އެންމެ ރަނގަޅު އަނބިންގެ ސިފަތަކަށްބަލާއިރު ލިބޭ މިންވަރުން ފުއްދުމާއި އަދި ކިރިޔާވެސް އިތުރުކުރެވޭނަމަ އިތުރުކޮށް ފަހަށް ރައްކާކުރާ އަނބިންނަކީ ޚާއްޞަ ވަނައެއް ދޭންޖެހޭ ބައެކެވެ.
މިޘާލަކަށް ބުނާނަމަ މަހަކު ކުޑަކުޑަ މިންވަރެއް ރައްކައުކުރަމުން ގޮސް ކުޑަކުޑަކުޑަ ކެޕިޓަލަކުން ދެމަފިރިން މަސައްކަތް ފަށައި ތަނަވަސްކަން ހޯދައިގެން ތިބި މީހުންވެސް މަދެއް ނޫނެވެ. ހަމައެއާއިއެކު ދިރިއުޅުމުގައި ކަމެއް މެދުވެރިވާ ވަޤުތު އެހެން މީހުންނަށް އާދޭސްނުކޮށް އެކަން ޙައްލުކުރެވޭނީވެސް އަތުގައި އެއްޗެއް ހުރިނަމައެވެ.
ހިތާމައަކީ މިއީ ޙަޤީޤަތް ނަމަވެސް ކައިވެނިކުރާއިރު އަނބިމީހާގެ މިފަދަ ރަނގަޅު ސިފަތަކަށް ނުބަލައި ކައިވެނިކުރާ ކަމެވެ. ޚަރދުކުޑަ ދިރިއުޅުމެއް އުޅޭނަމަ އެއީ ޒަމާނަށް ނުފެތޭ ބައަކު ކަމުގެ ވިސްނުން ގެންގުޅެވޭކަމެވެ.
އަހުރެންގެ ވިސްނުމުގައި ޒަމާނަށް ނުފެތެނީ ޚަރަދު ބޮޑު ދިރިއުޅުމެއް އުޅެން ބޭނުންވާ އަންހެނުންނެވެ. މިފަދަ ދަތި ދުވަސްވަރެއްގައި އުފަލުގައި ދިރިއުޅެވޭނީ ލިބޭ މިންވަރުން ފުއްދައިގެން ދިރިއުޅެން މަސައްކަތްކުރުމުން ކަމަށްވާތީއެވެ.
މިހާރަކަށް އައިސް ކައިވެނީގެ ކުރިން އަންހެނުންނަށް ނަގައިދޭ ފިލާވަޅުތަކުގައިވެސް އެންމެ ބޮޑަށް ސަމާލުކަންދޭ އެއްކަމަކީ ފުދުންތެރި ސިރިއުޅުމެއް އުޅުމެވެ. ލިބޭ މިންވަރުން އިޤްޠިޞޯދުކޮށްގެން އުޅުމެވެ. އެއީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.
އެކަމަށް އަންހެނުން ހޭލުންތެރިވިޔަސް އެކަމުގެ އަގު ފިރިހެނުން ވަޒަންކުރުމުން ނޫނީ އެކަމުގެ ފައިދާއެއް ނުފެންނާނެއެވެ. ގިނަ ފިރިހެނުންނަށް ކައިވެނިކުރުމުގައި އެމީހުންގެ "ހޮވުން" ކަމުނުދާކަން އެނގެނީ ބަނގުރޫޓުވާފަހުންނެވެ. ވީމާ މިކަންކަމަށް ފިރިހެނުންގެ ހޭލުންތެރިކަން އިތުރުކުރަން އެބަޖެހެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން