ތައުބާވާން މަސައްކަތްކުރާ މީހުންނަށް އެކަން ކާމިޔާބުވަމުން އަންނަ މިންވަރު ބަލައިލަން ބަލައިލެވިދާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ތައުބާވާން މަސައްކަތްކުރާ މީހުންނަށް އެކަން ކާމިޔާބުވަމުން އަންނަ މިންވަރު ބަލައިލަން ބަލައިލެވިދާނެ ބައެއް ކަންކަން-

މިރޭ މިކިޔައިދެނީ ތައުބާވާނެ ގޮތެއް ނޫނެވެ. ތައުބާވާން މަސައްކަތްކުރާ މީހުންނަށް އެކަން ކާމިޔާބުވަމުން އަންނަ މިންވަރު ބަލައިލަން ބަލައިލެވިދާނެ ބައެއް ކަންކަމެވެ.   

ބައެއް މީހުންނަށް ތައުބާވެވެނީ ވަރަށް ގިނަ ފާފަތައް ކުރެވޭ ފަހުންނެވެ! އެކިވަރުގެ ފާފަތަކެވެ! ތައުބާވުމަށްފަހު ބައެއް މީހުންގެ ހިތުގައި އުފެދޭނެ ސުވާލަކީ އަހަރެންގެ ތައުބާ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވައިފި ހެއްޔެވެ؟ 

މިދުނިޔޭގައި މި ސުވާލުގެ ފުރިހަމަ ޖަވާބު ހޯދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ! ފުރިހަމަ ޖަވާބު ލިބިގެންދާނީ ޤިޔާމަތް ދުވަހުންނެވެ. ނަމަވެސް ޔަޤީންކުރަންވީ ކަމަކީ އިޚްލާޞްތެރިކަމާއިއެކު ތައުބާ ވެވިއްޖެނަމަ އެކަން ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެކަމެވެ. ވަގުތުން ފާފަތައް ފުއްސަވައި ދެއްވަވާނެކަމެވެ. ވީމާ ސުވާލު އުފައްދަންޖެހޭނީ ތައުބާ ޤަބޫލުފުޅު ކުރެއްވެވި ކަމާއިމެދަކު ނޫނެވެ! އިޚްލާޞްތެރިކަމާއިއެކު ތައުބާވެވުނު ކަމާއިމެދުގައެވެ.  

ދެން އޮތީ ތައުބާ ޤަބޫލުފުޅުކުރެއްވެވިކަމަށް އުންމީދުކުރެވިދާނެ ޢަލާމާތްތަކެވެ. އެއިގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ:

1 ހިތުގައި ﷲ ތަޢާލާއަށް ލޯބި އިތުރުވުން

2 ފާފަކުރަން ބިރުވެތިވެވެން ފެށުން،

3 އިތުރަށް އަޅުކަންކުރަން ޝައުޤުވެރިވުން،

4 ޘަވާބުލިބިދާނެ ކިތަންމެ ކުޑަކަމެއްވެސް ދޫކޮށްލާހިތް ނުވާންފެށުން،

5 އަޚްލާޤަށް ހެޔޮ ބަދަލުތައް އަންނަން ފެށުން

6 ކޮންމެ ކަމެއް ކުރިނަމަވެސް އެކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ޢަމަލެއްކަން ޔަޤީންކޮށްފައި ނޫނީ ކުރަން ބޭނުންނުވުން ފަދަ ކަންކަމެވެ.  

ކުރިން ބަޔާންކުރިފަދައިން އިޚްލާޞްތެރިކަމާއިއެކު ކިތަންމެ ގިނައިން (ގިނަފަހަރު) ތައުބާވި ނަމަވެސް ތައުބާ ޤަބޫލުފުޅު ކުރައްވަވާނެތެވެ! ވީމާ އިޚްލާޞްތެރި ތައުބާއަކުން ތައުބާވާން މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން