3 ފަށްވެއްޖެނަމަ ފަށް ނުކަނޑާ ދެމަފިރިންނަށް ކައިވެނިކުރެވޭނެ ގޮތެއް އޮވޭތޯ؟
ސުވާލުގެ ޖަވާބަކީ ފަށްކެނޑުމަކީވެސް ދީނުގައި އޮތްކަމެއް ނޫނެވެ. 3 ފަށްވެއްޖެނަމަ އަންހެން މީހާއަށް ޖެހޭނީ ދިރިއުޅުމުގެ ނިޔަތުގައި އެހެން މީހަކާއި ކައިވެނިކޮށްގެން ދިރިއުޅެން މަސައްކަތްކުރާށެވެ! ކުރީގެ ފިރިމީހާ އާއި ކައިވެނިކުރެވޭނީ އޭނާއާއިއެކު ދިރިނުއުޅެވިގެން ކައިވެނި ރޫޅިއްޖެނަމައެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
މިހާރަކަށް އައިސް ވަރަށް ކުދިކުދި ކަންކަމާއި ގުޅިގެން ވަރިބަސް އެބަ ބުނެއެވެ. އަދި ސަމާސައިގެ ގޮތުގައިވެސް އެބަ ބުނެއެވެ. މިއީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެކެވެ. އެހެނީ ވަރިކުރެވިއްޖެނަމަ އެކަން ވާނީ ވަރިއަކަށެވެ. ވަރިވެއްޖެ ނަމަ ރުޖޫޢަކުރަންދެން ދެމީހުން ވާނީ ހިލޭ މީހުންނަށެވެ.
ދެން އޮތީ ރުޖޫޢަކުރުމެވެ. އެއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އެކަމަށް ނިޔަތް ގަނެގެން ދެމީހުން ޖިމާޢުވިނަމަވެސް ރުޖޫޢަ ކުރެވުނީއެވެ. ނަމަވެސް މައްސަލައެއް އެބަ އޮތެވެ. އެއީ ފަށެއްވުމެވެ. ވަރިކުރުމުން ވަރިނުކުރާ ކަމަކަށް ނުވާނެއެވެ. ނުހެދޭނެއެވެ.
އަހުރެންނަށް ވަރަށް އަސަރުކުރި ޙާދިސާއެއްގެ ވާހަކަ ކިޔައިދޭނަމެވެ.
ޒުވާން ދެމަފިރިއަކު އަހުރެންގެ ގާތަށް އައެވެ. އެދެމަފިރިންނަށް ވަނީ ވަރަށް ކުދިކުދި ކަންކަމުގައި އުފެދުނު ދެބަސްވުންތަކުގައި 2 ފަހަރަށް ވަރިކޮށް އަމިއްލައަށް ރުޖޫޢަކޮށްފައެވެ. އެކަންކަން ހިނގާފައިވަނީ އެއްވެސް އެހެން މީހަކަށް ނުއެނގިއެވެ. އެނގެނީ ދެމަފިރިންނަށް އެކަންޏެވެ.
ދެން މިވީ ގޮތަކީ ދެމީހުންގެ މެދުގައި ޖެހުނު މައްސަލައެއްގައި 2،3 އެކުވެރިންގެ ތެރޭގައި ވަރިކުރެވުނީއެވެ. 3 ފަށްވީއެވެ. އެދެމަފިރިންވެސް އެކަން ޤަބޫލުކުރަން ބޭނުމެއް ނުވިއެވެ. ދެމީހުން ވަކިވާކަށް ބޭނުމެއް ނުވެއެވެ. އަނބިމީހާ އިތުރު މީހަކާ ކައިވެނިކުރާކަށް ބޭނުމެއް ނުވިއެވެ. ބޭނުންވަނީ އަނެއްކާވެސް ރުޖޫޢަކޮށްލައިގެން އެކުގައި އުޅޭށެވެ! ނަމަވެސް އެއީ އިސްލާމް ދީނުގައި އެކަން އޮތް ގޮތެއް ނޫނެވެ. އެފުރުޞަތު އެގޮތަކަށް ނުލިބޭނެއެވެ. އެކަން ވިސްނައިދެވުނީ ވަރަށް ގިނައިރުވަންދެން ވާހަކަދައްކައިގެންނެވެ. އެކަން ޤަބޫލުކޮށް ދެމީހުން ނުކުތީ ކަރުނަ އަޅައި ރޮމުންނެވެ.
މީސްތަކުންނޭވެ! ކިރިޔާ ކަމެއްވާއިރަށް ވަރިބަސް ނުބުނާށެވެ! މިފަދަ ދެރަ ގޮތެއް މެދުވެރިވެދާނެއެވެ. ލިބޭ ހިތްދަތިކަން ފޫބެއްދުމަކީ އެހައި ފަސޭހަކަމަކަށް ނުވާނެއެވެ. މިޘާލަކަށް އެ އަނހެން މީހާ ދެންކުރާ ކައިވެނީގައި ދިރިއުޅެފިނަމަ ލޯބިވެގެން ހުރި ފިރިމީހާ ޢުމުރަށް ބާކީވީ ނޫންހެއްޔެވެ؟ މިހިރީ ހަމަ ގިނައިން މެދުވެރިވާ ކަންކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ވަރިޔަކީ ސަމާސާ ކުރެވޭ އެއްޗެއް ނޫނެވެ. ޞަރީޙަ ޢިބާރާތަކުން މިޘާލަކަށް: ފިރިމީހާ އަނބިމީހާ އާއި ދިމާލަށް "ތިޔަހުރީ ވަރިކޮށްފަޔޭ" ބުނެފިނަމަ ވަރިވާނެއެވެ. ނަމަވެސް، ޞަރީޙަ ނޫން ޢިބާރާތަކުން ބުނެފިނަމަ، މިޘާލަކަށް: "މިގެއިން ނިކުމެގެން ދާށޭ"، ނުވަތަ މިނޫންވެސް ޞަރީޙަ ނޫން ޢިބާރާތެއް ބުނެފިނަމަ، ފިރިމީހާގެ ނިޔަތަށް ބަލަން ޖެހޭނެއެވެ. އޭނާގެ ނިޔަތަކީ ވަރިކުރުން ކަމަށްވަނީނަމަ ވަރިވާނެއެވެ. ނޫންނަމަ ވަރިއެއް ނުވާނެއެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް