އެކަނި ދަތިޙާލުގައި ދަރިން ބަލަން މައިންނަށް ޖެހުމަކީ ލިބޭނެ އެންމެ ބޮޑު ނިކަމެތިކަންކަމުގައި ބެލެވެއެވެ. އެހެންވެ ވީހާ އަވަހަކަށް ކައިވެނިކުރަން ބޭނުންވެއެވެ. ޚާއްޞަކޮށް ދަތިޙާލުގައި އުޅެންޖެހިފައިވާނަމަ އެހީތެރިވާނެ ފިރިއަކަށް ބޮޑަށް ބޭނުންވެއެވެ. އެހެންކަމާއިއެކުވެސް އެންމެ ބޮޑަށް ބަަލންޖެހޭ ކަންކަމަށް ސަމާލުކަންދޭން އެބަޖެހެއެވެ.
ލޮބުވެތި ކަނބަލުންނޭވެ! ތިބާގެ ކައިވެންޏަށް އެދިގެން ޖިފުޓިއެއްގައި ދިރިއުޅޭ ފަޤީރަކު ހިނގައިދާނެއެވެ. އެއިރު ތިބާގެ އަންހެންދަރިއަކު ހުރެދާނެއެވެ. ބައަކު ކިތަންމެ ވަރަކަށް ރުޅިއައިނަމަވެސް ބުނަން އޮތް ބަހަކީ ޖިފުޓީގައި ދިރިއުޅޭ އެފަޤީރުމީހާއަކީ ގަނޑުވަރެއްގައި ދިރިއުޅޭ ތަނަވަސް މީހާއަށްވުރެ ތިބާ ބަލަހައްޓައި އަދި ތިބާގެ ދަރިފުޅަށް ޙިމާޔަތާއި ރައްކައުތެރިކަންދޭނެ މީހަކަށްވެދާނެއެވެ.
މިވާހަކަ މިހެން ބުނަން މިޖެހެނީ ބައަކު ޤަބޫލުކުރިޔަސް އަދި ނުކުރިޔަސް ތަނަވަސްކަން ބޮޑު ގެދޮރުތަކުގައި މިއަދު އަންހެންދަރިންނަށް ރައްކައުތެރިކަން ކުޑަވީމައެވެ. އެކަން އެނގެނީ ހަމަ ތިއަ ލޮބުވެތި ކަނބަލުން ހުށަހަޅަމުން ގެންދާ ޝަކުވާތަކުންނެވެ.
ދޭންބޭނުންވެގެން މިއުޅޭ ނަޞޭޙަތަކީ އަންހެންދަރިއަކު ބަލަންޖެހިފައިވާ އެކަނިވެރިމައަކު ނަމަ އެންމެ ބޮޑަށް މިއަދު ސަމާލުކަންދޭންޖެހިފައިވަނީ އެދަރިފުޅަށް ކަމެވެ. ޝައިޠޯނީ ވަސީލަތްތައް ޢާންމުވެ ގެދޮރާއި ޖީބުގައި ހާލިހެދުމާއިއެކު މިއަދު ޢާންމުވަމުން މިއަންނަނީ ކުރިން ނެތް ބިރުވެރިކަންކަމެވެ. ނުރައްކައުތަކެވެ. އެކަމުގެ ޝިކާރައަކަށް ވަމުން މިދަނީ އަންހެންދަރިންނެވެ.
ދާދިފަހުންވެސް އަންހެނަކު ކިޔައިދިން ގޮތުގައި އޭނާގެ 13 އަހަރުގެ އަންހެންދަރިފުޅަށް އުފަންދުވަހުގެ ހަދިޔާއަކަށް ވަރަށް ގާތް މީހަކު ސްމާޓްފޯނެއް ދިނީ އޭނާ އެކަން ނުކުރަން ބުނަމުންދަނިކޮށެވެ. ފޯނު ގަނެގެން ގެންގޮސް ދަރިފުޅުގެ އަތަށް ދިނުމުން އެކަން ހުއްޓުވޭނެގޮތް ވެސް އޭނާއަކަށް ނުވިއެވެ. ދަރިފުޅު ނުލާހިކު ބޮޑަށް ބޭނުންވެގެން ހުރި އެއްޗަކަށްވާތީއެވެ.
އެކަމުގެ ނަތީޖާ އެނގޭހެއްޔެވެ؟ ދަރިފުޅާއި ސިއްރުން ގުޅުން އުފައްދައި ޗެޓްކުރަމުން ގޮސް އެންމެފަހުން އެފޯނަށް ނުބައި ފޮޓޯތަކާއި ވީޑިއޯތައްވެސް ފޮނުވަންފެށީއެވެ. އޭނާގެ ނުބައިކަމުން ދަރިފުޅު ސަލާމަތްކުރެވުނީ ހަމަކިރިޔާއެވެ. އެވަރުވީވެސް މަންމަ އެކަންކަމަށް ވަރަށް ބޮޑަށް ހޭލުންތެރިވެހުރެ ދަރިފުޅަށް ސިއްރުން ފޯނު ބަލަމުން ގެންދިއައީތީއެވެ.
ވިސްނައިލާށެވެ! ދުވާލަކު މިބާވަތުގެ ކިތައް ކަންކަން ހިނގާނެހެއްޔެވެ؟ ކިތައް ދަރިން މގުފުރއްދާނެ ހެއްޔެވެ؟ ވީމާ މިކަންކަމަށް މިއަދު މިވަނީ ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހިފައެވެ. މިއަދު ދުނިޔޭގައި އެންމެ ގިނައީ އެކަނިވެރިމައިން ކަމަށްބުންޏަސް އެއީ ދޮގަކަށްނުވާނެއެވެ. އެއިގެ ތެރެއިން އެތައް ހާސް އަންހެނުންނަކީ އެކަނިމާއެކަނި އަންހެންދަރިން ބަލަހައްޓަންޖެހިފައިވާ މައިންނެވެ.
ވީމާ އެދަރިންގެ ސަލާމަތާއި ރައްކައުތެރިކަމަކީ އެންމެ ބޮޑަށް އިސްކަންދޭންޖެހިފައިވާ ކަންތައް ކަމުގައި ހަދާށެވެ! ދުނިޔޭގެ ޒީނަތްތެރިކަމުގެ ތެރެއިން ކިތަންމެ ބައިވަރެއް ލިބުނަސް ކިތަންމެ ބޮޑު މުއްސަނދިކަމެއް ލިބުނަސް އެންމެ ދަރިއަކު މަގުފުރެދިގެންދިއުމާއިވެސް ނުބައްދަލުވާނެއެވެ. އެންމެ ދަރިއެއްގެ ޢިއްފަތްތެރިކަން ގެއްލުމުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެތީއެވެ.
އެކަނިވެރިޙާލުގައި އިންނައިރު އެހީތެރިކަމަށް ބޭނުންވާނެއެވެ. ތަނަވަސްކަން ހުރި ފިރިއަކަށް ބޭނުންވާނެއެވެ. އެހެނަސް މިބުނި ކަންކަމަށް ބަލައި ތަޤްވާވެރިކަން ނެތް މީހުންނާއި ކައިވެނިނުކުރާށެވެ! ކިތަންމެ ފަޤީރު ނަމަވެސް އެމީހަކު ﷲ ތަޢާލާއަށް ބިރުވެތިވެ، ކިޔަމަންތެރިވާ މިންވަރަށް އިސްކަންދީގެން ކައިވެނިކުރާށެވެ! ހަޤީޤީ އުފާވެރި ދިރިއުޅުމެއް ލިބޭނީ އެއިރުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފތުގެ ދަރުސަކުން