އަޅުގަނޑުމެންގެ ކައިވެންޏަށް މިހާރު 8 އަހަރުވެއްޖެއެވެ. 3 ދަރިން އެބަތިއްބެވެ. ފިރިމީހށާއަކީ އަމިއްލަ މަސައްކަތުން އުޅޭ މީހެކެވެ. ވީމާ ފުދޭވަރެއްގެ ތަނަވަސްކަމެއްވެސް ވަނީ ލިބިފައެވެ.
ދެމީހުން ކައިވެނިކުރިއިރު 2 މީހުންވެސް އައީ ވަޒީފާއަދާކުރަމުންނެވެ. އަމިއްލަ މަސައްކަތެއް ފަށަން ހިތްވަރުދީ މަގުފަހިކޮށްދިނީ އަޅުގަނޑެވެ. ދެމީހުންގެ އަތުގައި ހުރި ސޭވިންގސް އެއްކޮށްލައިގެންވެސް ނުފުދުނީމާ ލޯނެއް ހޯދަން މޯގޭޖްކުރީ އަޅުގަނޑަށް ބައްޕަގެ ކިބައިން ލިބިފައި އޮތް ބިންކޮޅެކެވެ.
އެކަމަކު މިއަދު އުޅެނީ ލޯބިވެރިއަކު ހޯދައިގެންނެވެ. ދެމީހުންގެ ނަންމަތީގައި ކުންފުނި އޮންނާތީ ކުންފުނިވެސް އޭނާގެ ނަމަށް ބަދަލުކުރަން ވެސް އެބަ މަސައްކަތްކުރެއެވެ. އެކަން ނުކުރެވިގެން އުޅެނީ އަޅުގަނޑު އެއްބަސްނުވެގެންނެވެ.
ފިރިމީހާއަށް މި ބަދަލުތައް އައީ ދަރިން ލިބުމުން އަޅުގަނޑު ގޭގައި ހުންނަން ފެށުމުންނެވެ. އޮފީހުގައި އޭނާއާއިއެކު ވަޤުތު ހޭދަކުރާ ސެކެޓްރީ އާއި ދެމީހުން ގުޅުނީއެވެ. ފިރިމީހާއަކީ ގިނަ ގޮތްގޮތުން ރަނގަޅު މީހެކެވެ. އެހެންވެ ވަރިވާކަށް ބޭނުމެއް ނޫނެވެ.
މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟
މިފަދަ ސުވާލުތައް އަބަދުހެން އަންނަނީ ލިބެމުންނެވެ. މިފަދަ ޙާލަތުގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބުނަން ސީދާ އުނދަގުލެވެ. ނަމަވެސް މައްސަލައެއް ކަމަށް ފާހަގަތިއަކުރަނީ ދެމީހުން އެކުގައި އުޅޭ ވަޤުތު މަދުވުންކަން އެބަ ފާހަގަކުރެވެއެވެ. އެކަމަށް ޙައްލެއް ހޯދޭނެ ގޮތަކަށް ކަންކަން ކުރެވޭތޯ ބަލާށެވެ! ކޮންމެވެސް ގޮތަކުން ފިރިމީހާއާއި އިތުރަށް ގާތްވެވޭނެ މަގެއް ވިސްނާށެވެ.
މިހެން ބުނަން މިޖެހެނީ ކުރިން 2 މީހުން މަސައްކަތުގައިނަމަވެސް އެކުގައި އުޅުނުއިރު ގުޅުން ރަނގަޅަށް އޮވެފައި ދަރިން ބަލަން ނަމަވެސް ގޭގައި އިންނަން ފެށުމުން މައްސަލަތައް ކުރިމަތިވީތީއެވެ.
އެކަމަކުވެސް ބުނެލަންޖެހޭ އަނެއް ކަމަކީ އޮފީހުގައި ގެންގުޅޭ މުވައްޒިފުންނާއި ގުޅުން ހިންގާ ޙާލަތަށް އަޚްލާޤީ ދަރަޖަ ވެއްޓިއްޖެ މީހަކަށް އެނުބައި އާދަދޫކޮށްލެވުމަކީ ވަރަށް ދުރުގައި އޮންނަ ކަމެކެވެ. ފިރިމީހާ ދެކެ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ދެން އެކުގައި އުޅެންވާނީ ތިއަޒާތުގެ ކޮޅިގަނޑުތައް އަބަދުވެސް ކުރިމަތިވާނެކަން ޤަބޫލުކޮށްގެންނެވެ.
ހަމައެއާއިއެކު އެވިޔަފާރީގެ އެއް ޙިއްޞާދާރަކީ އަނބިމީހާކަން އެނގޭއިރު، ތިމާއަށް މިކުރިއެރުން މިލިބުނީ އަނބިމީހާ ނަގައިދިން ލޯނަކުންކަންވެސް އެނގޭއިރު އެއަނބިމީހާއަށް އިޚްލާޞްތެރިކަމެއް ނެތް މީހެއްގެ ހިތުގައި އެއްވެސް މީހެއްގެ މައްޗަށް ރަޙްމެއް، ކުލުނެއް، ލޯތްބެއް ހަމްދަރުދީއެއް އޮންނާނެ ކަމަށްވެސް ނުބުލެވެއެވެ.
މިހުރިހާ ކަންކަމަށް ވިސްނައި ރަނގަލު ގޮތަކަށް ކަންކަން ނިންމަން މަސައްކަތްކުރާށެވެ! ފުރަތަމ ޗޮއިސްއަކީ ފިރިމީހާ އިޞްލާޙްވޭތޯ މަސައްކަތްކުރުން ކަމަށް ހަދާށެވެ. ނުވިނަމަ ލޯބިވުން އޮތްތަނުގަ ބާއްވާފައި ތިމާގެ އަމިއްލަ ދިރިއުޅުން ބާއްޖަވެރިކުރަން އިސްކަންދޭށެވެ.
- ޖަވާބު: އަލަފް