރީމާ މިގޮތަށް ކަންކަން ކުރުމަކީ ދެވަނަ އަނބިމީހާއަށް ކުރެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އެއަނިޔާތަކަށް ﷲ ތަޢާލާ އެމީހަކަށް ޖަޒާދެއްވަވާނެތެވެ.
ދެން މިބުނެދެނީ ޘަވާބު ހޯދެން އޮތް ކަމެކެވެ. މިޘާލަކަށް ދެވަނަ އަންތބަކު ހޯދިނަމަވެސް ބައެއް ފިރިން ފުރަތަމަ ކޮޅު ޖެހިލުންވެ ދެވަނަ އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކޮށް ތިބެއެވެ. އެޙާލަތުގައި ފިރިމީހާއަށް ހިތްވަރުދޭށެވެ. ދެއަނބިންގެ މެދުގައި ހަމަހަމަކުރަން ބާރުއަޅާށެވެ. އެކަމަށް ﷲ ތަޢާލާ އެމީހަކަށް ޘަވާބު ދެއްވަވާނެތެވެ. އަދި އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
ތަކުރާރުކޮށްލާނަމެވެ. ދެވަނަ އަނބިމީހާގެ ކުށެއް ނުފެންނަހައި ހިނދަކު އޭނާއަކީވެސް ތިމާފަދަ އަންހެނަކުކަން ދަންނަންވާނެއެވެ. ހެޔޮކޮށް ހިތަންވާނެއެވެ. ގުޅިގެން އުޅެންވެސް މަސައްކަތްކުރަންވާނެއެވެ. އެއީ ދޮށީ އަނބިމީހާގެ ދަރަޖަ މަތިވެރިވަމުންދާނެވެސް ކަމެކެވެ.
ޝަރުޠު ހަމަވާނަމަ ދެވަނަ ކައިވެނިކުރުމަކީ ފިރިމީހާގެ އިޚްތިޔާރުގައި އޮތްކަމެކެވެ. އަހުރެން މިފާހަގަކުރީ އެހެންކަމާއިއެކުވެސް ދޮށީ އަނބިމީހާގެ ރުހުން ހޯދައިގެން މަޞްލަޙަތު އެންމެ ރަނގަޅު ގޮތަށް ދެއަންތބަށް ކައިވެނިކުރާ ހެޔޮލަފާ ފިރިހެނުންނާއި އަންހެނުންގެ ވާހަކައެވެ. އެނޫން މީހުންގެ ކަންކަމުގައި ބަސްބުނެވޭނީ އެކަމުގެ ޙާލަތަށް ބަލައިގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން